އެމްޑީއެންއާ ދެކޮޅު އެއްވުމެއްގައި ބައިވެރިވި ގާޒީއަކު ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އަންގައިފި

ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީ އިން މީގެ ކުރިން އެކުލަވާލި ކޮމެޓީގެ މެންބަރުން: އެ ކޮމިޝަނުން ވަނީ ހުޅުދުއްފާރު ކޯޓުގެ މެޖިސްޓްރޭޓަށް ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާފައި - ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ ދެކޮޅަށް ބޭއްވި ހަރަކާތެއްގައި ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ބައިވެރިވެފައިވާތީ ފިޔަވަޅެއްގެ ގޮތުގައި އޭނާއަށް ނަސޭހަތްދީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީއެން އިން ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާއި މެދު ފިޔަވަޅު އެޅިމަށް ގޮވާލައި މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ހުޅުދުއްފާރުގައި ބޭއްވި ހަރަކާތެއްގައި އެ ރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ބައިވެރިވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މުސްތަފާގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފް ކަމެއް ކަން ޖޭއެސްސީން ވަނީ ކަނޑައަޅާފަ އެވެ.

އެ މައްސަލައިގެ ތަހްގީގުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިޔާއަތްކޮށް، އިސް މެޖިސްޓްރޭޓް އަލީ މުސްތަފާއާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާއަށް ނަސޭހަތް ދިނުމާއި އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރު ދެނެގަތުމަށް، އެމްޑީއެންއިން 2015 ވަނަ އަހަރު އެކުލަވާލި، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގައި އިސްލާމް ދީނަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހުރުމުން އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ ޖަމްއިއްޔާ އުވާލަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދިޔަ އަހަރު މުޒާހަރާކޮށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރި އެވެ.

އެ މައްސަލައިގައި އެމްޑީއެންގެ ރަޖިސްޓްރީ ބާތިލްކޮށް އެ ޖަމިއްޔާ އުވާލަން ނިންމީ، މިދިޔަ އަހަރުގެ ނޮވެމްބަރު، 5 ވަނަ ދުވަހު އެވެ. އަދި ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ހަމަވެގެން 19 ޑިސެމްބަރުގައި އެ ޖަމްއިއްޔާ އުވާލިކަން ޔޫތު މިނިސްޓްރީއިން އިއުލާންކުރި އެވެ.

comment ކޮމެންޓް