ފުރަބަންދުގައި ފެށީ ދުވަން، މިހާރު ބައިވެރިވަނީ މެރަތަންތަކުގައި

ނައްތި ގޭ ސިޓިންގް ރޫމުގައި ދުވަނީ: އުމުރުން 57 އަހަރުގައި ފުރަތަމަ ފުލް މެރަތަން ފުރިހަމަ ކުރީ ބޮޑުބައި ގޭތެރޭގައި ދުވެގެން.

ދިގު ދުވުމުގެ ޓްރެންޑް އަތޮޅުތަކުގެ ހިތްގައިމު މަގުތަކުންގޮސް މާލޭގެ ކާރުބާރު ބޮޑު މަގުތަކަށްވެސް ދެމިލިތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ގުރޫޕްތައް ހަދާލައިގެން އެމީހަކަށް ދުވެވުނު ބާރު މިނެއްގައި ގޮސް ދުވަހަކަށް ވުރެން ދުވަހެއް އެންމެންގެ ދުވެލިވެސް އަންނަނީ ބާރުވަމުންނެވެ. އެކަމަކު މިއަހަރުގެ އޭޕްރީލް މަހު ކޮވިޑާ ގުޅިގެން ލޮކްޑައުންއަކަށް ދިއުމާ އެކު އޭރު ގަވާއިދުން ދުވަން ނުކުމެ އުޅުނު އެންމެންނަށް މަޖުބޫރުވީ ގޭގައި ތިބޭށެވެ.

ގޭގައި ތިބެން ޖެހުނު ނަމަވެސް، މި ދުވުންތެރިންގެ އަޒުމަކަށް ބަދަލެއް ނައެެވެ. ގޭތެރޭގައި ވެސް ދުވަން ފެށީ އެވެ. އެއް ދުވަހެއް ވުރެން އަނެއް ދުވަސް ކުރިއެރުންތައް ހޯދަމުން ގޮސް މިހާރު ގޭތެރޭ 42 ކިލޯމީޓަރުގެ ފުލް މެރަތަންއެއް ވެސް މީހަކު ފުރިހަމަ ކޮށްފި އެވެ. އެ ފަރާތަކީ އުމުރުން 57 އަހަރުގެ ނަސްރީނާ އަބްދުﷲ (ނައްތި) އެވެ.

ސަރުކާރަށް ހިދުމަތް ކުރާތާ 25 އަހަރު ވެފައި ނައްތި އަކީ ދުވުމަށް ހާއްސަ އިސްކަމެއް ދީގެން އޭނާގެ ދިރިއުޅުން ބައްޓަން ކުރަމުން އަންނަ މަންމައެއް، އަދި މާމައެކެވެ. ދުވުން އެކަންޏެއް ނޫނެވެ. ފެތުމުގެ ޝައުގުވެސް އެހާ ބޮޑެވެ. އެގޮތުން ފެތުމުގެ އިންސްޓްރަކްޓާ ކޯސް ހަދައި، ސްކޫލް ކުދިންނަށް ފަތަން ވެސް ދަސްކޮށްދިނެވެ. އޮފީހުގައި ބިޒީކޮށް އުޅެން ޖެހުމުން ފަހުން މޫދަށް ދާން އުނދަގޫވާތީ ދުވުމަށް ބަދަލުކޮށްލީ އެވެ.

ނައްތި ގެ ފުރަތަމަ ފުލް މެރަތަންއަށްފަހު.

ކޮންމެއަކަސް ނައްތިގެ ހިތްވަރުން އޭނާ ތަފާތު ދެއްކިގޮތުގެ ވާހަކައަކީ ހައިރާންވާންޖެހޭ ވަރުގެ ވާހަކައެކެވެ. މާލޭގެ މަގުތަކުގައި އާއްމުކޮށް ފަސް ކިލޯމީޓަރު ދުވަމުން އައި ނައްތި މިހާރު މެދުކެނޑުމެއްނެތި ދުވަމުން އެދަނީ ދިގު މެރަތަންތަކެވެ.

"އައި ރަނާޒްއާ އެކު ޓްރެއިންކުރަން ފެށިތާ މިވީ ދެއަހަރު. އޭގެ ކުރިން ފަސްކިލޯމީޓަރު ޖެހެނީ. ދެން އެކަލަ ގޮތަކަށް މިވީ ދުވަސްތަކުގައި ދުވުނީ. ވަރަށް ގިނަ ދުވުންތަކުގައި ބައިވެރިވެވިއްޖެ. އެހެން ދަނިކޮށް ލޮކްޑައުންއަކާ ކުރިމަތިލާން ޖެހުނީ. ދެން ފެށީ ގޭގެ ސިޓިންގް ރޫމުގައި ދުވަން،" މިހާތަނަށް 31 ރޭހުގައި ދުވެ މެޑަލް ހޯދާފައިވާ ނައްތި ބުންޏެވެ.

ނައްތި ބުނީ ލޮކްޑައުންގެ ކުރިން ވެސް މަސައްކަތް ކުރަމުން އައީ އޭނަގެ އަމިއްލަ ނަފްސަށް އިތުރު ޗެލެންޖުތަކެއްކުރުމަށް ކަމަށެވެ. އަދި ކޮވިޑް-19 އާއެކު ގޭ ބަންދުވާން ޖެހުމުން ނައްތިއަށް ހުސް ވަގުތު ލިބި ދުވުން ގެއަށް ބަދަލު ކުރި ކަމަށާއި، އެއަށްފަހު ފުރަތަމައިން ބައިވެރިވީ އައިރަނާޒް އިން އިންތިޒާމްކުރި "ރަން އެޓް ހޯމް" ޗެލެންޖްގައި ކަމަށެވެ.

އެއާއެކު ހަފުތާއަކު ތިން ދުވަހު ދުވި ދުވުން ކޮންމެ ދުވަހަކަށް އިތުރުވީ އެވެ. ކުރިން ދުވާ ގޮތާއި ތަފާތަކީ ހަމައެކަނި ގޭތެރޭގައި ދުވުން އެކަންނެއް ނޫނެވެ. ތަފާތަކަށްވީ މިފަހަރު ނައްތި ދުވީ ހުސްފައިގަ އެވެ. އަދި މަގުމަތީގައި ފަސް ކިލޯމީޓަރު ދުވި ނައްތި ގޭގައި އެއަށްވުރެ ދިގު ކޮށް ދުވަން މަސައްކަތް ފެށީ އެވެ.

"ލޮކްޑައުންގައި އޮއްވާ ފުރަތަމައިން ހާފް މެރަތަން ފުރިހަމަކުރީ. ދެން ހިތަށް އެރީ ފުލް މެރަތަންވެސް ފުރިހަމަ ކުރެވޭނެއޭ. އެހެންވެ އެކަމަށް ފޯކަސް ކޮށްގެން ދުވީ. ވަރަށް ބޮޑަށް ތައްޔާރުވީން. ރޭގަނޑު 12 ޖަހާއިރު ދުވަން ފަށަން ނިންމީ. އޭގެ ކުރިން މުޅި ދުވަސް އައީ އެކަމަށް ތައްޔާރުވަމުން. ހޭލާފައި މުޅި ދުވަސް އެކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަވަގުތު ރެސްޓްކުރީ. އެއީ އެރޭ އެއްކޮށް ހޭލާ ހުންނަން ޖެހޭނެތީ ހަކަތަ ދެމެހެއްޓުމުގެ ގޮތުން. އެއަށްފަހު ހަވީރުން ފެށިގެން ގިނަގިނައިން ފެން އަދި އޯއާރުއެސް [އޯރަލް ރީހައިޑްރޭޝަން ސޯލްޓް] ބުއީ،" ނައްތިގެ މެރަތަން ފެށުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ނައްތި ބުނީ، ރޭގަނޑު 12 ޖަހާއިރު ގޭތެރޭ ދުވަން ފެށީ ވަރަށް ވެސް ބޮޑު އަޒުމަކާ އެކު އެވެ. އަދި ގޭގެ އެންމެން ވެސް ނައްތިގެ ހުވަފެން ކާމިޔާބު ކުރުމަށް ހޭލާ ތިބެ ދިން ހިތްވަރުން އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ނައްތި ބުންޏެވެ.

"ގޭ އެންމެން ވެސް ހޭލާ ތިބެގެން ވަރަށް ބޮޑަށް އެހީތެރިވި، ދުވަމުން ދާއިރު ގަޑި ދައްކާ، ފެން އަދި އިތުރު އެހެން ކަންކަން ވެސް ބޭނުންވީ ގޮތަށް ތަރުތީބުކޮށްދީފައި ހުރީ. އެއީ މިކަން ފުރިހަމަ ވުމަށް ލިބުނު އެންމެ ބޮޑު ބާރަކީވެސް. ފަތިސް ވަންދެން އެގޮތަށް ދުވީ، ދެން ފަހެއް ޖެހީމަ އެހުރި ގޮތަށް ބޭރަށް ދުވަން ނުކުތީ. ބޭރަށް ނުކުން އިރު އަޅުގަނޑުގެ ގްރޫޕް ތިން މީހުން ތިބީ ތައްޔާރަށް. އެމީހުންނާއެކު ބޭރުގައި ބާކީ ފަސްވަރަކަށް ކިލޯމީޓަރު ފުރިހަމަކޮށްގެން ދުވުން ނިންމާލީ."

ނައްތި އޭނަގެ އަށް އަހަރުގެ މާމަ ދަރިފުޅާ އެކު: ދުވަން ދާއިރު ގިނަފަހަރަށް ދަނީ އޭނާ ވެސް ގޮވައިގެން.

ނައްތިގެ މި އާދަޔާ ޙިލާފު ދުވުން އޭނާ ނިންމާލީ ގާތްގަނޑަކަށް ފަސް ގަޑިއިރާއި 45 މިނަޓުގަ އެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެރޭ ނައްތި މި ކުރި ޗެލެންޖާއެކު ހަޔާތުގައި ކޮންމެ ކަމެއްވެސް ކުރެވިދާނެކަން ގަބޫލު ކުރެވުނުކަމަށް ނައްތި ބުނެއެވެ. ވަރުގަދަ އަޒުމެއްގައި ނައްތި 42 ކިލޯމީޓަރު ދުވީ ގޭގެ ސިޓިންގެ ރޫމާއި ކޮޓަރިތަކުގައި ގާތްގަނޑަކަށް 39 ފޫޓުގެ ޖާގައެއްގައި އެވެ. އޭނަގެ އުންމީދަކީ މާލޭ ސަރަހައްދުގެ ގޭގޭގައި ތާށިވެފައި ތިބި މީހުންވެސް އެކަމުން އިބްރަތް ހޯދައި ދުވުމަކީ ކުރެވިދާނެ ކަމެއް ކަން އަންގައިދިނުމެވެ.

"މިކަމުން ދޭން ބޭނުންވާ މެސެޖަކީ އެންމެނަށް ވެސް މިއީ ކުރެވިދާނެ ކަމެއްކަން. ހާއްސަކޮށް އަންހެން ބޭފުޅުން ގޭގައި ތިއްބަވައިގެންވެސް ކުރަން އުޅެފި ކަމެއް ވެދާނެކަން މިކަމުން ދޭހަވަނީ،"

"އަދި އެހެންމެ މިކަން ކާމިޔާބު ކުރުމަށްޓަކައި އައިރަނާޒްގެ ކޯޗުންނާއި އެކުވެރީން އަދި އާއިލާގެ އެންމެންގެ ފަރާތުން ލިބުނު، އަދި ލިބެމުންދާ އެއްބާރުލުމަށާއި އެހީތެރިމަކަށް ޝުކުރު އަދާކުރަން."

comment ކޮމެންޓް