މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާﷺ ހަދީސް ކުރެއްވިއެވެ. ( ކޮންމެ މުހިއްމު ކަމެއް ފެށުމުގައި ﷲގެ އިސްމުފުޅުގެ ބަރަކާތުން އެކަމެއް ނުފަށައިފިނަމަ އެއީ އުނި. ބަރަކާތެއް ނެތް ކަމެއްކަމުގައި ނޫނީ ނުވާ ހުއްޓެވެ. )

***

ކޮޓަރިތެރޭ މީހުން ތައް ވާހަކަދައްކާ އަޑު އިވިފައި ކެމީލާ ހުރީ ފާޚާނާއިން ނިކުންނަން ޖެހިލުންވެފައެވެ. ފޯނު އަތުގައި އޮތުމުން ޒައިރާއަށްވެސް ވައިބާ ކޮށްފައި ބޭރުގައި އުޅެނީ ކޮން ބަޔެއްތޯ އަހާލައިފިއެވެ. ޚަބަރެއްނުވެ ހުއްޓާ އަރީޖް ގުޅާފައި ދިން ހިތާމަވެރި ޚަބަރުން ކެމީލާ ހުއްޓުން އެރިއެވެ. މަރަކީ ހާދަ ގާތުގައިވާ އެއްޗެކެވެ. އޭނައާއި ތާނީ މަރާއި ހަގުރާމަކުރަމުން ދަނިކޮށް ސިއްހަތު ސަލާމަތުން ހުރި ޒުވާނަކު ކުއްލިއަކަށް މި ދުނިޔެއާއި އަލްވަދާއު ކީއެވެ. އަރީޖްއަށް ހިތްވަރުދޭން ބޭނުންކުރާނެ ލަފުޒުތަކެއް ނުވިސްނުނަސް އޭނަ ހިތްވަރު ދިނެވެ. އަރީޖްގެ ދޮންބެއަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެވުނެވެ.

ބަލިވެ އުޅުނަސް އޭނަ އެގެއަށް ދާނެއެވެ. ސަބަބަކީ އޭނަ ނިކަމެތިވީ ދުވަހު އެންމެ އަޅައިލި އެކުވެރިއަކީ އަރީޖްއަށް ވީތީއެވެ. ހޮސްޕިޓަލުގައި އޮންނައިރު ގަވާއިދުން ޒައިރާ އަދި މާމައަށް ކާން ގެންގޮސްދެއެވެ. ޒައިރާއަށް ވަޒީފާއަށް ދެވޭނެހެން ގަޑި ބަހާލައިގެން މަންމައާއި އަރީޖް އޭނަގެ ގާތުގައި ވަގުތު ހޭދަކުރިއެވެ. ބޭނުންވާ ސާމާނުތައް ގެނެސް އަޅާލީ ހަމަ ދައްތައަކުވެސް ކޮށްދޭނެ ފަދައިންނެވެ. ހޮސްޕިޓަލް ބިލްތައް ބޮޑުކަމުން އަރީޖްގެ ދޮންބެގާތު ބުނެގެން ފައިސާގެ ބޮޑެތި އެހީތައްވެސް ވެދިނެވެ. ކޮންމެހެން އިހުސާންތެރިވީމަ އެއް ނޫނެވެ. އޭނަގެ އެންމެ ގާތް އެކުވެރިއަކަށް ވެދީ ސްކޫލްގައި އޭނަ ހިމާޔަތްކޮށްދިން ކުއްޖަކީވެސް އަރީޖްއެވެ.

އާތިކާމެން ނުކުތުމާއެކު ފަރުދާގެ އަނެއްފަރާތުގައި ތާނީ މާ ފޯރިގަދަވެގެން އުޅޭހެން ހީވެފައި ޒައިރާ ތެދުވެގެންގޮސް ބަލައިލިއެވެ.

"ތާނީ. އެއީ ސެލެބްރިޓީއެއްތަ؟ މާ އެކްސައިޓްވެފައިހެން ހީވާތީ އަހައިލީ...."

"އޯ...ސީރިޔަސްކޮށް ނޭގުނުތަ؟ އެއީ ފަސްޓްލޭޑީ އާތިކާ. ޕްރެޒިޑެންޓްގެ ހަނގު އަބިކަނބަލުން...."ޖެނިފާ ޖަވާބު ދިނެވެ. ތާނީ މޫނު ބަނަކޮށްލައިގެން އޮތްތަން ފެނި ޒައިރާ ފޫހިވިއެވެ. ބައެއް ކުދިން ބަލިވީމަ މޫޑީވާ ވަރެކެވެ. އޭނައަށް ފެންނަނީ ކެމީލާއެވެ. ހިތްވަރުގަދަކަމާއި އެކު އަބަދު ހިނިތުންވެލައިގެން އޮންނަ ލޯބި ކޮއްކޮއެވެ. ކެމީލާ މާ ލަސްވާތީ ދޮރުގައި ތަޅައިގެންފާ ގޮވަންފެށި އަޑަށް ކެމީލާ ދޮރު ހުޅުވާލައިފިއެވެ. އޭރު ކެމީލާގެ ލޯވެސް ވަނީ ކަރުނުން ފުރިފައެވެ.

"ދޮންތާ. އަރީޖްގެ ބޭބެ ފީނަންގޮސް އުޅެނިކޮށް ނިޔާވެއްޖެ. ކޮންމެހެންވެސް ބޭނުން އެގެއަށް ދާން. ނަރުސްކުއްޖެއްގެ ގާތު ބުނެލާފައި ހިނގާ ދަމާ...."

"ކީއްކުރަން ބުނަންވީ. ގޮއްސަ އާދެވިދާނެ"

"އޯކޭ ހެދުން ލައިގެން އަންނާނަން.." ކެމީލާ އަވަހަށް ހެދުން ބަދަލުކުރާން ފެށިއެވެ.

ސަހަރާ ކައިރީ ހުއްޓާ ކެމީލާ އަނބުރައިގަނެގެން ވެއްޓުމުން އެމްބިއުލެންސަށް ގުޅައިގެން ގެންނާން ޖެހުމުން ކިޔާން ޒައިރާ ގެންގޮސް އަޑުލިއެވެ. ގަވާއިދުތައް މުގުރުމުން ބައެއްފަހަރު ހިތާމަވެރި ހާދިސާތައް ހިގާފާނެކަމަށާއި އެއީ ކޫލްކަމެއް ނޫންކަން ވިސްނައިދިނެވެ. ޒައިރާވެސް ކަންބޮޑުވިއެވެ. އެފަދަކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދިނެވެ. ކިރިޔާ ވަރު ޖެހި ލޯ ހުޅުވައިލެވޭ ވަރުވުމުން ކެމީލާ ނަމާދުކުރި މަންޒަރު ބަލަން ތާނީވެސް ހައިރާންވެފައި އޮތެވެ. އަޅުވެރިކަމަށް ހެދެނީތާއެވެ. ވިޝާއާއި ވާދައަށް ކަން ނޭގެއެވެ. މިވަރުން ދަންޏާ އަބާޔާވެސް ލާނެކަން ގައިމެވެ. އޭނަ ގިނަފަހަރު އޮންނަނީ ސީރީޒްއެއް ބަލާށެވެ. ނޫނީ މިއުޒިކް އަޑުއެހުމުގައެވެ. ދޭތެރެއަކުން ކުރިން ނަމާދެއްކޮށްލިޔަސް ބަލި ވުމުން އަމުދުން ނަމާދުކުރާކަށް ހިތަކަށް ނާރައެވެ. ބަލިވެއްޖެއްޔާ އޭނަގެ ކަމަކީ ނިދުމާއި ފިލްމުބެލުންފަދަ ކަންތައްތަކެވެ.

***

އަމީރުގެ އުނގުގައި ބައިންދައިގެން ރުގުޔާކޮށް ނިމުނުއިރު ލޫކާއަށް އޮތީ ނިދިފައެވެ. އެންމެން ސިޓިންރޫމްގައި ވާހަކަދައްކާލަން ތިއްބެވެ. އަމީރުއާއި ޝުވޭކާރު އަދި ޝައުންއާއި އެލީނާގެ އިތުރުން ވިޝާވެސް ސޯފާތަކުގައި އިށީދެގެންނެވެ. ނީވްވެސް އަމީރުގެ ވާހަކަ އަހާހިތުން އަނެއް ފަޅީގައި މަޑުކޮށްލައިގެން ހުއްޓެވެ. ދީނީ ނަސޭހަތުން އޭނައަށްވެސް ފައިދާކުރާތީއެވެ.

"ދޮންތާ. އައި ތިންކް އެސްފީނާ އެޖެހުނީ ދޮންތި އެންމެފަހުން އިންސްޓަކުރި ފޮޓޯ ފެނުނީމަ. މީހުން ޖޭވީކަން ނޭގޭ. އަނެއްކާ ލޫކްގެ އިސްތަށިގަނޑު ރީތިވެގެން ނޫޅޭ ކުއްޖަކު ސްކޫލްގައިވެސް ނޫޅޭ..."

"މި ފެމިލީ ކިތަންމެ ކުދިންނެއްގެ ރީތި ހެއާ އޮވެއެއްނު. ދެން ކީއްވެ ލޫކާއާއި އެކަނި އެސްފީނާޖެހެން ވީ؟ " އެލީނާ އެހިއެވެ.

"ސަބަބަކީ ދަރިފުޅުގެ އުފާވެރިކަން އެހެން މީހުންނަށް އެންގުން. މާތްﷲ ތިދެކުދިންގެ ކައިވެނީގައި ބަރަކާތް ލައްވާށި. ޔަގީނުންވެސް ތިޔަ ދެކުދިން އުފަލުގައި އުޅޭތަން ފެނުނީމަ ބައްޕަމެންނަށް އެއަށް ވުރެ ބޮޑު އުފަލެއް ނުލިބޭ އެކަމަކު އެހެންމީހުން ދެކޭގޮތް ތަފާތުވާނެ.................." އަމީރު ބުނުއްވިއެވެ.

އެކަމާއިބެހޭގޮތުން އަމީރުގެ ދަރުސް އަޑުއަހަން ޖެހުނެވެ. އެއީ ހަގީގަތެކެވެ. އެސްފީނާއަކީ އޮތް އެއްޗެކެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ވަސައްލަމް ހަދީސްކުރައްވާފައިވަނީ ސިހުރަށްވުރެވެސް ނުރައްކާތެރިކަމެއް ކަމުގައެވެ. ވިހަ ލޮލުން މީހަކު މަރައިލަފާނެއެވެ. ހަޔާތް ބަރުބާދުކޮށްލާނެއެވެ. ކާމިޔާބާއި އެމީހާގެ ސެލްފީތަކާއި ދާ ތަންތަނާއި ކާ އެއްޗެހި މީސްމީޑިއާގައި ހިއްސާކުރުމަކީ ބިރުވެރިކަމެކެވެ. ސަބަބަކީ ވަރަށް ގިނަ ބަޔަކަށް އެކަން ހަޖަމުނުވެ ހަސަދަވެރިވާނެތީއެވެ. އެމީހަކަށް އެ ކަމެއް ދެއްވަނީ މާތްﷲގެ އިރާދަފުޅުން ކަމުގައިވިޔަސް އެކަމާ ހަސަދަވެރިވެ ހިތް ނުބައިކުރާ ކިތަންމެ ބަޔަކު ގާތް މީހުންގެ ތެރޭވެސް އުޅެދާނެއެވެ. އެއްވެސް އިތުރު ބަޔަކަށް ތިމާގެ ޒާތީ ދިރިއުޅުން ހިއްސާ ކުރުމަކީ މޮޔަކަމެކެވެ. އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެކެވެ. ތިމާގެ ލޯބިވާ މީހުންނަށްވެސް މެއެވެ. ދަރިންނަށްވެސް މެއެވެ. ޚާއްސަކޮށް ތިމާއަށް ލިބޭ އުފަލާއިމެދު އުފާނުވާ ބަޔަކަށް ވީހާވެސް ސިއްރުކުރަން ޖެހޭނެއެވެ. އެމީހުންގެ ނަފްރަތާއި ހަސަދަވެރިކަން ތިމާ ޑިޕްރެޝަންއަށް ވައްޓާލާ ތިމާއަށް ލިބިފައިވާ ހުރިހާ ނިއުމަތް ގެއްލިގެން ހިނގައިދާ ސަބަބަކަށް ވެދާނެއެވެ. ހިތްތިރިކޮށް އެހެން މީހުންގެ ސަމާލުކަން ދަމައިގަންނަން ނަހަދާ ތިމާގެ އުފާވެރި ދިރިއުޅުން އަމިއްލަ އެއްޗެއްގެ ގޮތުގައި ބާއްވާށެވެ. އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށްޓަކާ ދިރިއުޅޭށެވެ.

"ކުދިންނަނީ މާތް ﷲ ހަވާލުކުރައްވާ އަމާނާތެއް. އެކުދިން ހުރިހާ ނުރައްކަލަކާއި ޖިންނި ޝައިތާނުން އަދި އެހެން ނުބައި ކަންތައްތަކުން ސަލާމަތް ކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެއް. ފެންނަ އަދި ނުފެންނަ ބާރުތަކުން ދަރިން ސަލާމަތްވާނެ ގޮތްތައް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ވަނީ ދަސްކޮަށް ދެއްވާފައި. އެއީ ހެނދުނާއި ހަވީރު އަދި ގެއިން ނިކުންނަ އިރު ކުދިންނަށް ހެޔޮ ދުޢާކުރުން. ކުދިން ނިދަން ވީމަ ފަލަގިނާސި ސޫރަތާއި ކުރުސި ކިޔަވާ އަތަށް ފުމެލާފައި ކުދިންގެ ގައިގާ ފިރުމުން. ކިތަންމެ ކުޑަޔަސް ފާޚާނާއަށް ވަންނައިރު ކުދިންނަށް ދުޢާކުރުވަން އާދަކުރުވުން. އަދި މަޣުރިބުގެ ތިރީސް މިނިޓްކުރިންނާއި ބަންގިއަށްފަހު ގަޑިއެއް ހާއިރު ފަހުން ނޫނީ ކުދިން ބޭރަށް ނުނެރުން ....."އަމީރު ގެ ވާހަކަތައް ކަނުލާ އަހަން ތިބިއިރު ސިޓިންރޫމަށް ވެރިވެފައިވަނީ ހިމޭންކަމެވެ.

***

އެލީނާ ކޮޓަރިއަށް ވަދެފައި އެނދަށް ބަންޑުން ވެއްޓިގަތެވެ. ދެފައި ތަޅައިގަތެވެ. ފަޔަށް ތަދުވެ ރިއްސަންފެށުމުން ހަމަޖެހިލާފައި އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ފޯނު ނެގިއެވެ. ބައްޕައާއި މަންމައަށް އޭނައާއި ޝައުންގެ ކައިވެނި ފެންނަނީ ފިނިފެންމަލުގެ ދާނެއްކަމުގައެވެ. އޭނަ ދައްކުވައިދިނީ އެގޮތަށެވެ. ނަމަވެސް ހަގީގަތަކީ އޭގެ ދިމާ އިދިކޮޅެވެ. އެލީނާގެ ނަފްރަތުގެ އަމާޒަކަށް ކިޔާންވެސް ވިއެވެ. އޭނަ ކިޔާންއަށް ވީޑިއޯއެއް ފޮނުވިއެވެ. އޭގައި ފެނުނީ އެލްފް ބުޅަލުގެ ފަރި ހިނގުމުގައި ކޮޓަރިއަށް ވަންތަނެވެ. އެލީނާ މާބްލްމަތީ ބޭއްވި ކިއުކަމްބާ ފެނުމާއެކު ކަރަންޓު ޝޮކެއް ޖެހުނުހެން ސިހިފައި އެލްފް ފުންމައިގަތެވެ. އެލީނާ ހީހީ ބަނޑުގައި ގޮށްލާވަރުވިއެވެ. ދެތިންފަހަރު އޭނަ އެލްފް ސިއްސައިލަން ކިއުކަމްބާ އެގޮތަށް އެތަންމިތާ ބޭއްވިއެވެ. އެލްފްދެކެ އެހާ ވަރަށް ލޯބިވާ މީހަކަށް އެ މަންޒަރުން އަސަރުކުރާނެކަން ޔަގީނެވެ. ކިޔާން ލައްވާ އެއްޗެކޭ ބުނުވަން އެލީނާ ކުރި މަސައްކަތްވީ ބޭކާރެވެ.

"ކިޔާން ވަރަށް އުފާވޭތަ؟ ޝައުން އަހަރެން ވަރިކޮށްފި...." އެލީނާ މެސެޖްކުރިއެވެ.

"ވަޓް؟ " ކިޔާންގެ ޖަވާބު ވަގުތުން އައެވެ. އެލީނާ ހިނި އައެވެ.

"އާނ. މިހާރު އެ ހުރަސް ނެތުނީ. އަހަރެން މިނިވަނަކަށް ވެއްޖެ. ކިޔާން ދައްކަން އުޒުރެއްވެސް މިހާރަކު ނީންނާނެ....." އެލީނާ އެހެން ހުރިހާ ހިތާމައަކާއި ޚިޔާލެއް ހުސްކޮށްފައި ކިޔާންއާއި ވާހަކަދެއްކީ އޭނައަށް އަލިކަމެއް ފެނޭތޯއެވެ. އަށްއަހަރުވާންދެން ކުރި އިންތިޒާރުގެ ނިމުން ގެންނަ ވަގުތު ޖެހުނީއެވެ.

"ޔޫ އާ ރޯންގް. ނުބައި މެސެޖެއް ނުނަގާ. ދުވަހެއްގެ ކޮޅުންވެސް އަހަރެން އެލީނާގެ ލައިފަކަށް ނާންނާނަން. ތިއީ އަބަދުވެސް ޝައުންގެ ހައްގެއްކަމުގައި އަހަރެން ދެކޭނީ. މިރޭ ނިދޭނެ ކަމެއްވެސް ނޭގެ. އަހަންނާއިހެދި އޭ ޝޭންގެ ދިރިއުޅުން ހަލާކުވީ. ކިހިނެއް އަހަރެން އަމިއްލަ ނަފުސަށް މާފުދޭނީ؟ އެލީނާ ނުބައި ހީއެއް ކޮށްގެން އަހަރެން ލިބިދާނެކަމަށް ތި މޮޔަ ނިންމުން ނުނިންމާ. ގޯ ބެކް ޓު ޝޭން. ކުރިން ވާހަކަދެއްކި ވަރަށްވެސް މިއަދުން ފެށިގެން އެލީނާއާއި ވާހަކައެއް ނުދައްކާނަން.....އައި ސްވިއާ..." ކިޔާން ގެ ޖުމްލަތަކުން އެލީނާގެ ހިތަށް ލިބުނު މާޔޫސްކަން އިތުރުވިއެވެ.

"ކިޔާން. ދަންޏާ މި ސުވަލުގެ ޖަވާބު ދީފައި ދޭ. ކީއްވެ އަހަންނާއި ރައްޓެހިވީ؟ ކީއްވެ އެރޭ އަހަންނަށް ފޯސްކޮށްގެން.................." އެލީނާ ތަފްސީލު ކިޔާދިނެވެ.

"ޑޭމް ޔޫ އެލީނާ. ކީއްވެ ދޮގުހަދަނީ؟ ކީއްވެ ވާހަކަތަކެއް ހަދައިގެން އަހަރެންގެ ރެޕިއުޓޭޝަން ގެއްލުވައިލަން އުޅެނީ؟ އާ ޔޫ އައުޓް އޮފް ޔޯ މައިންޑް ފޯ *** ސޭކް...." ކިޔާން ގުޅާފައި ހަޅޭއްލަވައިގަތެވެ. ރުޅިންގޮސް ފަޅައިގެންދާނެ ކަހަލައެވެ.

"އެންމެ ރަގަޅު އަހަންނާއ ރައްޓެހިވިކަމަށްވެސް ޑިނައި ކުރީތަ؟ އަދި ބޭވަފާތެރިވެ ދިޔަކަމަށްވެސް ޑިނައި ކުރަނީތަ؟ ޝައުންއަށް ހުރިހާ ވާހަކަތަކެއް ކިޔާދޭނަން." އެލީނާ ބިރުވެސް ގަތެވެ. ހުރިހާ ފިރިހެނުންވެސް ހާދަ ރުޅިގަދައެވެ. އެކަމަކު ޝައުން ތަންކޮޅެއް މަޑުމައިތިރިއެވެ. ކިޔާންދެކެ ކުޑަކޮށް ފޫހިވާގޮތްވެސް ވިއެވެ. ދޮގުހެދުމަކީ އޭނަ ހާދަ ފޫހިވާކަމެކެވެ. ކިޔާން އޭނަ ދޮގުހަދާ ކަމަށް ބުނަނީ ކީއްވެހެއްޔެވެ. ޝައުންއާއި އޮތް އެކުވެރިކަން އޭނަގެ ލޯތްބަށްވުރެ މުހިއްމުވެ ލޯބި ގުރުބާން ކުރީތާއެވެ.

"އަހަރެން ރައްޓެހިވިން. އެކަމަކު އެއީ އެލީނާ އަހަންނަށް އޮޅުވައިލިކަން އެނގެންދެން. މީހަކާއި އިން ވާހަކަ ނުބުނެ އަހަންނާއި ރައްޓެހިވީ. އެލީނާގެ ފިރިމީހާއަކީ ޝައުންކަން އެގުމުން އަހަރެން ދިޔައީ. ސާފުވެއްޖެ؟ " ކިޔާން އެންމެފަހުން އެއްބަސްވިއެވެ.

"ދެން އަނެއް ބަޔަށް އެއްބަސްނުވަނީ ޝޭންއާއި އޮތް އެކުވެރިކަން ކެނޑިދާނެތީތަ؟ ވަޓް އިފް ދަ ކިޑްސް އާ ޔޯސް؟ " އެލީނާ ވެސް ބާރަކަށް ވާހަކަދެއްކިއެވެ.

"އެލީނާ މޮޔަނުވޭ."

"ކޯޓަށްވެސް ގެންދާނަން.." އެލީނާ އިންޒާރުކުރިއެވެ.

ކިޔާން ފޯނު ނިވާލައިފިއެވެ.

***

ޝައުން އެކަނިމާއެކަނި ޑޮކްޓަރސް ލައުންޖްގައި ކޮފީ ބޯން އިނީ ޚިޔާލަކަށް ގެއްލިފައެވެ. ކުރިއަށްވުރެ ސީރިޔަސްވެ އެހެންމީހުންނާއި ދުރުހެލިވެ އަމިއްލައަށް ވަށާ ތޮށްޓެއް ލައިގެން އެތޮށި ތެރޭ އުޅެން ބޭނުންވާފަދައެވެ. ޔަގީނުންވެސް ބަސްމަދުވެ ހިނިތުންވާން ނޭގޭފަދައެވެ. ގިނަވަގުތު އުޅެނީ މަސައްކަތުގައި ބަދެވިގެންނެވެ.

"ޝޭން..ކިހިނެއް ލޫކާ؟"

"ރުގުޔާ ކުރީމަ ރަގަޅު..." ޝައުން ކޮފީ ކޯވަރެއް ބޯލިއެވެ.

"ދެން ކޮންކަމަކާ ކަންބޮޑުވެފަ. ޝެއާ ވިތް މީ...." ކިޔާން ވެސް ކޮފީ މެޝިނުން ކޮފީއެއް އެޅިއެވެ.

"ނަތިން. މިހާރު ބަލިމީހުން ލަސްވެފައި ތިބޭނީ. ކާންޓް ކީޕް ދެމް ވެއިޓިން..." ޝައުން ކޮފީތަށި ސިންކަށް ލާފައި އޭނަގެ ކޯޓު ނެގިއެވެ. ކިޔާންގެ ހިތްވެސް ހުއްޓުނުފަދައެވެ. ޝައުންއަށް އެނގުނީބާވައެވެ. އެލީނާ ކިޔާދިނީ ބާވައެވެ. ނޭވާ ބޭރަށް ލާންވެސް ނޭގިފައި ހުރި ވަގުތުކޮޅަކަށްފަހު ކިޔާން ކޮފީ އަކަށްފަހު ކޮފީއެއް ބޯން ފެށުމުން ސިކުނޑިއަށް ކުޑަ ލުއިކަމެއް ލިބުނެވެ.

***

ސޯފިޔާ ކެމީލާއޮތް ކޮޓަރިއަށް ވަންއިރު އެނދުމަތީގައި އިށީދެގެން މަޑު ރާގަކަށް ގުރުއާން ކިޔަވާން އިންއިރު އަޑުއަހާ މީހުންގެ ގައިން ހީބިހިނަގާނެއެވެ. ގައިމު ސޯފިޔާއަށް ވީ އެފަދަ ގޮތެކެވެ. އަމިއްލަ އަތުގައި މަޑުމަޑުން ފިރުމާލާފައި އެކުއްޖާއާއި ކައިރިވުމާއެކު އިސްއުފުލާ ބަލާލައިފިއެވެ. ދުނިޔެއިން ފެނުނު އެންމެ މައުސޫމް ނޫރާނީ މޫނެވެ. އެ ކެރެމެލް ލޯވެސް ހިނިތުންވާފަދައެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެކެވެ. ހޮސްޕިޓަލުގެ ލައިލެކް ގައުން ލައްވާފައި އިންއިރު އިސްތަށިގަނޑު އޮތީ ގަތާފައެވެ. ކެމީލާ ހީލުމުން ކޮލަށް އެޅުނު އަޑިކޮޅާއެކު ސޯފިޔާއަށްވެސް ހިނިތުންވެލެވިއްޖެއެވެ.

"އައްސަލާމް އަލައިކުމް....."

"ވައަލައިކުމުއް ސަލާމް." ސޯފިއާ އަމިއްލަ ތައާރަފެއް ދިނުމުން ކެމީލާ އަޑުއަހަން އިނެވެ.

"އަޅުގަނޑަށް ކުރިންވެސް އެނގުނު. ބިކޯޒް އަޅުގަނޑުގެ އަލަމާރީގައިވެސް ތި ރޯޔަލް ފެމިލީގެ ފޮޓޯތައް ފެނުނީމަ ކަފާފައި ތަތްކުރަން. މާތްﷲއަށް ހަމްދު ހުރި. އަޅުގަނޑު އަބަދުވެސް ހިތަށް އަރާ ފަސްޓްލޭޑީއާއި ބައްދަލުވާނެ ނަމައޭ. ޔޫ އާ ސޯ ކައިންޑް. އަޅުގަނޑު އެހާ އެޑްމަޔާ ކުރަނީ ކެންސަރު ޕޭޝަންޓުންނަށް ފަންޑުކުރައްވާކަން އެނގޭތީ..." ކެމީލާ ލޯބިކޮށް ހެވިލާފައި އިންއިރު އެހެންމީހުން ތިބުމުން ރަކިވެ ކުޑަކޮށް މޫނަށް ފިޔާތޮށިކުލައެއްވެސް ވެރިވެއްޖެއެވެ.

"އާހް ހައު ސްވީޓް. އަދި ކުޑަތަންކޮޅެއް ކިޔަވާފާނަންތަ ކެމީލާ؟ " ސޯފިޔާ އެހިއެވެ.

ކެމީލާ ބިސްމި ކިޔަވާފައި ކިޔަވަން ފެށުމުން ސޯފިއާގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. ފެންކަޅިވީ އެ އާޔްތަތަކުގައި މޫރިތިކަން ހިތަށް ވަނުމުން ހިތަށް ކުރެވުނު އިހުސާސްތަކުންކަން ޔަގީނެވެ. ސޯފިއާގެ ހިތުން އެވަގުތު ކެމީލާ ޖާގައެއް ޚާއްސަކުރިއެވެ. ސޯފިއާގެ ހަށިފާރަވެރިންނާއި މެނޭޖްމެންޓް ސްޓާފުންނަށްވެސް ކެމީލާގެ ގުރުއާން އަޑުއިވުމުން ސިކުނޑީގައި ބިންވަޅުނެގޭ ގޮތްވިއެވެ. ފަސޭހައިން ހަދާން ނައްތައިލެވޭފަދަ އަޑެއްވެސް ނޫނެވެ. ސޯފިއާ އިރުކޮޅެއްވާންދެން ކެމީލާގެ ގާތުން އެޕްލާސްޓިކް އެނީމިއާ އަދި ބަލި ހާލަތާއި ބެހޭގޮތުން ސުވާލުކުރިއެވެ. ކެމީލާގެ ޖަވާބުން އެނގުނީ ހިތްވަރުގަދަކަމާއި އެފަދަ މުސީބާތްތަކަށް ކެތްކުރާނެކަމެވެ. ހުރިހާ ހާލެއްގައި ހެއްދެވި ފަރާތަށް ހަމްދުކުރާކަމެވެ. ސޯފިއާއަށް ހުރިހާކަމަކަށް ވުރެ ޚާއްސަވީ ކެމީލާ ގެ ހުނުމެވެ. އެހާ ބަލިއިރުވެސް އަބަދު ހީހީ އިންނަ ގޮތުން ސޯފިއާވެސް ހައިރާންވިއެވެ. އިރުކޮޅެއްވާންދެން ސޯފިއާ ވާހަކަދައްކަން ހުރީ ނިކަން ޝައުގުވެރިވެފައެވެ.

ތާނީއޮތީ މޭކަޕްކޮށްގެންނެވެ. ކަންފަތުގައި ހެޑްފޯނު ޖަހައިގެން އޮތްވާ ސޯފިއާ ފެނުމުން ތެދުވުނެވެ. ވަގުތުން ފޮނިވެލާފައި ޖުއާންގެ މަންމަ ދޯ އޭ އަހައިލިއެވެ. އޭނަގެ މަންމަ ޖެނިފާ ދެންމެ މިތާގައި އިނދެލާފައި ޕެރިހުން ކޯލެއް އައިސްގެން ބޭރަށް ނުކުތީކަމުގައި ބުނެލިއެވެ. ތާނީގެ ގާތުން ސުވާލުކުރުމުން ބުނީ އޭނަ ކެންސަރު ޖެހުނުކަން ގަބޫލުނުކުރާ ކަމަށާއި އެހާވެސް ޕޮޒިޓިވްކަމުގައެވެ.

"އެނީ ހައު އައި ވިލް ފައިޓް ދިސް މޮންސްޓާ.....ދޭ ޝުޑްންޓް އިންވޭޑް މައި ބޮޑީ ވިތްއައުޓް މައި ކޮންސެންޓް....." ތާނީ ހީލަމުން ކިޔައިލިއެވެ.

"އޮފްކޯޒް" ސޯފިއާވެސް ބާރަށް ހީގަތެވެ.

"ކެން އައި ޓޭކް އެ ސެލްފީ ޕްލީޒް" ތާނީ އެދުނެވެ.

***

ސޯފިޔާ ކެމީލާ އެޑޮޕްޓްކުރަން ބޭނުންވާހަކަ ބުނީ ރޭގަނޑު ކެއުމުގެ ވަގުތުގައެވެ. އާތިކާ ވަގުތުން ދެކޮޅުހެދިއެވެ. އެއްވެސް އަދަބެއް އަޚުލާގެއްނެތް އަންހެންކުއްޖަކަށް މިގެއިން ޖާގަދީގެން ނުވާނެކަމަށާއި އޭނައަށް އެކުއްޖާގެ ނުލަފާކަން ފެނިފައިވާ ކަމުގައި ބުނެލިއެވެ. ސޯފިއާ ހައިރާންކަމާއެކު އާތިކާގެ މޫނަށް ބަލާލައިފިއެވެ. ކެމީލާ އާތިކާއަށް ނުލަފާކަން ދައްކަންވީ ކީއްވެހެއްޔެވެ؟ އޭނައާއި ވާހަކަދެއްކީ ބޭނުންވާ ވަރަށްވުރެ އިހުތިރާމްއާއެކީގައެވެ. އާތިކާ ދެކޭގޮތެއް ސޯފިއާއަށް މުހިއްމެއް ނޫނެވެ.

"ސޯފީ. މިގޭގައި އުޅެނީ ހުސް ފިރިހެންކުދިން. ފިރިހެނުން. ބޭނުމެއްނޫން ލޭކެން ކެމީލާއަށް ހިތްކިޔައިގެން ޅީދަރިއަކަށް ވާކަށް. ހުރިހާ ފިރިހެނުންގެ ތެރެއަށް އަންހެންކުއްޖަކު ގެނައުމަކީ ކޮންކަހަލަ ކަމެއް؟ ގިނަވަގުތު އަޅުގަނޑުމެން ގޭގައި ނޫޅެން. ދެން ؟ " އާތިކާ ނުރުހުނެވެ."ތައިމޫރު ވިދާޅުވަނީ ކީކޭތޯ؟ "

"އަހަންނަށްވެސް ފެންނަކަމެއް ނޫން. އެކަމަކު ސޯފިއާ ނޫނީ އާތިކާއަށް ފެންނަކަމެއް ނުކުރާށޭވެސް ނުބުނާނަން. ރަގަޅަށް ވިސްނާފައި ސޯފިއާ އެޑޮޕްޓްކުރޭ....." ތައިމޫރުވެސް އެހާ ގަބޫލުހެނެއް ހިޔެއްނުވެއެވެ.

އާތިކާގެ އެވާހަކައާއި ޖުއާންއާއި ލޭކެން ވަގުތުން އެއްބައިވިއެވެ. ކައިދަންއާއި ޒުބްނާން ހިމޭނުން ތިބިއިރު ޝައުންގެ ޚިޔާލެއް ނުހޯދުނީ މިރޭ ޝައުން ޑިނާގައި ބައިވެރިނުވުމުންނެވެ. ކައިދަންއާއި ޒުބްނާން ބުނީ ސާދަ އަހަރުގެ ކުޑަ އަންހެންކުއްޖެއް ވިއްޔާ ކޮއްކޮއެއްގެ ގޮތުގައި ބަލައިގަންނަން ފަސޭހަވާނެކަމުގައެވެ. ދެރައީ ޖުއާންއަށްވުރެ އެއް އަހަރު ހަނގުކުއްޖަކަށްވުމެވެ.

"އަހަންނަށްވުރެ ހަ މަސް ކުޑައީ. ބާތުޑޭވެސް އެނގޭ...." ޖުއާން ބުނެދިނެވެ.

"ލިޓްލް ބްރަދާ. ހުރިހާކަމެއް ހޯދައިފިތާ. އެންމެ ރަގަޅު އަޅުގަނޑުވެސް މިހިރީ ފަހަރީގެ ގޮތުގައި އެކުއްޖާ ބަލައިގަންނަން...." ލޭކެން އެއްލޯ މަރައިލިއެވެ.

"ޕްލީޒް ލޭކް.." ޖުއާން ރުޅި އަންނަގޮތްވިއެވެ.

"ދެކުދިން ހުއްޓާލާ. އަދި އަރައިރުންވާން ޖެހޭނީ މަންމަ ނިންމާގޮތަކުންތާ. ޝައުންއަށް ކިހިނެއްވެގެން އުޅެނީ؟ ހުރިހާކަމެއް ރަގަޅުތަ؟ ބިޒީކަމުން އެގެއަށްވެސް ނުދެވޭ. ލޫކާ ބަލަން ފުރަތަމަ ދުވަހު ދެވުނުގޮތަށް ނުދެވުނު. މިހާރު ލޫކްވެސް އޯކޭތާ. އެކަމަކު ޝައުންގެ ފަރާތުން ހިމޭންކަން ފެންނަތާ ހަފްތާއެއް ވަރުވެއްޖެ...." ތައިމޫރު މައުޟޫ ބަދަލުކޮށްލި ގޮތުން އެޑޮޕްޓްކުރުމުގެ ވާހަކަ އެރެއަށް ހުއްޓުނެވެ.

***

ސޯފިއާ ޖެހިގެން އައި ދުވަހު ފެންފިޔައަށްގޮސް ކެމީލާގެ ދައްތަ ޒައިރާއާއި ބައްދަލުކުރިއެވެ. މާމަ ވީ ކަޑާގައޭ ބުނަން އުޅެފައިވެސް ޒައިރާ ހިމޭންވިއެވެ. ކެމީލާ އެޑޮޕްޓްކުރަން ބޭނުންވާ ވާހަކަ ބުނުމުން ޒައިރާ އުފަލުން މޮޔަވާވަރުވިއެވެ. އެމީހުންގެ ނަސީބު އަތުގައި ހިފަން އުޅެނީއެވެ. ކެމީލާ އެޑޮޕްޓްކުރަން ދޭނީވެސް ޝަރުތުތައް ކަނޑައަޅާފައެވެ. އެހާ މުއްސަދި ބަޔަކަށް އެހާވަރުގެ ބޮޑުކަމަކަށް ނުވާނެތާއެވެ. އޭނަ ބޭނުމީ ސޯފިއާމެންގެ ކައިރިން އެޕާޓްމެންޓެކެވެ. ދެކޮޓަރީގެ ތަނެއް އެންމެ ރަގަޅެވެ. ރަގަޅު ވަޒީފާއެކެވެ. ކެމީލާ އެގޭގައި ހުރެއްޖެއްޔާ އޭނައަށްވެސް އެ ރީތި ގަނޑުވަރެއްފަދަ ގެއަށް ދެވޭނެތާއެވެ. އެގެ މަގުން ހިނގާފައި ދާއިރު އެ ފެންނަ ބަގީޗާއިންވެސް އޭނަ އާޝޯޚުވެއެވެ. ފިނިފެންމަލުގެ ހުރިހާ ކުލަތަކާއި އޯކިޑް ލައިލެކް އައިރިސް ހައިޑްރެއިންޖާ ފަދަ ގަސްތަކާއިއެކު ފެންޑާގައިވާ ޕޮޓްތައް އަދި ދެފަރާތުގައި އޮންނަ ފެހި ވިނަގަނޑާއި ހިޔާދޭ ގަސްތަކަށް ފެންދީފައި ހުންނައިރު ޝަބްނަމްގެ ތިކިތަކުން ފެންވަރާފައިވާ ފަދައެވެ. އެތައް ހާސް މާތަކެއް ފަރިވެ ފޮޅޭއިރު މަގާއި ހަމަޔަށް އެ ހުވަދުގެ ވަސް ހަރުލާފައި ހުރެއެވެ. ހުދުކުލައިގެ މާބްލްއިން ވާ އެގޭގެ އަގު ކިތައް މިލިއަން ރުފިޔާއަށް އަރާނެހެއްޔޭ ހިތަށް އަރައެވެ.

ކެމީލާ ގެއަށް ފޮނުވީ އެދުވަހުއެވެ. އޭނަ ހުރީ ގެއަށް އާދެވެންދެން ހިމޭނުންނެވެ. ސޯފިޔާގެ ހުށަހެޅުން އޭނަ ކެމީލާ ގާތުގައި ބުނާނީ ދެމީހުން އެކަނި ވީމައެވެ. ނޫނީ ތާނީގެ އެސްފީނާޖެހިދާނެއެވެ.

"ލިލީ ބުނީމެއްނު ފަސްޓްލޭޑީ ޒިޔާރްތްކުރި ވާހަކަ. ޝީ ކޭމް ޓު އަވާ ޕްލޭސް. އަދި އެބޭފުޅާ ބޭނުންފުޅުވަނީ ލިލީ އެޑޮޕްޓްކުރަން......."

"ނޯ ވޭ... އަހަންނަށް މާމައާއި ދޮންތި ދޫކޮށް ހިލޭބަޔެއްގެ ތެރެއަށް ނުދެވޭނެ..." ކެމީލާ ކަންބޮޑުވިއެވެ.

"ލިލީ އެމީހުންނަށް އަބަދު އެޑްމަޔާ ކުރަމެއްނު..."

"އޭގެ މާނައަކީ އެއީ އާއިލާއަށް ވުމެއްނޫނެއްނު. ކިތަންމެ ޝާހީވެފައި މޮޅަސް މުއްސަންޖަސް ހިލޭ ބަޔެއްގެ ގާތަށް ނުދެވޭނެ. ސޮރީ ދޮންތީ. ޕްލީޒް މަޖުބޫރު ނުކުރޭ. ކުޑަކޮށް ޖައްސައިލާނަން...އޭގެ ފަހުން ކޭކު އަޅާނީ." ކެމީލާ ޓިޝޫއެއް ނަގާ އަވަން ފޮހެލިއެވެ.

"ލިލީ މޮޔަކަން. ރައީސްގެ ދެމަފިރިން އެގެއަށް ގެންދާނީ އެހެންކަހަލަ ވިސްނުމެއް ހުރީމަ. ޖުއާން ކިހާ ރީތި. ސްކޫލް ކެޕްޓަން އެހާ މަޝްހޫރު. އަދި އެގޭ އެހެން ކުދިންފަދައިން އޭނަވެސް ޑޮކްޓަރަކަށްވާނީ. ޝާހީ ފެމިލީއަކުން އެޑޮޕްޓްކުރީމަ މާމައާއި ދޮންތިއަށްވެސް ފައިދާވާނެ. މާތްﷲ ދެއްވި ނިއުމަތަކަށް ފުރަގަސްދޭކަށް ނުވާނެ. ލިލީ. އެގެއަށް ދިޔައީމަ މާމައަށްވެސް ރަގަޅަށް ބޭސްކުރެވޭނެ. ދޮންތިއަށް ކިޔަވަން ބޭރަށް ދެވޭނެ. އެފެމިލީތަކުން ޗުއްޓީތަކުގައި ޕެރިހާއި ނިއުޔޯކް ލަންޑަން ޒިއުރިކް ކަހަލަ ތަންތަނަށް ދޯ ދާނީ. ދޮންތިއަށްވެސް ލިލީގެ މެއިޑްގެ ގޮތުގައި ދެވޭނެ. އައި ވިލް ބީ ޔޯ ނެނީ. ވިސްނާލަބަލަ. ކޭކު އަޅަން މާ ފަސޭހަ ބޮޑެތި އަވަންތަކާއި އެއްޗެހި ލިބޭނެ. އަވަހަށް ދަބަސް ތައްޔާރުކޮށް މިދެނީ..." ޒައިރާ އަވަހަށް ގޮސް ކެމީލާގެ ހެދުންތައް ނަގަންފެށިއެވެ.

"ދޮންތި. މިހާރުވެސް ހުރިހާ ނިއުމަތެއް ދެއްވާފައިވޭ. ދުވަހަކުވެސް ކޮމްޕްލެއިން އެއް ނުކުރަން. ބޭނުންވާވަރަށް ވުރެ އިތުރަށްވެސް ދެއްވާފައިވޭ.."ކެމީލާ ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލިއެވެ. "މާމަ ކޮބާ"

"މުންނަ އައިސްގެން އެބައުޅޭ. މާމައާއި މުންނަ ދުވަސްކޮށްފައި ދިމާވީމަ ދެމީހުންގެ ވާހަކަ ހުސްނުވާނެ ދޯ. ބޮޑުދައިތަމެން އުޅެނީ ކުރިމަތީ މިހިރަ ބިލްޑިންގަ. ކުރީ ދުވަހު ޖިލްވާ ފެނުނީމަ ހިތަށް އެރިއޭ މި ހިސާބުގައޭ އުޅެނީ. ލިލީ އެގެއަށް ދިޔައިމަ އެންމެ ޖޭވާނެ އެކަކީ ޖިލްވާ ހެހެ....." ޒައިރާ ހަދާންކޮށްލަދިނެވެ. އެހެންމީހުން ހަސަދަވެރިކޮށް ނޫނީ ކަން ދެއްކުމަކީ ކެމީލާގެ މިޒާޖުގައިވާ ކަމެއް ނޫނެވެ. އޭނަ ކިތަންމެ ނިކަމެތިކޮށް އުޅުނަސް އާއިލާއާއި ވަކިވާކަށް އެއްގޮތަކަށްވެސް ނޭދެއެވެ.

ޒައިޜާ އެރޭވެސް ކެމީލާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މާމަ ދެރަވިނަމަވެސް ޒައިރާ އެބުނާފަދައިން ކެމީލާއަށް ރަގަޅުގޮތް ވާން ބޭނުންކަމުގައި ބުންޏެވެ. އެންމެފަހުން ޒައިރާ ގުޅައިގެން ކިޔާން އެގެއަށް އައެވެ. ކިޔާން ފެނުމުން ކެމީލާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"ދޮންބެ. އެމީހުންނަށް ގެންދިޔަ ނުދީ ޕްލީޒް. "ކެމީލާ އެދުނެވެ.

ނުނިމޭ

comment ކޮމެންޓް