އެމެރިކާއިން ސީރިއާއަށް އިތުރު ސިފައިން ފޮނުވައިފި

ސީރިއާގައި އެމެރިކާގެ ވެހިކަލެއް ހަރަކާތްތެރިވަނީ--

އެމެރިކާއިން ސީރިއާއަށް އިތުރު ސިފައިންނާ ހަނގުރާމަތީ ވެހިކަލްތައް ފޮނުވައިފި އެވެ.

މިއީ މިފަހަކަށް އައިސް ސީރިއާގައި ގާއިމްވެގެން ތިބޭ ރަޝިއާ ސިފައިންނާ ކޮންމެވެސް ވަރެއްގެ ކުރިމަތިލުމަކާ ދިމާވަމުންދާތީ އެޅި ފިޔަވަޅެކެވެ. އެގޮތޮން ރަޝިއާގެ ވެހިކަލަލުން ޖެހި އެމެރިކާގެ ހަތަރު ސިފައިން ދާދި ފަހުން ވަނީ ޒަހަމްވެފަ އެވެ.

ސީރިއާގައި ރަޝިއާގެ ސިފައިން ތިބެނީ ސީރިއާގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ. އެމެރިކާގެ ސިފައިން ސީރިއާގައި ތިބޭކަމަށް ރަޝިއާއިން ބޭނުމެއް ނުވެ އެވެ.

އެމެރިކާގެ ސިފައިން ޒަހަމްވި ހާދިސާއާ ގުޅޭގޮތުން ރަޝިއާއިން ބުނީ އެ ސަރަހައްދަށް ރަޝިއާގެ ސިފައިން ފޮނުވާކަން ކުރިން އެންގިކަމަށާއި ހާދިސާ ހިނގީ އެމެރިކާއިން ރަޝިއާގެ ސިފައިން އެ ސަރަހައްދުގައި ޕެޓްރޯލްކުރަން އުޅުމުން އެމެރިކާއިން އެކަމަށް ހުރަސް އެޅުމުން ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާން ނޭވީ ކެޕްޓަން ބިލް އާބަން ވިދާޅުވީ އެއްވެސް ބަޔަކާ ކުރިމަތިލިމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާގެ ކޯލިޝަންގެ ދިފާއުގައި ދެމިތިބޭނެ ކަމަށެވެ.

އެމެރިކާގެ ސީނިއާ އޮފިޝަލެއް ވިދާޅުވީ ސީރިއާގެ އިރުމައްޗަށް 100 އެއްހާ އެމެރިކާގެ ސިފައިން ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ފަހަކާ ޖެހެންދެން އެމެރިކާގެ 1000 އެއްހާ ސިފައިން ސީރިއާގައި ގާއިމްވެގެން ތިއްބެވެ. ނަމަވެސް ފަހުން ވަނީ އެ އެންމެން ކަހަލަ ގޮތަކަށް ބާލައި ސީރިއާގެ އުތުރުގައި ހުންނަ ތެޔޮ ނަގާ ތަންތަން ދިފާއުކުރަން ކަމަށް ބުނެ 100އެއްހާ ސިފައިން ބައިތިއްބައިފަ އެވެ.--- ބީބީސީ/ރޮއިޓާސް

comment ކޮމެންޓް