ފެނަކައިން ބައިނަލްއަގްވާމީ މިންގަނޑުތައް ގާއިމުކޮށް، އައިއެސްއޯއަށް ސާޓިފައިވެއްޖެ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ފެނަކަ

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކައިގެ ހިދުމަތްތައް ބައްޓަންކޮށް، އެކޯޕަރޭޝަން އައިއެސްއޯއަށް ސާޓިފައިވެއްޖެ އެވެ.

ފެނަކައަށް އައިއެސްއޯގެ ސާޓިފިކޭޝަން ލިބިފައިވަނީ އައިއެސްއޯ މިންގަނޑުތަކުގެ ތެރެއިން އައިއެސްއޯ 2015-9001 (ކޮލިޓީ މެނޭޖްމަންޓް) އަދި އައިއެސްއޯ 2018-45001 (އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ)އިންނެވެ.

ކޮލިޓީ މެނޭޖްމަންޓަކީ ބައިނަލްއަގްވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.

އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ މިންގަނޑުތަކަކީ މަސައްކަތުގެ މާހައުލުގައި އެކަށޭނެ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވޭތޯ ބަލަން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.

ފެނަކައިން ބުނީ އައިއެސްއޯއަށް ސާޓިފައިވާން ކުރި މަސައްކަތުން މިހާރު އެކުންފުނީގެ ލަނޑުދަނޑިތަކާއި ލަނޑުދަނޑިތައް ހާސިލުކުރަން މަސައްކަތްކުރަން ޖެހޭ ގޮތުގެ އުސޫލުތަކާއި އެ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކުގެ އިތުރުން، މަސައްކަތާއި ގުޅުންހުރި މައުލޫމާތު އެއްކުރެވޭ ފޯމެޓުތަކާއި ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި މަސައްކަތް ބަލާނެ އިންތިޒާމު ހަމަޖެހި އަމަލު ކުރަމުންދާ ކަމަށެވެ.

އައިއެސްއޯއަށް ސާޓިފައި ވުމަކީ އާންމުންގެ މެދުގައި ފެނަކައާ މެދު ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައިދީ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި މުވައްޒަފުން ކޮށްދިން ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ސައީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އައިއެސްއޯއަކީ ގައުމުތަކުގައި މިންގަނޑުތައް ކަނޑައަޅާ ޖަމިއްޔާތަކުގެ މައްޗަށް އެކުލެވިގެންވާ، މިންގަނޑުތައް ކަނޑައަޅާ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.

comment ކޮމެންޓް