އިސްރާއީލާ ގުޅުންތައް އުފައްދާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ސައޫދީވެސް ހިމެނޭ: ޓްރަމްޕް

ވޮޝިންޓަން (ސެޕްޓެމްބަރު 16) : އަރަބި ގައުމުތައް އިސްރާއީލާ ގުޅުންތައް ގާއިމް ކުރުވުމަށް އެމެރިކާ ކުރިޔަށް ގެންދާ މަޝްރޫއުގައި ސައޫދީ އަރަބިޔާއާއި އެނޫންވެސް ބައެއް އަރަބި ގައުމުތައް ބައިވެރިވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވަށައިގެން އެނބުރޭ ގަލްފުގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި ބަހްރައިން އިސްރާއީލާއެކު ގުޅުންތައް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވައިޓްހައުސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވީ ސައޫދީ އަރަބިޔާ ވެސް އިސްރާއީލާ ގުޅުންތައް ގާއިމްކުރާ ގައުމުތަކުގެ ލިސްޓަށް ދާދިއަވަހަށް އަރާނެކަމަށް ބެލެވޭ ކަމަށާ އެކަމާބެހޭ ގޮތުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާ ފޯނުން މަޝްވަރާ ކުރައްވާފައިވާނެ ކަމުގަ އެވެ.

ހައެއްކަ ގައުމުން އިސްރާއީލާ ގުޅުންތައް އުފައްދާނެ

ސައޫދީގެ އިތުރުން އަރަބި އިސްލާމީ ފަސްވަރަކަށް ނުވަތަ ހައެއްކަ ގައުމުން އިސްރާއީލާ ގުޅުންތައް ގާއިމްކުރުން އެކަށީގެންވާ ކަމަށާއި އެކަމަށްޓަކައި އޭނާގެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ފަލަސްތީނުގެ ހައްގުތަކާއި އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ބެހޭ ގޮތުން ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޔޫއޭއީ އާއި ބަހްރައިން އިން އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަނީ

ސައޫދީ ވަޒީރުންގެ މަޖިލީހުންވަނީ ސައޫދީ ސަރުކާރުން އިސްކުރަނީ ފަލަސްތީނުގެ ބިމާއި ހައްގުތައް ކަމަށާއި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރާނެކަމަށް ބުނެ އިއްޔެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ސައޫދީން އިސްރާއީލާ ގުޅުންތައް ނުއުފައްދާނެ ކަމަށް އަދި އެކަމަށް މަސައްކަތް ނުކުރާނެކަމަށް ބުނެފައެއް ނުވެއެވެ.

ސައޫދީގެ ރުހުންނެތި ބަހްރައިން އިން މިފަދަ ފިޔަވަޅެއް ނާޅާނެ

ބަހްރައިން އަކީ އެގައުމުގެ އާއިލީ ރަސްކަމުގެ ނިޒާމު ދެމެހެއްޓުމަށް ޓަކައި އެމެރިކާގެ އިތުރުން ސައޫދީ އަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ބަހްރައިންގެ އާއިލީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރުމަށް ޚާއްސަކޮށްގެން ސައޫދީ ސިފައިންގެ ފައުޖެއް ވެސް އެގައުމުގައި ރުކުރުވާލާފައިވެ އެވެ. އަދި ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވެސް އަދި ގަލްފުގެ ސަރަހައްދުގައި ވެސް ބަހްރައިންއަކީ ސައޫދީ ބުނާ ގޮތެއް ހެދުމުގެ ސިޔާސަތެއް ޒަމާނުއްސުރެ ގެންގުޅޭގައުމެކެވެ. އެހެންކަމުން ސައޫދީގެ ރުހުން ނުލިބި ބަހްރައިން އިން އިސްރާއީލާ ގުޅުންތައް އުފެއްދުމަކީ މުސްތަޙީލް ކަމެއްކަމަށް މުރާސިލުން ބުނެއެވެ.

ރަސްމިއްޔާތުގައި ޔޫއޭއީ އާއި ބަހްރައިންގެ އިސްވެރިން ބައިވެރިއެއް ނުވޭ

ޔޫއޭއީ އާއި ބަހްރައިން އިން އިސްރާއިލާ ގުޅުންތައް ގާއިމްކުރަން ނިންމިކަން މިމަހުގެ ކުރީކޮޅު އިއުލާން ކުރެއްވީ ޓްރަމްޕެވެ. މި ނިންމުމާ އެއްގޮތަށް އެކަމާބެހޭ ރަސްމީ އެއްބަސްވުންތަކުގައި އެދެގައުމުން އިއްޔެވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ޓްރަމްޕްގެ އިސްކޮށް ހުންނަވައިގެން ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުންތަކުގައި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒާޔިދު އާލްނަހްޔާންއެވެ. ބަހްރައިންގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޚާރިޖީ ވަޒީރު ޢަބްދުއްލަޠީފުއްޒައްޔާނީ އެވެ. އިސްރާއީލުގެ ފަރާތުން ސޮއިކުރީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. ނަމަވެސް ބަހްރައިން އާއި ޔޫއޭއީގެ އިސްވެރިން އަދި ވަލީއުލްއަހްދު ފެންވަރުގެ ވެރިންވެސް މި ރަސްމިއްޔާތަށް ވަޑައިގެންފައިނުވުމަކީ ސުވާލު އުފެދިފައިވާ ކަމެކެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ފޭރިގަނެ ފަލަސްތީނު އިސްތިއުމާރު ކުރުމުގެ އިތުރުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށްވެސް އަތްގަދަކޮށް އެތަނުގެ ހުރުމަތް ކަނޑައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް އެމީހުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށް އަވަށްޓެރި އަރަބި ގައުމުތަކަށް ތަކުރަރުކޮށް ހަމަލާދީ އުދުވާން ހިންގައި އިސްރާއީލުން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާ ހަރުކަށި އުދުވާނީ އިސްތިއުމާރީ ގައުމެކެވެ.

ޒަޔަނިސްޓް ޖަމާއަތްތަކުގެ ތާއީދު ހޯދުމާއި އާއިލީ ރަސްކަން ދެމެހެއްޓުން

މިއިން އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ޓްރަމްޕްގެ އެދުމަށް އިސްރާއީލާ ގުޅުންތައް އުފެއްދުމަށް ޔޫއޭއީ އާއި ބަހްރައިން އިން ނިންމައި އެކަމާބެހޭ އެއްވުންތަކުގައި ސޮއިކުރީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ބާރުގަދަ ޔަހޫދީ ލޮބީ ގުރޫފްތަކުގެ ތާއީދު ޓްރަމްޕަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ވަނީ ބެލެވިފައެވެ. މީގެއިތުރުން އިސްރާއީލާ ގުޅުން އުފެއްދުމަކީ ޑިމޮކްރަސީ އަކަށް ނުގޮސް އާއިލީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރެވޭނެ ކަމެއްކަމަށް ޔޫއޭއީ އާއި ބަހްރައިން އިން ދެކުމަކީވެސް އިސްރާއީލާ ގުޅުންތައް އުފައްދަން އެދެގައުމު ބޭނުންވާ ސަބަބެއްކަމަށް މުހައްލިލުން ދެކެއެވެ.

މަސްޖިދުލްއަގްސާ އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައި

މިދެގައުމުގެ ރައްޔިތުން ގެންދަނީ މިކަމާ ދެކޮޅުކަން އެމީހުންނަށް ހާމަކުރެވެން އޮތްގޮތްގޮތަށް ހާމަކުރަމުންނެވެ. އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ބިމުން ފާބައި ފަލަސްތީނުގެ ދައުލަތެއް އުފައްދައި ދިނުމުގެ ކުރިން އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަކީ ފަލަސްތީނުގެ މައްސަލައަށް ޚިޔާނާތްތެރިވުންކަމަށް އަރަބި އިސްލާމީ ގައުމުތަކުގެ ރައްޔިތުން ދެކެއެވެ. އަނެއްކޮޅުން މިއީ ފަލަސްތީނުގެ މައްސަލާގައި އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓްތަކުގެ ނިންމުންތަކާއި އިޖްމާޢުން ބޭރުވެ ފަލަސްތީނަށާއި މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ޚިޔާނާތްތެރިވުންކަމަށް ބުނެ އަރަބި އިސްލާމީ އެތަށް ގައުމެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ އެކަމާދެކޮޅަށް އަޑުއުފުލާފައެވެ.

މި އެއްބަސްވުންތަކުން މެދުއިރުމަތީގެ އެއްވެސް މައްސަލައަކަށް ހައްލެއް ނުލިބޭ

ޔޫއޭއީ އާއި ބަހްރައިންއަކީ އިސްރާއީލާ ހަނގުރާމައިގެ ހާލަތުގައި އޮތް ދެގައުމު ނޫންކަމަށް ވިޔަސް އަދި މި އެއްބަސްވުންތަކަކީ މެދުއިމަތީގެ އެއްވެސް މައްސަލައަކަށް ހައްލެއް ލިބޭނެ ކަމަކަށް ނުވިނަމަވެސް މިދެގައުމު އިސްރާއީލާ ގުޅުންތައް ގާއިމް ކުރުން ޓްރަމްޕް ސިފަކުރެއްވީ އޭނާއަށް ލިބުނު ޑިޕްލޮމެޓިކް ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި އެއީ އޭނާގެ ސަރުކާރުން ސުލްހައަށް އެޅި މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ.

އުތުރުކޮރެއާ، ވެނެޒުއެލާ އަދި އީރާން ފަދަ ގައުމުތަކާ ސުލްޙަވުމަށާ އަދި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައާއި އަރަބި ގައުމުތަކުގައި ހިނގާ އެއްވެސް ހަނގުރާމައެއް ހުއްޓުވުންފަދަ ޚާރިޖީ ދާއިރާއެއްގައި އެއްވެސް ކަމެއް ޓްރަމްޕްގެ ވެރިކަމުގައި އޭނާއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްވަނީ ކުރިން އެމެރިކާ ޓެރަރިސްޓުންގެ ގޮތުގައި ސޮއިކުރި އަފްޣާން ތާލިބާނުންނާ ސުލްހަވުމުގައި ކާމިޔާބު ހޯދާފައެވެ.

އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ޓަރްމްޕާއި ނަތަންޔާހޫ އަދި ޔޫއޭއީ އާއި ބަހްރައިން ގެ ޚާރިޖީ ވަޒީރުން ދެއްކެވި ވާހަކަތަކުގައި މިއީ ސުލްހައިގެ މަގުގައި އެޅި މުހިއްމު ފިޔަވަޅެއްކަމަށް ސިފަކުރެއްވިއެވެ.

ފަލަސްތީނުން ދެކެނީ ޚިޔާނާތެއް ކަމަށް

ފަލަސްތީނުން މިކަން ސިފަކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ. އިސްރާއީލުގެ އަޅުވެތިކަމާއި ހިސާރާއި އަނިޔާވެރިކަން ކޮންމެ ދުވަހަކު ތަހައްމަލްކުރަމުން ގެންދާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ބުރަކަށްޓަށް ފަހަތުން ހަރާލި ޚިޔާނާތު ޚަންޖަރުގެ ގޮތުގައެވެ.

އަދި މެދުއިރުމަތީގެ ހަގީގީ މައްސަލައަކީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބައި އދ. ގެ ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު އިސްރާއީލުން ނުދިނުން ކަމަށްވާއިރު މިއީ މި މައްސަލަ އޮއްބާލައި ފަލަސްތީނުގެ މައްސަލަ ހަނދާން ނައްތާލުމުގެ އަމަލެއްކަމަށްވެސް ފަލަސްތީނުންވަނީ ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް