ރާއްޖެއިން ލަންކާއަށް ދާ ފްލައިޓުތަކަށް ރަޓްމަލާނާ އެއާޕޯޓު

ރަޓްމަލާނާ އެއާޕޯޓު

ރާއްޖެ އާއި އިންޑިއާގެ ބައެއް ސަރަހައްދުތަކުން ސްރީލަންކާ އަށް ދާ ފްލައިޓުތައް އޮޕަރޭޓުކުރަން ބޭނުންކުރާނީ ރަޓްމަލާނާ އެއާޕޯޓު ކަމަށް ސްރީލަންކާގެ ސަރުކާރުން ބުނެފިއެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފްރާސަނާ ރަނަތުންގާ ވިދާޅުވީ ރާއްޖެ އާއި ލަންކާއާއި ދެމެދު ފްލައިޓުތައް ބޭއްވުމަށް ފްލައިމީ އަދި މޯލްޑިވިއަން އާއެކުވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ފްލައިމީ އިން ދާދިފަހުން ވަނީ އެ އެއާލައިނުގެ ބައިނަލްއަގުވާމީ ފުރަތަމަ ދަތުރު ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮށްފައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ އެއާލައިން އުދުހޭނީ ކޮލޮމްބޯގެ ރަޓްމަލަނާ އެއާޕޯޓަށް ކަމަށް އެ އެއާލައިނުން ބުންޏެވެ.

ރާއްޖެ އާއި ލަންކާ އާއި ދެމެދު ކުރާ ދަތުރުތަކަށް އާންމުކޮށް ބޭނުންކުރަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓެވެ. ރަޓްމަލާނާ އެއާޕޯޓަކީ ލަންކާގެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. ބަންޑާރަނައިކަ އެއާޕޯޓު ހުޅުވުމާއި ހަމައަށް އެ ގައުމުގައި އޮޕަރޭޓުކުރި އިންޓަނޭޝަނަލް އެއާޕޯޓު، ރަޓްމަނާލާ އެއާޕޯޓަށް މިހާރުވެސް ދުވާލަކު 75 ފްލައިޓު އޮޕަރޭޓު ކުރެއެވެ.

އެގޮތުން ޕްރައިވެޓް ޖެޓުތަކާއި ޑޮމެސްޓިކް ދަތުރުތަކަށް އަދި އަސްކަރިއްޔާގެ ބޭނުމަށާއި ފްލައިން ސްކޫލުގެ ބޭނުމަށް އެ އެއާޕޯޓު ބޭނުންކުރެއެވެ.

ރަޓްމަލާނާ އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ބޭއްވުމަށް ލަންކާގެ ކެބިނެޓުން މިހާރު ވަނީ ރުހުން ދީފައެވެ. މީގެ އިތުރުން އެ އެއާޕޯޓުން ނަގާ ފީތަކަށް ލުއިދޭންވެސް ލަންކާ ސަރުކާރުން ވަނީ ނިންމައިފައެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރަޓްމަނާލާ އެއާޕޯޓު އޮންނަ ސަރަހައްދަކީ ގިނަ އަދަދެެއްގެ ދިވެހިންނާއި ސައުުތު އިންޑިއާގެ ރައްޔިތުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެއް ކަމަށާއި އެ އެއާޕޯޓަށް ބާއްވާ ފްލައިޓުތައް އެ ރައްޔިތުންނަށް ހާއްސަވާނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ފްލައިޓުތަކަށް ރަޓްމަލާނާ އެއާޕޯޓު ހާއްސަ ކުރަން ނިންމިއިރު، ސްރީލަންކާއަށް ޗުއްޓީއަށާއި ވިޔަފާރިއަށްދާ މީހުންނަށް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ) ހުޅުވުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.

comment ކޮމެންޓް