މަޖިލިސް ތަޅުމަށް ބަދަލުކުރީ ހޫނު ބަހުސް ނުކުރެވި ރައްޔިތުންގެ ސަމާލުކަން ގެއްލިދާނެތީ: މަޖިލިސް ރައީސް

ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ފަހު، އަލުން މަޖިލީހުގެ ތަޅުމަށް ޖަލްސާތައް ބަދަލުކުރީ، ހޫނު ބަހުސްތައް ނުކުރެވި، މަޖިލީހަށް ރައްޔިތުންގެ ޝައުގުވެރިކަން ގެއްލިދާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޑިމޮކްރަސީ ވީކްގެ ހައި ލެވަލް ސެޝަންގައި މިއަދު ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކިތަންމެ ދަތި ހާލަތެއް މެދުވެރިވި ނަމަވެސް، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްގެން ނުވާނެކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަކީ ކޮވިޑް19 އާ ގުޅިގެން އެންމެ ފުރަތަމަ ވާޗުއަލްކޮށް ޖަލްސާތައް ބާއްވަން ފެށި މަޖިލިސްކަން ފާހަގަކުރައްވައި، އެކަމާމެދު އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދާނެ އުސޫލެއް ހަދައި، އޮންލައިންކޮށް ބަހުސްކޮށް، ވޯޓަށް އަހައި މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުތަކާ އަދި ނިންމާ ނިންމުންތަކަށް މަޖިލީހުން ފާރަވެރިވެ، ސަރުކާރުގެ ނިންމުންތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އޮންލައިންކޮށް ވެސް ހިތްހަމަޖެހޭ މިންވަރަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުނު ނަމަވެސް، ދޮޅު މަހެއްހާ ދުވަސް ފަހުން އަލުން ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދަން ނިންމެވީ ރައްޔިތުން ވެސް އަދި މަޖިލީހުން ވެސް އެގޮތް ބޭނުންވުމުން ކަމަށް މަޖިލިސް ރައީސް މިއަދު ވިދާޅުވިއެވެ.

އަދި އަލުން ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭކަމަށް ނިންމީ، ހަގީގީ މާނައިގައި ބަހުސް ނުކުރެވޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަޖިލީހެއްގެ މައިގަނޑު މަގުސަދަކީ ބަހުސް ކުރުން. ބަހުސް މާނަކުރާ ނަމަ، ބަހުސެއްގައި ވިއްޔާ އަތް ހޫރައި ޒުވާބުކުރާނެ. އަދި ބައެއް ފަހަރު ރިޔާސަތަށް ބޫޓު ފަދަ އެއްޗެހި ވެސް އަންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަގީގީ މާނައިގައި ބަހުސް ނުކުރެވޭ ނަމަ، މަޖިލީހަށް ރައްޔިތުންގެ މެދުގައި އޮންނަ ޝައުގުވެރިކަމާ، މަޖިލީހަށް ރައްޔިތުން ދޭ ސަމާލުކަން ގެއްލިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން މަޖިލިސް ބަލާނެ ގޮތް ހަދަން ޖެހޭ. ރައްޔިތުން މަޖިލީހަށް ސަމާލުކަން ދޭނެ ގޮތް ހަދަން ޖެހޭ. އެކަން ކުރެވޭނީ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކޮށްގެން. އެކަން ކުރެވޭނީ ރައްޔިތުންނަށް ފޯރިގަދަ، ހޫނު ބަހުސެއް ގެނެސްދެވިގެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕެންޑެމިކެއްގައި ނުވަތަ އެނޫން ވެސް އުނދަގޫ ދަނޑިވަޅުތަކުގައި "ޑިޖިޓަލް ޑިމޮކްރަސީ" ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، އެއީ ފައްކާވެފައިވާ ޑިމޮކްރަސީތަކަށް ވަރަށް ފަސޭހަ ކަމެއް ނަމަވެސް، ފައްކާވަމުން އަންނަ ޑިމޮކްރަސީތަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަދި ފައްކާވަމުން އަންނަ ޑިމޮކްރަސީތަކުގައި، ޑިމޮކްރަސީއަށް ހުރަސް އަޅަން ނުވަތަ ފިއްތާލަން އެކި ކަހަލަ މަސައްކަތް ކުރާނެ. އެހެންކަމުން ހަމައެކަނި ވާޗުއަލް ބައްދަލުވުންތައް ބަރޯސާވުން ބުއްދިވެރިއެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން، ދަތި ވަގުތުގައި ސަރުކާރު ހިންގާނެ ގޮތާ ގުޅޭ ފިލާވަޅުތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެކުގައި ތިބެގެން ބަހުސް ކުރުމުގެ މުހިންމުކަން ވެސް ކޮވިޑުން އަންގައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތަފާތި ހިޔާލުތަކުގެ، އެކި ޕާޓީތަކަން ނިސްބަތްވާ މެމްބަރުން ތިއްބަވާއިރު، އެއީ ވަރަށް ފޯރިގަދަ މަޖިލީހެއް ކަމަށެވެ. އެހެންކަމުން މަޖިލިސް ތަޅުމަށް އެއްނުވެ ކުރިއަށް ގެންދަން ބޭނުންފުޅުނުވާކަމަށެވެ.

comment ކޮމެންޓް