މައުސޫމް ވިދާޅުވަނީ ރައްޔިތުން ދިން އިތުބާރު ގެއްލުވާނުލާނެ ކަމަށް

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަހުން ޓޫރިޒަމް މިނިސްޓަރަކަށް އައި، ކޮންމެ ބޭފުޅަކާ ގުޅޭ ގޮތުން ކޮރަޕްޝަނެއް ނުވަތަ ފަސާދައިގެ ކޮންމެވެސް ތުހުމަތެއް ކުރެވެ އެވެ. ކުރީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުން ނެކޭ އެއްބީދައިން މި ސާރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ފުރަތަމަ އައްޔަން ކުރި އަލީ ވަހީދަށްވެސް ސީރިއަސް ތުހުމަތުތަކެއް ކޮށް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

އަލީ ވަހީދަށް ފަހު އިހަށް ދުވަހު ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގަތީ، ދާއިރާގައި ތަޖުރިބާ ހުރި ޑރ. އަބްދުﷲ މައުސޫމެވެ. މައުސޫމު ދެކެވަޑައިގަންނަވާ ގޮތުގައި، އެފަދަ ތުހުމަތުތަކެއް އެ މިނިސްޓަރުންނަށް ކުރެވުމާ ގުޅިގެން މިނިސްޓްރީއާ މެދު ވަރަށް ބޮޑަށް ރައްޔިތުންގެ އިތުބާރު ގެއްލި ވަނީ ތަސައްވަރު ކިލަނބުވެފަ އެވެ. އަދި އޭނާގެ އެއް އަމާޒަކަށް ވަނީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުން ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީގައި މިފަހަކަށް އައިސް ހިނގައިދިޔަ ކަންކަތަކަށްފަހު، މިނިސްޓްރީއާ ދޭތެރޭ އޮތީ އިތުބާރު ގެއްލިފައި. ވަރަށް ހިތާމަހުރި ކަމެއް އެއީ. ރާއްޖޭގެ އިގްތިސޯދުގެ މައި ހަރަކާތް ފަތުވެރިންކަން ޖެހޭނެ ދެއްތޯ ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ވާން. އަޅުގަނޑުގެ އަމާޒަކީ އެގޮތަށް މަސައްކަތް ކުރުން،" މިދިޔަ ބުރާސްފަތި ދުވަހު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގައި މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މޮޅެތި ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާ ބޭނުން ވަނީ އަމަލުން ކަންކަން ރަނގަޅު ކުރާތަން ދައްކަންށެވެ. އެގޮތުން މިވީހާ ދުވަހު އޭނާ ޒިންމާދާރު މަގާމުތައް ފުރުއްވި އިރުވެސް އެފަދަ ތުހުމަތުތަކެއް ކޮށްފައި ނުވާކަމަށް މައުސޫމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރިން، މިތަނުގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރިން. އިންވަޔަރަމަންޓް މިނިސްޓަރު ކަންވެސް ކުރިން. މަޖިލިސް މެމްބަރެއްގެ ގޮތުގައިވެސް ހުރިން. އަޅުގަނޑު ހިތް ހަމަ ޖެހެނީ މިހާތަނަށް އައިރު ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރާކަން. އަޅުގަނޑުގެ އުންމީދަވެސް އަދި އަޒުމަކީވެސް ރައްޔިތުން އަޅުގަނޑަށް ކުރާ އިތުބާރު އެގޮތުގައި ބޭއްވުން،" 1985 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ އަދައިގެ ވަޒީފާއަކުން ސިނާއަތަށް ވަދެވަޑައިގެންނެވި މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް ބުނަން ފަސޭހަވި ނަމަވެސް، އެކަމުގެ ނަތީޖާ ރައްޔިތުންނަށް ގަބޫލުކޮށް، ރައްޔިތުން ދެކޭ ގޮތް ބަދަލުވާން ދުވަސް ނަގާނެ އެވެ.

"ޓޫރިޒަމް މިނިސްޓްރީއަކީ، ފުރިހަމައަށް ރައްޔިތުން އިތުބާރު ލިބޭ މިނިސްޓްރީއަކަށް ހަދާނަން.. ރައްޔިތުން މި ހުރިހާ ދުވަހު އަޅުގަނޑަށް ކުރި އިތުބާރު ނަގާލަން ޖެހޭ އެއްވެސް ކަހަލަ ކަމެއް ކުރުމުގެ ބޭނުމެއް ނެތް. އިންސާނަކަށް އެންމެ މުހިންމު ވާނީ އޭނާއަށް މީހުން އިތުބާރު ކުރުން. އަޅުގަނޑަށް އެންމެ މުހިންމީ އެކަންތައް،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮވިޑް-19އަށް ކުރި ހަރަދުތަކާ ގުޅިގެން އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވެސް ވަނީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. އެގޮތުން އެ މިނިސްޓްރީން ހަރަދު ކުރި 26 މިލިއަން ރުފިޔާގެ ތެރެއިން 99 ޕަސެންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނައިރު، މައުސޫމު ވަނީ މަގާމާ ހަވާލުވުމަށްފަހު އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.

ކޮންމެއަކަސް މައުސޫމް އެ ހުންނެވީ، މިނިސްޓްރީއަކީ ކޮރަޕްޝަންގެ ވަކިތަކުން ސަލާމަތްވެފައިވާ ނަމޫނާ މިނިސްޓްރީއަކަށް އެ މިނިސްޓްރީ ހެދުމަަށް އަޒުމުގަ އެވެ. ސުވާލަކީ، މައުސޫމަށް އެކަން ކުރެވިދާނެތޯ އެވެ؟ ތާރީހުގައި އެ މިނިސްޓްރީ ހަވާލުވާ ވަޒީރުންގެ ނަން ހަޑިވިއިރު، މައުސޫމް އެފަދަ ބޭފުޅަކަށް ނުވާނެ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ލިބޭނީ މައުސޫމްވެސް ވިދާޅުވި ފަދައިން އަމަލުން ކަންކަން ދައްކައިގެންނެވެ. މައުސޫމް ހުންނެވީ، އެ އަޒުމުގަ އެވެ.

comment ކޮމެންޓް