ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑު ކޮށްފި

ޓޫރިޒަމްގެ ޕީއެސް ސޫޒަން (މ)

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ސޫޒަން 30 ދުވަހަށް ސަސްޕެންޑު ކޮށްފައިވާ ކަމަށާއި ސަސްޕެންޑު ކުރީ މުސާރަ ހިނގާ ގޮތަށް ކަމަށެވެ.

ސޫޒަންގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސީއެސްސީ އިން ބުނީ ޕީއެސް ސަސްޕެންޑު ކުރީ ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި މަސައްކަތްތަކާ ގުޅޭ އޮޑިޓް ރިޕޯޓާއި، އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ޕީއެސްއާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް އެޑްރެސްކޮށް ޓޫރިޒަމްގެ މުވައްޒަފުންގެ ފަރާތުން އެ މިނިސްޓްރީގެ ޕީއެސް އާއި މެދު ހުރި ޝަކުވާތައް ބަޔާންކޮށް އިއްޔެ ވަނީ ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީގައި ސޫޒަން ކިބައިގައި އެ މަގާމު އަދާ ކުރުމުގެ ގާބިލުކަން ހުރިކަމާމެދު ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމަތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ޕީއެސްގެ މަސްއޫލިއްޔަތުތައްވެސް ސޫޒަން ފުރިހަމަ ނުކުރާ ކަމަށް ސިޓީގައި ބުނެއެވެ.

އެ ސިޓީގައި ސުޒޫންް މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ ބައެއް އިސްވެރިންނާއި މުވައްޒަފުންނާ ދެމެދު މަސްލަހަތު ގެއްލި މައްސަލަތަކެއް އުފެދޭ ގޮތަށް ސުޒަން މުއާމަލާތްތައްވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައިވެސް ސޫޒަން "ބޮޑެތި އިހުމާލުވެފައިވާކަން" ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މުވައްޒަފުން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވުމާއި މުވައްޒަފުންނަށް ދޭންޖެހޭ ޗުއްޓީ ނުދޭކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގައި ސޫޒަންގެ އެހީތެރިކަން ނުލިބޭކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

"ވީމާ ޕީއެސްއާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ހުށަހެޅިފައިވާ ޝަކުވާތައް ބައްލަވާ ދެއްވައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ،" ސިޓީގައި ބުނެފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ހަރަދު ކުރި 26 މިލިއަންގެ ތެރެއިން 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މުވައްޒަފުންގެ ޝަކުވާ އާއި އޮޑިޓް ރިޕޯޓު މައްސަލަ އާއި ގުޅިގެން ސޫޒަން މަގާމުން ސަސްޕެންޑުކޮށްފައިވާއިރު ޕީއެސްގެ މަގާމަށް ސޫޒަން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.

comment ކޮމެންޓް