ގަތަރުން އިސްރާއީލާއެކު ގުޅުން ގާއިމު ނުކުރާނެ ކަމަށް ބުނެފި

ގަތަރުން އިސްރާއީލާއެކު ގުޅުން ގާއިމު ނުކުރާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޮލްވާ އަލް ޚަތޭރު ވިދާޅުވި -- ފޮޓޯ: ގެޓީ

ދޯހާ (ސެޕްޓެމްބަރު 16): އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލަކީ އިސްރާއީލާ އެކު ގުޅުން ބަދަހި ކުރުން ނޫން ކަމަށާއި އެގޮތަށް އަމަލު ނުކުރާނެ ކަމަށް ގަތަރުގެ ސަރުކާރުން ބުނެފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޮލްވާ އަލް ޚަތޭރު ވިދާޅުވި ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ދެބަސްވުން އުފެދިފައިވާ މައިގަނޑު ކަމަކީ އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުންނެއް ނޫނެވެ. އެހެންކަމުން އެއީ މައްސަލައިގެ ހައްލަކަށްވެސް ނުވާނެ އެވެ. އަދި ދެބަސްވުމުގެ މައިގަނޑު ކަމަކީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގައުމެއް ނެތި، އެހެން ބަޔެއްގެ ބާރުގެ ދަށުގައި އުޅެން ޖެހިފައި ވުމެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ މި ދެބަސްވުމުގެ މައިގަނޑު ކަމަކީ [އިސްރާއީލާ] ގުޅުން ގާއިމު ކުރުން ކަމެއް އެހެންކަމުން އެއީ މިކަމަށް އޮތް ޖަވާބަކަށްވެސް ނުވާނެ،" ޚަތޭރު ވިދާޅުވި އެވެ.

ބްލޫމްބާގް ނޫހަށް ޚަތޭރު ދެއްވި އިންޓަވިއުއެއްގައި އެފަދައިން ވިދާޅުވީ ބަހުރައިން އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން އިސްރާއީލާއެކު ގުޅުން ގާއިމު ކުރަން އެއްބަސްވި ފަހުންނެވެ. އިއްޔެ އެ ދެ ގައުމުން ވަނީ އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްރާއީލާ އެކު ގުޅުން ގާއިމު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އިސްރާއީލާއި އެ ދެ ގައުމާ ދެމެދު ވިޔަފާރި އާއި ސަލާމަތީ އަދި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރާނެ އެވެ.

ފަލަސްތީނުގެ ރައްޔިތުން ވަނީ ބަހުރައިން އާއި ޔޫއޭއީގެ އެ ނިންމުމަށް ފާޑު ކިޔާ، އެއީ ފަލަސްތީން މިނިވަން ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ނިންމުމެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް