ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ޚުތުބާގައި ގޮވާލައިފި

ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓުތަކަށާއި، އިސްލާމްދީނާ ހިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަށް އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންނަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ ހާއްސަކޮށްފައިވަނީ އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމުގެ މައުޟޫއުއަށެވެ. ޚުތުބާގައި، މައިންބަފައިންނަށާއި، އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ގިނަ ނަސޭހަތްތަކެއް ދީފައިވެއެވެ.

އައިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ޚުތުބާގައި ބުނެފައި ވަނީ ހެޔޮ، ޒިންމާދާރު ޑިޖިޓަލް ރައްޔިތެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނާއެކު އެފަރާތްތަކުގެ ޒިންމާވެސް ނުހަނު ބޮޑު ކަމަށެވެ.

އެހެންކަމުން އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތައް، ކުދިންނަށައި އެކުދިންގެ ބެލެނިވެރިންނަށް ދަސްކޮށް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންނަށް ހާއްސަކޮށް ޚުތުބާގައި ބުނެފައި ވަނީ، އެފަރާތްތަކުގެ އަތްމަތިން ދިވެހި މުސްލިމް އުންމަތަށް ލިބެމުންދާ އިންޓަނެޓުގެ ހިދުމަތުގެ ފަސޭހަކަމަކީ އެއާމެދު އިންކާރު ނުކުރެވޭނެ ކަމެއް ކަމަށެވެ.

ހަމައެއާއެކު ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓުތަކަށާއި، އިސްލާމްދީނާ ހިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަކީ ވެސް އެފަރާތްތަކުގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.

"އެހެންކަމުން، އެފަދަ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްދެއްވުމަށް މިމިންބަރު މަތިން ގޮވާލަމެވެ. ﷲ ތަޢާލާ ތިޔަބޭފުޅުންގެ ވިޔަފާރީގައި ބަރަކާތްލައްވާށިއެވެ،" ޚުތުބާގައިވެއެވެ.

އިންޓަނެޓަކީ މި ޒަމާނުގައި ކޮންމެ މީހެއްގެ ދިރިއުޅުމަށް ވެސް ބޭނުންޖެހިފައިވާ އެންމެ މުހިންމު އެއް ވަސީލަތްކަމާއި، އަދި އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ އެއީ ވަރަށް ބޮޑު ނިއުމަތެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިންޓަނެޓުގެ ސަބަބުން މިފަދަ ފަސޭހަތަކެއް ލިބިގެން ދިޔަ ނަމަވެސް، އެ ނިއުމަތުގެ ބޭނުން ނަހަމަގޮތުގައި ހިފާ ބަޔަކު ވެސް އުޅޭކަން ވިސްނަންޖެހޭކަމަށް ޚުތުބާގައި ގޮވާލިއެވެ.

އޭގެ އިތުރުން އިސްލާމްދީނާމެދު ޝައްކު އުފައްދައި، ކުދިންގެ ހިތްތަކުން އީމާންކަން ފޮހެލުމަށް ބަޔަކު ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް، ނޭނގި ތިބެ ދެވޭ އެއްބާރުލުމަކަށް ވެސް އެކަން ވެގެންދާކަމަށް ބުނެފައިވެއެވެ.

އަދި އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަމާއި ހައްދުފަހަނައަޅައި ދިއުމުގެ ތެރެއަށް ދަރިން ގެންދާ މީހުން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން ދަނީވެސް އިންޓަނެޓު ބޭނުންކޮށްގެންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އޮންލައިން ގޭމްތަކާއި، ސޯޝަލް މީޑިއަގެ ވަސީލަތްތައް މެދުވެރިކޮށް ކުދިން ޝިކާރަކުރާ މީހުންނާމެދު ބެލެނިވެރިން ހޭލާ ތިބުމަށާއި މައިންބަފައިންގެ ސީދާ ބެލުމުގެ ދަށުން މެނުވީ، އެފަދަ ވަސީލަތްތަކުގެ ތެރެއަށް ކުދިން ދޫނުކުރުމަށް ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައިވެއެވެ.

comment ކޮމެންޓް