ވުޒާރާތަކުގެ އޮޑިޓް ރިޕޯޓުތަކުން ފެންނަނީ ކައި ހުސްކޮށްލާފައި ހުރި ތަން: އަދުރޭ

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ ---

މި ސަރުކާރުގެ ވުޒާރާތަކުގެ އޮޑިޓް ރިޕޯޓްތަކުން ފެންނަނީ އެ ވުޒާރާއަކަށް ލިބިފައިހުރި ފައިސާ އާއި ތަކެތި "ކައި ހުސްކޮށްލާފައި" ހުރި ތަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، މި ސަރުކާރުގެ މުއައްސަސާތަކާއި ވުޒާރާތަކާ ގުޅޭ ގޮތުން ނެރޭ ކޮންމެ އޮޑިޓް ރިޕޯޓަކުން ހިޔާނާތުގެ އެތައް ކަމެއް ފެނިގެން ދާ ކަމަށެވެ.

"މި ސަރުކާރުގެ ކޮންމެ ވުޒާރާއެއް އޮޑިޓްކޮށް ނިންމާލާއިރު އަޅުގަނޑުމެނަށް މި ފެންނަނީ ކައި ހުސްކޮށްލާފައި ހުރި ތަން. އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނޭ. މިއީ އޮޑިޓާ ޖެނަރަލް ނެރުއްވާ ރިޕޯޓުތަކުގައި ހުރި ވާހަކަ މި ދައްކަނީ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ރައްޔިތުން ކަންބޮޑުވަނީ މުސާރަ ނުލިބި ގޭގައި ތިބެން ޖެހި، ކާބޯތަކެއްޗަށް ދަތިވުމުން ކަމަށެވެ.

"ރައްޔިތުން ކަންބޮޑުވަނީ މި ސަރުކާރުގެ އޮފީހެއް ނުވަތަ މުއައްސަސާއެއް އޮޑިޓް ކޮށްގެން ނެރޭ ކޮންމެ ރިޕޯޓެއްގައި އެތައް މިލިއަން ރުފިޔާގެ ވައްކަން ކޮށްފައި ހުރީމަ،" އަދުރޭ ވިދާޅުވި އެވެ.

ރައްޔިތުން ކަންބޮޑުވަނީ ކޮވިޑާ ގުޅިގެން ބޭރުގެ އެކި އެކި ގައުމުތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ފަރާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ތަކެއްޗަށް ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޮޑިޓް ރިިޕޯޓުތަކުން ހާމަވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ކަންބޮޑުވަނީ މި ކޮވިޑާއި ގުޅިގެން 4.80 ލާރިއަށް ލިބޭ ހަކުރު 16 ރުފިޔާއަށް ގަތީމަ. ރައްޔިތުން ކަންބޮޑުވަނީ ކާބޯތަކެތިން ވައްކަން ކުރީމަ. ރައްޔިތުން ކަންބޮޑުވަނީ މި ސަރުކާރުގެ އިސްބޭބޭފުޅުންގެ ރެސްޓޯރެންޓް ތަކުން ދިހަ ބާރަ މިިލިއަން ރުފިޔާގެ ހެދިކާ ގަނެގެން މި ކޮވިޑް ތެރޭގައި ކައިފަ ހުރީމަ،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ހަޒާނާގައި 900 މިލިއަން ޑޮލަރު ހުރިކަމަށް އަދުރޭ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އޭރު ގައުމީ އުފެއްދުންތެރިކަމުން ދިވެހި ރައްޔިތެއްގެ ބޮލަކަށް 12 ވަރަކަށް ހާސް ޑޮލަރު ޖެހޭ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު ދެހާސް، ތިން ހާހަށް ވެއްޓޭތީ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.

comment ކޮމެންޓް