ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސްގެ ޝަކުވާތަކެއް ސިވިލް ސާވިސްއަށް ހުށަހަޅައިފި

ޓޫރިޒަމް މިނިސްޓްރީގެ ޕިއެސް ސުޒަން -- ފޮޓޯ/ މިނިސްޓްރީ

ޓުއަރިޒަމް މިނިސްޓްރީގެ 26 މުވައްޒަފަކު ސޮއިކޮށް، އެ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އައިޝަތު ސޫޒަން ހަނީފްގެ ޝަކުވާތަކެއް ބަލައި ދިނުމަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް އެޑްރެސްކޮށް މުވައްޒަފުންގެ ފަރާތުން އެ ޝަކުވާތައް ހުށަހެޅީ އިއްޔެެއެވެ. އެ ސިޓީގައި އެ މިނިސްޓްރީގެ 36 މުވައްޒަފުންގެ ތެރެއިން 26 މުވައްޒަފަކު ވަނީ ސޮއިކޮށްފަ އެވެ.

"ސަން"އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި އޭނާއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަން ސީއެސްސީގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އެ ސިޓީގައި ސޫޒަން ކިބައިގައި އެ މަގާމު އަދާ ކުރުމުގެ ގާބިލުކަން ހުރިކަމާމެދު ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމަތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ޕީއެސްގެ މަސްއޫލިއްޔަތުތައްވެސް ސޫޒަން ފުރިހަމަ ނުކުރާ ކަމަށް ސިޓީގައި ބުނެއެވެ.

"މަގާމުގައި އެއް އަހަރު ދުވަސް ހޭދަވެފައިވާއިރު، މިނިސްޓްރީގެ މަސައްކަތްތަކާއި ސީއެސްސީގެ ގަވައިދުތަކާއި އުސޫލުތަކަށްވެސް ޕީއެސް އަހުލުވެރިވެފައި ނުވެއެވެ. އެގޮތުން މިނިސްޓްރީގެ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ފޯމުތައް ފުރުމުގައި ޕީއެސްގެ ފަރާތުން މުވައްޒަފުން ކުރާ މަސައްކަތްތައް އެއްވެސް މިންވަރަކަށް އެނގިފައި ނުވާތީ މުވައްޒަފުންގެ ފެންވަރު ވަޒަން ކުރުމުގައި ނުކުޅެދިފައިވާކަން ފާހަގަކުރަމެވެ،" ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ސުޒޫންް މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ ބައެއް އިސްވެރިންނާއި މުވައްޒަފުންނާ ދެމެދު މަސްލަހަތު ގެއްލި މައްސަލަތަކެއް އުފެދޭ ގޮތަށް ސުޒަން މުއާމަލާތްތައްވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އޭގެ އިތުރުން މިނިސްޓްރީގެ މުވައްޒަފުންނާއި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދެމެދު މައްސަލަތަކެއް އުފެދޭގޮތަށްވެސް ސޫޒަން އަމަލުކޮށްފައިވާކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

"ޕީއެސްގެ ދައުރު އަދާކުރުމުގައި ކުރަން ޖެހޭ މަސައްކަތްތަައްވެސް އެހެން މުވައްޒަފުންނާ ހަވާލުކޮށްގެންނާއި ސީއެސްސީގެ އުސޫލުތަކާ ހިލާފަށް މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައިވެސް ކަމާ ނުގުޅޭ މުވައްޒަފުން ލައްވައިވެސް މަސައްކަތްކުރުވާފައިވާކަންވެސް ފާހަގަކުރަމެވެ.،" ސިޓީގައި ބުނެފައިއެވެ.

މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައިވެސް ސޫޒަން "ބޮޑެތި އިހުމާލުވެފައިވާކަން" ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މުވައްޒަފުން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވުމާއި މުވައްޒަފުންނަށް ދޭންޖެހޭ ޗުއްޓީ ނުދޭކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގައި ސޫޒަންގެ އެހީތެރިކަން ނުލިބޭކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

"ވީމާ ޕީއެސްއާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ހުށަހެޅިފައިވާ ޝަކުވާތައް ބައްލަވާ ދެއްވައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ،" ސިޓީގައި ބުނެފައިވެއެވެ.

އެ ޝަކުވާތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު "ސަން"އަށް މިއަދު ވިދަޅުވީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ސޫޒަންއާ މެދު ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެކަން ޝަކުވާތައް ރަސްމީކޮށް ސީއެސްސީއަށް ހުށަހެޅިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސޫޒަން ޕީއެސްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.

ޓޫރިޒަމްގެ ޕީއެސް ސޫޒަންގެ މައްސަލަތަކެއް މުވައްޒަފުންގެ ފަރާތުން ހުށަހެޅި އިރު، އެ މިނިސްޓްރީގެ ކުރީގެ މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކޮށްފައިވަނީވެސް މުވައްޒަފުން ރައީސް އޮފީހަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ. މުވައްޒަފުން އޭރު އަލީ ވަހީދަށް ކޮށްފައިވަނީ ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. އެހެން ނަމެވެސް އެ ތުހުމަތުތައް އަލީ ވަހީދު ދޮގު ކުރެއެވެ.

comment ކޮމެންޓް