ރައީސް ސޯލިހާއެކު ހުސައިންގެ ތައުބީނުގެ ޖަލްސާ ބާއްވައިފި

މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނުގަައި ހާއްސަ ތައުބީން ޖަލްސާއެއް ކުރިއަށް ގެންގޮސްފިއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު (ހުސެންބެ)ގެ ހަނދާނުގައި ޖުމްހޫރީ ޕާޓީން އިސް ނަގައިގެން މިރޭ ވަނީ ތައުބީނުގެ ޖަލްސާއެއް ކުރިއަށް ގެންގޮސްފައެވެ.

ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ސޯލިހާއި ނައިބު ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުސެންބެއަކީ ތަފާތު ދާއިރާތަކުން ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ޚާދިމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ހުސެންބެއާ އެންމެ ފުރަތަމަ ދިމާވީ މީގެ 32 ވަރަކަށް އަހަރު ކުރިން، ސްކޫލު ނިންމައި ޓީވީ މޯލްޑިވްސްގެ ވަޒީފާއާ ގުޅިވަޑައިގެންނެވި އިރު ކަމަށެވެ.

"އެތަނުގައި މަސައްކަތްކުރި އިރުގައި ހުސައިން މުހައްމަދަކީ އަޅުގަނޑުގެ ވެރިމީހާ. އަޅުގަނޑަށް ވަރަށް އިތުބާރު ކުރައްވާ ވަރަށް ގިނަ މަސައްކަތްތަކެއް ހަވާލުކުރެއްވި ބޭފުޅެއް. އަދި އަޅުގަނޑަށް ހެޔޮއެދޭ އަޅުގަނޑުގެ ގާތް ރަހުމަތްތެރިއެއް. އަދި އެކުގައި މަސައްކަތްކުރަން ލިބުނު ކޮލީގެއް،" ރައީސް ވިދާޅުވިއެވެ.

ޓީވީއެމްގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭރު ބާއްވަމުން ގެންދިޔަ އަތޮޅުވެރިންގެ ބައްދަލުވުމުގައި ޓީވީއެމް ތަމްސީލުކުރައްވަން އެމަނިކުފާނަށް، ހުސެންބެ ދެއްވި ފުރުސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑާ ބައްދަލުކޮށް، އަޅުގަނޑު ގެނެސް ވިދާޅުވީ "އިބޫ އޭ ބައިވެރި ވާށޭ" އަޅުގަނޑު ޖެހިލުންވެސް ވި. އޭރު އަޅުގަނޑުގެ އުމުރުން ގާތްގަނޑަކަށް އެކާވީސް، ބާވީސް އަހަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބައްދަލުވުމަކީ އެމަނިކުފާނަށް ގައުމުގައި ހުރި ކަންތައްތަކަށް ލޯހުޅުވި، ސިޔާސީ މައިދާނަށް ނުކުންނަށް ދިމާވި އެއް ސަބަބު ކަމަށެވެ. އެކަމަށްޓަކައި ހުސެންބެއަށް ރައީސް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެއަށްފަހު ދެން ހުސެންބެއާ ބައްދަލުވީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި ފުރަތަމަ މަސައްކަތްކުރަން ޖެހުނީ ވެސް ހިޔާލު ތަފާތު ދެ ޕާޓީއެއްގައި ކަމަށާއި، ހިޔާލު ތަފާތުވި ނަމަވެސް ވަރަށް ގިނަ ކަންތައްތަކުގައި އެމަނިކުފާނު ހުސެންބެގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.

"ވަރަށް ރަނގަޅު ލަފާ ދެއްވަމުން ގެންދެވީ. ކެތްތެރިކަމާއެކު މަސައްކަތް ކުރުމަށް އަބަދުވެސް އިރުޝާދު ދެއްވި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއަށްފަހު ދެން ހުސެންބެއާ އެކު މަސައްކަތްކުރަން ލިބުނީ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. އެއީ ރާއްޖޭގައި މިފަހަކަށް އައިސް ސިޔާސީ ހަލަބޮލިކަން އެންމެ ބޮޑުވެގެން ދިޔައިރު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު ކަމަށާއި، އޭރުވެސް އެކި ކަންކަމުގައި އެމަނިކުފާނާ ވަކިން ބައްދަލުކުރައްވައި ގިނަ އިރުޝާދުތަކެއް ހުސެންބެ ދެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ ހުސެންބެއާ އެންމެ ފަހުން ވާހަކަދެއްކެވީ، ހުސެންބެ އަވަހާރަވުމުގެ ގާތްގަނޑަކަށް ހަފްތާއެއް ކުރިން ކަމަށެވެ. ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައި، މަސައްކަތް ކުރަންވީ ގޮތާއި ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވި ކަމަށެވެ.

ރައީސް ވަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ހުސެންބެ އާއެކު ޖަލަށް ވެސް ވަޑައިގެންނެވި ކަމަށާއި ދެބޭފުޅުން ދޫނިދޫގައި ވެސް އެއް ރޭ ހޭދަކުރަން ޖެހުނު ކަން ވެސް ފާހަގަކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ހުސެންބެއަށް ހެޔޮ ދުއާ ދަންނަވައި، ހުސެންބެގެ އާއިލާއަށް ތައުޒިޔާ ފޮނުއްވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހުސައިން މުހައްދަކީ އުނދަގޫ ވަގުތުތަކުގައިވެސް ވަރަށް ހިކްމަތްތެރިކޮށް މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އަދި އެމަނިކުފާނު، ހުސައިން މުހައްމަދު ދެކިލައްވަނީ ބައްޕައެއްގެ ނަޒަރުން ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސައިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ތިން ވަނަ ދުވަހު ރެއެވެ.

ހުސައިން މުހައްމަދު އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.

ހުސައިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. މިރޭގެ ޖަލްސާގައި އެކި ބޭފުޅުން ވަނީ ހުސައިން މުހައްމަދު އެ ދާއިރާތަކަށް ކޮށްދެއްވާފައިވާ މަސައްކަތްކުރައްވާ އެކަންތައްތަކުގެ އަގުވަޒަން ކުރައްވާފައެވެ.

comment ކޮމެންޓް