ނަވަލްނީއަށް މިހާރު ހެލިފެލިވެ އުޅެވޭ: ޖަރުމަނުގެ ޑޮކްޓަރުން

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ވިހަ ދިން ކަމަށް ޓެސްޓުތަކުން އެނގޭ ކަމަށް ޖަރުމަނުން ބުނޭ -- ފޮޓޯ: ރޮއިޓާސް

ބާލިން (ސެޕްޓެމްބަރު 15): ވިހަ ދީފައިވާ ކަމަށް ބެލެވޭ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ވެންޓިލޭޓަރުން ނައްޓާ، އޭނާއަށް މިހާރު ހެލިފެލިވެ އުޅެވޭ ކަމަށް ޖަރުމަނުން އޭނާއަށް ފަރުވާ ދޭ ޑޮކްޓަރުން ބުނެފި އެވެ.

ޖަރުމަނުގެ ބާލިންގައި މިދިޔަ މަހުން ފެށިގެން ނަވަލްނީއަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުން އިއްޔެ ކުރި ޓުވީޓެއްގައިވާ ގޮތުން އޭނާގެ ހާލު ދަނީ ރަނގަޅުވަމުންނެވެ. އަދި އޭނާއަށް މިހާރު "އެނދުން ތެދުވެ، ކުޑަ ވަގުތުކޮޅަކަށް ހެލިފެލިވެ އުޅެވޭ" ކަމަށް އެ ޓުވީޓުގައިވެ އެވެ.

އުމުރުން 44 އަހަރުގެ ނަވަލްނީއަށް ކުއްލި ފަރުވާ ދޭން ޖެހުނީ މިދިޔަ މަހުގެ 20ގައި ސައިބީރިއާ އިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި އިންނަވަނިކޮށް ހޭނެތުމުންނެވެ. އޭގެ ފަހުން ކޯމާއެއްގައި އޮތް ނަވަލްނީ ޖަރުމަނަށް ގެންދިޔައީ ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި ދެ ދުވަހަށް ފަރުވާ ދިނުމަށް ފަހު އެވެ. އޭނާ ހޭ އެރީ މިދިޔަ ހަފްތާގައި ކަމަށް ބާލިންގެ ޑޮކްޓަރުން ބުނެ އެވެ.

ޖަރުމަނުން ނަވަލްނީއަށް ފަރުވާ ދިން ޑޮކްޓަރުން ބުނި ގޮތުގައި އޭނާއަށް ވިހަ ދީފައިވާކަން ޓެސްޓުތަކުން އެނގެ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ ނަވަލްނީއަށް ދީފައި ވަނީ ނޮވިޗޮކް ގުރޫޕުގެ ކެމިކަލް ނާވް އޭޖެންޓެއް ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ރަޝިއާއިން ދިނުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން ފްރާންސާއި ސުވިޑެންއަށް ފޮނުވި ސާމްޕަލްތައް ޓެސްޓު ކުރުމުން ވެސް ނަވަލްނީއަށް ނޮވިޗޮކް ދީފައިވާ ކަން ޔަގީންވާ ކަމަށް ޖަރުމަނުގެ ސަރުކާރުން ބުންޏެވެ.

ރަޝިއާ އިން ވަނީ އެ ޓެސްޓުތަކުގެ ނަތީޖާއާ ބެހޭ ތަފްސީލު ޖަރުމަނުން އެގައުމާ ހިއްސާ ނުކުރާ ކަމަށް ބުނެފަ އެވެ. އަދި ރަޝިއާއިން އަމިއްލައަށް އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.

ނޮވިޗޮކް އަކީ ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި، ފިނި ހަނގުރާމައިގެ ދުވަސްވަރު އުފެއްދި ކެމިކަލް ހަތިޔާރެކެވެ.

comment ކޮމެންޓް