މަގުމަތިކޮށްލި މާމެންދޫ މީހަކު ބަލައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ގއ. މާމެންދޫ: އެ ރަށުގައި ދިރިއުޅޭ ދުވަސްމީ މީހަކު ބަލަހައްޓާނެ ފަރާތެއް ޙޯދުމަށް ވަނީ އިއުލާނު ކޮށްފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. މާމެންދޫގައި މަގުމަތިކޮށްލާފައިވާ ދުވަސްވީ ފިރިހެނަކު ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ މީހަކު ބަލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި އޭނާ އަކީ އަޅާލާނެ މީހަކު ނެތި މަގުމަތިވެފައިވާ މީހެއް ކަމަށެވެ.

އެ ކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް އެ ރަށުގެ ތިން ކައުންސިލަރުންނަށް ވެސް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ރަސްމީ ކޮމެންޓެއް ވަނީ ނުލިބިފަ އެވެ.

އެ ރަށުން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ދުވަސްވީ އެ މީހާ މީގެ ކުރިން ބަލަހައްޓަމުން ދިޔައީ އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނު އަންހެން މީހާގެ ދަރިއެއް ކަމަށެވެ. ނަމަވެސް މީގެ ފަސް ދުވަސް ކުރިން އެ ގެ އިން އޭނާ ބޭރުކޮށްލާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެ ފުރޮޅުލީ ގޮނޑިއަކަށް ލައި މަގުމައްޗަށް ދޫކޮށްލުމުން އެ ރަށުގެ ބަޔަކު ވަނީ އޭނަ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށްފަހު މިހާރު އޭނަ ބަލަހައްޓަމުން ދަނީ ކައުންސިލުން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކައުންސިލްގެ ބެލުމުގެ ދަށުން ދުވަސްވީ މީހާ މިވަގުތު ހުރީ އެ ރަށު ފުޓްބޯޅަ ދަނޑުގެ ޗޭންޖިން ރޫމެއްގައި ކަން ވަނީ އެނގިފަ އެވެ.

މަގުމަތިވެފައިވާ މީހާގެ ދަރިއެއް ނެތް ނަމަވެސް އޭނާގެ އާއިލީ ތިން ވާރިސުން އެ ރަށުގައި ދިރިއުޅެ އެވެ. އެއީ މަގުމަތިވެފައިވާ ދުވަސްވީ މީހާގެ އެއްބަޑު އެއްބަފާ މީހެއްގެ ތިން ދަރިންނެވެ.

comment ކޮމެންޓް