ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން ސްކޫލު އަޅަނީ

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި އިތުރު ތިން ސްކޫލު އަޅަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނީ ކޮންޓްރެކްާ ފައިނޭންސް އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މި ތިން ސްކޫލުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ބިޑް ސެކިޔުރިޓީގެ ގޮތުގައ 850،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭއިރު، މި މަސައްކަތުގެ ބިޑު ޕްރޮސެސް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ. ކޮންޓްރެކްޓަރުގެ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 19 އާއި ހަމައަށް ފިނޭންސް މިނިސްޓްރިގައި ރެޖިސްޓްރީ ކުރަން ޖެހެއެވެ. ކޮންމެ ބީލަމެއްގައި ރެޖިސްޓްރީ ވުމަށް 1،500 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު ވަނަ ދުވަހުއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ނިމޭއިރު ތިނެެއް ނޫނީ ހަތަރު ސްކޫލު ހުންނާނެކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް