ޖޭއެސްސީ އާއި ކޯޓުތަކަށް ބޭނުންވާ އައިޓީ ސާމާނު ޔޫއެންޑީޕީން ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ހިލޭ އެހީގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ރާއްޖޭގެ ކޯޓުތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

އެތަކެތި ހަވާލުކޮށްދެއްވީ ޖޭއެސްސީގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، އަކީކޯ ފުޖީއެވެ.

ޖޭއެސްސީއަށް ހަދިޔާކުރި އެހީއާ ހަވާލުވީ ކޮމިޝަންގެ ރައީސް ހިސާން ހުސައިން އެވެ. އަދި ކޯޓުތަކަށް ހަވާލުކުރި ތަކެއްޗާ ހަވާލުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާ ގިނަ އައިޓީ އިކުއިޕްމަންޓްތަކާއި އޮފީސް 365ގެ ލައިސެންސް އާއި ޖޭއެސްސީގެ މަސައްކަތްތައް އޮންލައިންކޮށް އަދި ޒަމާނީކޮށް ގެންދިއުމަށް ބޭނުންވާ ގިނަ އިކުއިޕްމަންޓުތަކެއް ވަނީ ހަދިޔާކޮށްފައެވެ.

ޖޭއެސްސީން ބުނީ މިއަދު ލިބުނު އެހީގެ ސަބަބުން ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަށާއި ސިންގަލް ޕްލެޓްފޯމެއްގައި ހުރިހާ ކޯޓުތަކެއް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު ޖޭއެސްސީއަށް މަސައްކަތް ކުރުމުގައި މިހާރު ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކަށް ވަރަށް ބޮޑަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ބަލިމަޑުކަމެއްގައި އަޅާ ފިޔަވަޅެއްގެ ސަބަބުން ޝަރީއަތްތައް ނުހިންގި އަދި އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ނުލިބި ލަސްވެގެން ނުވާނެ ކަމަށާއި، އެފަދަ ކަންތައްތަކުން އަރައިގަތުމަށް ޖުޑީޝަރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އަކީކޯ ފުޖީ ވިދާޅުވީ ކޯޓް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް މުސްތަގުބަލުގައި ވެސް ޔޫއެންޑީޕީގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ޖުޑީޝަރީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން މިހާރުވެސް ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން އިތުރު ހަ ކޮންސަލްޓެންސީ ޕްރޮގްރާމް ކުރިއަށްދާ ކަމަށެވެ.

comment ކޮމެންޓް