ސުޕްރީމް ކޯޓަށް 12 އަހަރު: "އެންމެ ގިނަ މައްސަލަ ނިންމީ ފާއިތުވި އަހަރު"

މިއަދު ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވާހަކަފުޅު ދައްކަވަނީ --

ސުޕްރީމްކޯޓުގެ 12 އަހަރުގެ ހަޔާތުގައި އެންމެ ގިނައިން މައްސަލަތައް ބަލައި، ހުކުމް ކުރީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެ އެވެ.

މިއަދު ސުޕްރީމްކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދެއްވި މެސެޖުގައި އުއްތަމަފަނޑިޔާރު މައިގަނޑު ގޮތެއްގައި ވާހަަކަފުޅު ދެއްކެވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހޯދިފައިވާ ކުރިއެރުންތަކާއި، މުސްތަގުބަލުގައި ހޯދަން ބޭނުންވާ ކުރިއެރުންތަކާ ގުޅޭގޮތުންނެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު ކުރިއެރުންތައް ފާހަގަކުރައްވައި، އުއްތަމަފަނޑިޔާރު ވިދާޅުވީ، މި އަހަރަކީ ސުޕްރީމްކޯޓުގެ 12 އަހަރުގެ ހަޔާތުގައި އެންމެ ގިނައިން އަޑުއެހުންތައް ތާވަލު ކުރެވި އެންމެ ގިނަ އަޑުއެހުންތައް ބާއްވައި، އެންމެ ގިނައިން މައްސަލަތައް ނިންމި އަހަރު ކަމަށެވެ.

އެކަމާ ގުޅޭ ތަފާސްހިސާބުތަކެއްވެސް އެމަނިކުފާނު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުުގައި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި 251 އަޑުއެހުމެއް ބާއްވައި 49 މައްސަލައެއްގައި ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ކުރީ 11 އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް އެވަރެޖުކޮށް އެ ކޯޓުން ނިންމީ 24 މައްސަލަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 18އިން މި އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ވަނީ ބޭއްވިފައި. ވޭތުވެދިޔަ 11 އަހަރު ދުވަހު ނިމުނު މައްސަލައިގެ އެވަރެޖަކީ [އަހަރަކު] 24. ނަމަވެސް، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމް ކުރެވިފައިވޭ. އަދި ސުޕްރީމްކޯޓަށް ބަލައިގަތުމާ މެދު 13 މައްސަލައެއްގައި ގޮތް ނިންމައި، 5 މައްސަލައެއް އިޖުރާއީ ގޮތުން ބެލިފައިވޭ. މިއީ ކުރީ އަހަރުތަކުގެ އެވަރެޖާ އަޅާބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި ފާހަގަކުރަން،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޯޓަށް ގެނެވުނު ޒަމާނީ ބަދަލުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ޝަރީއަތްތަކުގެ އޯޑިއޯ ރިކޯޑިންތައް އަޑުއެހޭނެހެން އަޑުއެހުންތަކުގެ އޯޑިއޯ އެ ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައިވާކަން ފާހަަގަކުރެއްވި އެވެ.

އަދި ޝަރީއަތްތައް ޒަަމާނީ ވަސީލަތްތަކާއެކު ކުރިއަށްގެންދިޔުމާ ގުޅޭ ގަވައިދެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ޖޫން 2، 2020ގައި ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުމެއް ބޭއްވިކަން ފާހަގަކުރެއްވި އެވެ. އަދި އެ ފަހުން އަޑުއެހުންތައް ބާއްވަމުން ގެންދަނީ ލައިވްކޮށް ދުރަށް ދައްކައިގެންކަންވެސް ފާހަގަކުރެއްވި އެވެ.

މައްސަލަތައް ހުށަހަޅާއިރު، ގިނަ އަދަދެއްގެ ކޮޕީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހަސްމުންނަށް ފަސޭހަވާނެހެން ޝަރީއަތާ ގުޅުންހުރި ފޯމުތަކަށާއި ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މުސްތަގުބަލުގައި ސުޕްރީމްކޯޓުގެ މާލަންތަކުގައި ބޭއްވޭ އަޑުއެހުންތައްވެސް ލައިވްކޮށް ދުރަށް ދައްކައިގެން ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ކަރުދާހާ ނުލައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތްތައް ކުރިއަށްގެންދިޔުމަކީވެސް އެ ކޯޓުގެ އެއް އަމާޒުކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

"އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަސައްވުރާއެކު އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލިސްތައް ޕޭޕާލެސްކޮށް، އިލެކްޓްރޯނިކްކޮށް، ފަސޭހަކަމާއި ހަލުވިކަމާއެކު ކޯޓުގެ މަސައްކަތްތައް ބައްޓަންކުރުމަށް،"

ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ސުޕްރީމްކޯޓަކީ ފަސޭހަކަމާއެކު އަދުލުއިންސާފަށް ވާސިލުވެވޭނެ މަގުފަހިވެފައިވާ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމްކުރުމުގެ މަސައްކަތުގައި ދެމިތިބުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަކީ ފަސޭހަކަމާއެކު އަދުލުއިންސާފަށް ވާސިލުވެވޭނެ މަގުފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެގޮތެއް ނެތި ދެމިތިބުން،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

comment ކޮމެންޓް