އިނގިރޭސިވިލާތުގެ މަންދޫބެއްގެ މަގާމުން އާމާލް ކްލޫނީ އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ މަންދޫބުގެ މަގާމުން އާމާލް ކްލޫނީ ވަނީ އިސްތިއުފާ ދެއްވާފަ -- ފޮޓޯ: ގެޓީ

ލަންޑަން (ސެޕްޓެމްބަރު 19): އިނގިރޭސިވިލާތުގެ ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ މަންދޫބުގެ މަގާމުން އާމާލް ކްލޫނީ އިސްތިއުފާ ދެއްވައިފި އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބްއަށް ކްލޫނީ އިއްޔެ ލިޔުއްވި ސިޓީއެއްގައިވާ ގޮތުން އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ސަރުކާރުން ޕާލިމެންޓަށް ހުށަހަޅާފައިވާ އިންޓާނަލް މާކެޓް ބިލާ ހެދި އެވެ.

އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމާ ގުޅުން ހުރި އެ ބިލް ފާސްކޮށްފި ނަމަ، މިދިޔަ ޖެނުއަރީ މަހު އެ ދެ ފަރާތުން ސޮއި ކުރި ބްރެކްޒިޓް އެއްބަސްވުމާ ހިލާފަށް އަމަލު ކުރުމުގެ ބާރު އިނގިރޭސި ސަރުކާރަށް ލިބޭނެ އެވެ.

"ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ވާނެ ކަމަށް ސަރުކާރުން އަމިއްލައަށް އިއުތިރާފުވެފައިވާ އިންޓާނަލް މާކެޓް ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. އަދި [ސަރުކާރުގެ] ހިޔާލު ބަދަލު ކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނުލިބޭތީ، އަޅުގަނޑަށް ވަނީ އިސްތިއުފާ ދޭން މަޖުބޫރުވެފަ،" ކްލޫނީ ވިދާޅުވި އެވެ.

ބްރެކްޒިޓް އެއްބަސްވުމާ ބެހޭ ގޮތުން އިނގިރޭސިވިލާތާއި އީޔޫއާ ދެމެދު އެންމެ ބޮޑަށް ދެބަސްވުން އުފެދިފައިވާ އެއް ކަމަކީ ދެ ފަރާތުގެ މެދުގައި މުދާ ބަދަލު ކުރުމާ ބެހޭ ގޮތުންނެވެ. އަދި އިނގިރޭސިވިލާތުގެ ނޮދަން އަޔަލޭންޑާއި އީޔޫގެ ރިޕަބްލިކް އޮފް އަޔަލޭންޑަކީ އެއްގަމު ބޯޑަރެއް ހިއްސާ ކުރާ ދެ ގައުމު ކަމަށްވުމުން އެ ސަރަހައްދުގައި މުދާ ބަދަލު ކުރާނެ ގޮތާ ބެހޭ ގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ނަމަވެސް ނަދަން އަޔަލޭންޑާއި ރިޕަބްލިކް އޮފް އަޔަލޭންޑުގެ ބޯޑަރު މައްސަލައަކީ ނާޒުކު މައްސަލައެއް ކަމުން އެ ސަރަހައްދުގައި ދެ ފަރާތް ވަކި ކުރަން ބޯޑަރު ޕޯސްޓުތަކާއި ކެމެރާތައް ހަރު ކުރުން ރަނގަޅު ނޫން ކަމަށް އީޔޫ އާއި އިނގިރޭސިވިލާތުންވެސް ވަނީ އެއްބަސްވެފަ އެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ސޮއި ކުރި ބްރެކްޒިޓް އެއްބަސްވުމުގައި ވަނީ ނަދަން އަޔަލޭންޑާއި ރިޕަބްލިކް އޮފް އަޔަލޭންޑުގެ ބޯޑަރުގައި އީޔޫގެ ޗެކް ޕޮއިންޓުތައް ބެހެއްޓުމުގެ ބަދަލުގައި، ޔޫކޭގެ އެހެން ސަރަހައްދުތަކުން ނޮދަން އަޔަލޭންޑަށް ފޮނުވާ އުފެއްދުންތައް އީޔޫގެ ހަމަތަކަށް ފެތޭތޯ ބަލަން ނިންމާފަ އެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ޕާލިމެންޓުން މިހާރު ބަހުސް ކުރަމުންދާ އިންޓާނަލް މާކެޓް ބިލް ފާސްކޮށްފި ނަމަ، ބްރެކްޒިޓް ބިލުގެ ނަދަން އަޔަލޭންޑާ ގުޅުން ހުރި ގަވާއިދުތަކާ ހިލާފުވުމަށް ސަރުކާރަށް ފުރުސަތު ލިބޭނެ އެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވުން ކަމަށް އަޔަލޭންޑުގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރޭންޑަން ލުވިސް ވިދާޅުވި އެވެ.

އިނގިރޭސި ސަރުކާރުގެ ލީގަލް ޑިޕާޓްމެންޓުގައި އެންމެ އިސްކޮށް ހުންނެވި ޖޮނަތަން ޖޯންސްވެސް މިމަހުގެ އަށެއްގައި އިސްތިއުފާ ދެއްވީ އެ ބިލާ ހެދި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް