އިންޓަނެޓަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހަދައިދީ، ވަސީލަތުން މަހްރޫމް ނުކުރޭ: ޚުތުބާ

ކުޑަކުއްޖަކު ޓީވީ ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޓަނެޓަކީ ކުދިންނަށް މުހިންމު ވަސީލަތަކަށް ވާއިރު، ރައްކާތެރިކަމާއެކު އެ ވަސީލަތް ބޭނުންކުރާނެ ގޮތް ބުނެދީ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ ހާއްސަކޮށްފައިވަނީ އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމުގެ މައުޟޫއުއަށެވެ. ޚުތުބާގައި، ދަރިންނަކީ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމާއި އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައިފައިވެއެވެ.

އިންޓަނެޓަކީ މި ޒަމާނުގައި ކޮންމެ މީހެއްގެ ދިރިއުޅުމަށް ވެސް ބޭނުންޖެހިފައިވާ އެންމެ މުހިންމު އެއް ވަސީލަތްކަމާއި، އަދި އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ އެއީ ވަރަށް ބޮޑު ނިއުމަތެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"އާއިލީ ގުޅުން ބަދަހިކުރުމާއި، އުނގެނުމާއި، މައުލޫމާތު ބަދަލުކުރުމާއި، މި ނޫންވެސް ދިރިއުޅުމުގެ ކޮންމެ ދިމާއަކަށް ފަސޭހަކަމާއި ލުއިކަން ގެނެސްދެވޭނެ ފަދަ ވަސީލަތެކެވެ." ޚުތުބާގައިވެއެވެ.

އެގޮތުން ކޮވިޑް19 އާ ގުޅުގެން ސްކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންގޮސް ދަރިވަރުންގެ ކިޔެވުން އެއްކޮށް މެދުކެނޑިގެން ނުދާނެ ގޮތަކަށް ހަމަޖެއްސުނުކަން ޚުތުވާގައި ފާހަގަކޮށްފައިވެއެވެ.

އިންޓަނެޓުގެ ސަބަބުން މިފަދަ ފަސޭހަތަކެއް ލިބިގެން ދިޔަ ނަމަވެސް، އެ ނިއުމަތުގެ ބޭނުން ނަހަމަގޮތުގައި ހިފާ ބަޔަކު ވެސް އުޅޭކަން ވިސްނަންޖެހޭކަމަށް ޚުތުބާގައި ވެއެވެ.

މައިންބަފައިންނަށް އެތައް ނަސޭހަތެއް!

މައިންބަފައިންނަށް ހާއްސަކޮށް ޚުތުބާގައި ބުނެފައި ވަނީ، ކިޔެވުމަށްޓަކައި ކުދިން އިންޓަނެޓުގެ ބޭނުން ކުރަން ޖެހުނު ނަމަވެސް، އިންޓަނެޓަކީ އޭގެ އަޑި ނޭނގޭހާ ފުން، ނުރައްކާތެރި، ކަނޑެއް ފަދަ ވަސީލަތެއް ކަމަށެވެ.

"ނުވަތަ އެތަނުގެ އެތެރޭގެ ނުރައްކާތެރިކަން ނޭނގޭހާ ބޯ ޖަންގައްޔެއް ފަދަ އެއްޗެކެވެ. އެތަނުގައި އުޅޭނެ ރައްކާތެރި ގޮތްތައް ދަރިންނަށް ދަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ." ޚުތުބާގައިވެއެވެ.

އެގޮތުން ކުދިންނަށް ޒިންމާދާރު، ޑިޖިޓަލް ރައްޔިތަކަށް ވެވޭވެ ގޮތްތަކާއި މަގުތައް ދައްކައިދީ، އިންޓަނެޓް މެދުވެރިކޮށް އަތުވެދާނެ ނުރައްކާތެރި ހަމަލާއެއްގެ ޝިކާރައަކަށް ނުވެ، އަމިއްލަ ނަފްސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރާ ހާލުގައި، އިންޓަނެޓުގެ ބޭނުންކުރަން ކުދިންނަށް ދަސްކޮށްދިނުމަށް ޚުތުބާފައި ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު އިންޓަނެޓު މެދުވެރިކޮށް ހިއްސާކުރާ ކޮންމެ އެއްޗަކީ، އެކުދިންނާ ދެކޮޅަށް ނަހަމަގޮތުގައި ބޭނުންހިފިދާނެ އެއްޗެއްކަން ވިސްނައިދީ، އިންޓަނެޓު މެދުވެރިކޮށް ގޯސް މަގުތަކުން ކުދިން ގެންދިއުމަށް މަސައްކަތްކުރާ މީހުންގެ މަޅީގައި ނުޖެހި ތިބެން އެކުދިންނަށް ދަސްކޮށްދޭން ވެސް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

"އިންޓަނެޓުގެ ތެރެއިން ނުދަންނަ މީހުންނާ ވާހަކަ ނުދެކުމަށް ދަރިންނަށް ދަސްކޮށްދެއްވާށެވެ. ތިމާގެ ޒާތީ މައުލޫމާތުތަކާއި ޕާސްވޯޑުތައް ފަދަ ތަކެއްޗަކީ އެއްވެސް ފަރާތަކާ ހިއްސާކުރެވިގެން ނުވާނެ މައުލޫމާތުތަކެއްކަން ދަރިންނަށް ދަސްކޮށްދެއްވާށެވެ. އިންޓަނެޓު މެދުވެރިކޮށް އެކަނި ކޮޓަރިއެއްގެ ތެރޭގައި ހުރެގެން، އެތަކެތި ބެލުމަށް ލޯތައް ލަދުވެތިވާ ފަދަ މަންޒަރުތައް ނުބެލުމަށް އެކުދިންނަށް ދަސްކޮށްދެއްވާށެވެ."

ހަމައެއާއެކު އެއްވެސް ބެލުމެއް ނެތި، އިންޓަނެޓު ބޭނުންކުރާނެ ރައްކާތެރި ގޮތްތައް ދަސްކޮށްނުދީ، އެއްވެސް ހިފެހެއްޓުމެއް ނެތި، ދަރިން އިންޓަނެޓުގެ ދުނިޔެއަށް ދޫކޮށްލުމަކީ އެކުދިން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެގެންދާ ސަބަބެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ބަރަހަނާ މަންޒަރުތަކުގެ ތެރެއަށް އެކުދިން ހުޅުވި، މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކުގެ ތެރެއަށް ގެންދިއުމަށް ދޫކޮށްލެވޭ މަގަކަށް ވެސް އިންޓަނެޓު ވެގެންދާކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން އިސްލާމްދީނާމެދު ޝައްކު އުފައްދައި، އެކުދިންގެ ހިތްތަކުން އީމާންކަން ފޮހެލުމަށް ބަޔަކު ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް، ނޭނގި ތިބެ ދެވޭ އެއްބާރުލުމަކަށް ވެސް އެކަން ވެގެންދާކަމަށް ބުނެފައިވެއެވެ.

އަދި އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަމާއި ހައްދުފަހަނައަޅައި ދިއުމުގެ ތެރެއަށް ދަރިން ގެންދާ މީހުން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން ދަނީވެސް އިންޓަނެޓު ބޭނުންކޮށްގެންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އޮންލައިން ގޭމްތަކާއި، ސޯޝަލް މީޑިއަގެ ވަސީލަތްތައް މެދުވެރިކޮށް ކުދިން ޝިކާރަކުރާ މީހުންނާމެދު ބެލެނިވެރިން ހޭލާ ތިބުމަށާއި މައިންބަފައިންގެ ސީދާ ބެލުމުގެ ދަށުން މެނުވީ، އެފަދަ ވަސީލަތްތަކުގެ ތެރެއަށް ކުދިން ދޫނުކުރުމަށް ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައިވެއެވެ.

އެހެންކަމުން ދަރިންނަށް އިންޓަނެޓުގެ ވަސީލަތް ބޭނުންކުރަން ދޭއިރު ޕޭރެންޓަލް ކޮންޓްރޯލް އަދި ފެމިލީ ސޭފްޓީ ފަދަ ކަންކަން ފުރިހަމަކޮށްފައިވާކަން ޔަގީންކުަން ވެސް ގޮވާލާފައިވެއެވެ.

"މިކަންތައް ނުކޮށް ދަރިން އިންޓަނެޓުގެ ބޮޑު ބިޔަ ދުނިޔެއަށް ދޫކޮށްލުމުގެ ނަތީޖާ ހިތި ގޮތެއްގައި ފެނުމަކީ ދުރުގައިވާ ކަމެއް ނޫނެވެ." ޚުތުބާގައިވެއެވެ.

އިންޓަނެޓާ މުޅިން ދުރުކުރުން ރަނގަޅެއް ނޫން!

އިންޓަނެޓުގެ ސަބަބުން ކުދިންނަށް ނުރައްކާވާ ކަމަށް ބުނެ އެކުދިން އިންޓަނެޓާ އެއްކޮށް ދުރުކޮށް ގެންގުޅުމަކީ، ބަވަނަވެފައިވާ ދުނިޔޭގައި ގޮންޖެހުންތަކާ ކުރިމަތިލާން އެކުދިންނަށް ކުރިމަތިވެދާނެ ބޮޑު ހުރަހަކަށް ވެގެން ހިނގައިދާނެ ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މައްސަލައަށް އޮތް ހައްލަކީ ކުދިން އިންޓަނެޓުގެ ވަސީލަތްތަކުން މަހްރޫމް ކުރުން ނޫން ކަމަށާއި، ރައްކާތެރި ގޮތުގައި އިންޓަނެޓުގެ ފައިދާ ހޯދާނެ ގޮތް ދަރިންނަށް ދަސްކޮށްދީގެން ކަމަށް ބުނެފައިވެއެވެ.

އެއްވެސް ކުއްޖަކަށް އިންޓަނެޓުގެ ވަސީލަތެއް މެދުވެރިކޮށް އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ކުރިމަތިވާނަމަ، އެކަމެއް ސިއްރުކުރުމުގެ ބަދަލުގައި މައިންބަފައިންނާ ހިއްސާކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އަދި އެފަދަ އެއްވެސް ނޭއްގާނީ ކަމަކަށް، ދައްކާ ބިރަކަށް ދީލާނުލުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް