ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވަންސް ދޫކޮށްފި

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާއި ގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް ފުލުހުންނާއި ސިފައިންނަަށް އިއްޔެ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ބުނީ، އެމްއެންޑީއެފްއާއި ފުލުހުންގެ މުއައްސަސާގެ 6،518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ފްރަންޓްލައިން އެލަވަނެސްގެ ގޮތުގައި ޖަމާކޮށްދީފައިވާ ކަމަށެވެ.

އެއީ 3،148 ފުލުހަކަށް 20.5 މިލިއަން ރުފިޔާ އަދި 3،334 ސިފައިންނަށް 24 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ، އިއްޔެ ފުލުހުންނާއި ސިފައިންނަށް ދޫކުރި ފްރަންޓްލައިން އެލަވަންސް ފައިސާއާއެކު މިހާރު ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ޖުމްލަ 78 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

ކޮވިޑް ފްރަންޓްލައިން އެލަވަންސް ދެނީ، ރާއްޖެއިން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނުނު ދުވަސްކަމަށްވާ މާޗު ހަތަކުން ފެށިގެން ސަރުކާރުގެ ކޮވިޑް-19 އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ.

ތިން ކެޓަގަރީ އަކަށް ބަހާލައިގެން މި އެލަވެންސް ދޭއިރު ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ، އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދޭން ނިންމި އެވެ.

comment ކޮމެންޓް