ދަރިފުޅު ރީދޫވަނީ، މިވަނީ ކިހިނެއް؟

އަލަށް ވިހާ ތުއްތުކުދިން ރީދޫވުން -- ފޮޓޯ:ޕެކްސެލް

އަލަތު ދަރިފުޅަށް 24 ގަޑިއިރުވުމުން ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، ގެއަށްދެވުމަކީ ދެމައިންނަށާއި ބައްޕައަށްވެސް ލިބޭ ބޮޑު އުފަލެކެވެ. ދަރިފުޅު ލޯބިން އުރާލާ ފުށްގަނޑެއްހެން މޮޑެލައި ވިހެއުމުގައި ހޭދަކުރަންޖެހުނު ވަގުތުތަކުގެ ވަރުބަލި ކަމާއި، ނިދި ހަމަޖައްސާލުމަށްވެސް އަލަތު އާއިލާއަށް މިއީ ލިބޭ ފުރަތަމަ ފުރުސަތެވެ. އެހެން ނަމަވެސް މި ފޮނިފޮނި އުންމީދުތަކަށް ހުރަސް އެޅި، ހާސްކޮށްލަނީ ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ދަރިފުޅު މާބޮޑަށް ރީދޫ ވުމުންނެވެ.

މިއީ އެންމެ މީހަކަށް ދެމީހަކަށް ދިމާވާ ކަމެއް ނޫނެވެ. އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އިން ޕީޑްރިއަޓިކްސް ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި ދުވަސް ނުފުރާ ވިހައި ކުދިންގެ 80 ޕަސެންޓް ކުދިން ރީދޫ ވާއިރު ދުވަސް ފުރައި ވިހާކުދިންގެ މި ނިސްބަތް ހުންނަނީ 40 ޕަސެންޓުގަ އެވެ. އަދި މިއީ ވިހެއުމަށްފަހު ކުދިން ހޮސްޕިޓަލްއަށް ގެނެސް ފަރުވާދޭންޖެހޭ އެންމެ އާންމު އެއް ސަބަބު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ރީދޫ ވާކަން އެނގޭނީ ކިހިނެއް؟

ދަރިފުޅުގެ ރީދޫ ވާނަމަ އެކަން ވަރަށް ފަސޭހައިން ދެނެގަނެވޭނެ އެވެ. މިގޮތުން ދަރިފުޅުގެ ހަމުންނާއި ލޮލުން ރީދޫ ކުލައިގެ އަސަރުތައް ފެންނަން ހުންނާނެ އެވެ.

"ދަރިފުޅު ރީނދޫކަން ފާހަގަ ކުރުމަށް އާންމުގޮތެއްގައި ނެޗުރަލް ލައިޓް ނޫނީ މިހާރު ގެންގުޅޭ އާޓިފިޝަލް ޑޭ ލައިޓް ބޭނުންކުރެވިދާނެ. ރީނދޫކަން ބަލާއިރު ދަރިފުޅު ކައިރީ ހަމަށް ދަޅައެޅޭގޮތަށް ރީނދު ކުލައިގެ ހެދުން ނޫނީ އެހެން އެއްޗެއް ހުރެގެންނުވާނެ، އެހެންވީމަ ފަހަރެއްގައި ހީވެދާނެ ރީދޫވަނީހެންވެސް. އެހެންވީމަ އެއްވެސް ކުލައެއް ނެތް، އަވި ނޫނީ ދަޅަ ނެތް އައްޔެއް ބޭނުންކުރެވިދާނެ" ޑރ. ފައިސަލް ވިދާޅުވި އެވެ.

ހަމައެޔާއިއެކު އެންމެ ފުރަތަމަ ކުއްޖެއް ރީދޫވާން ފަށާއިރު، ފެންނަން ހުންނާނީ ލޮލުންނެވެ. އަދި ރީނދޫމިން މައްޗަށް ދާ ވަރަކަށް މޫނާއި އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ވެސް ރީދޫ އަސަރުތައް ފެންނަން ފަށާނެ އެވެ.

ފަހަރެއްގައި ހަމުގެ ކުލަ އަލި ނޫންނަމަ ގައިން ފެނުން އުނދަގޫވެދާނެ އެވެ. ނަމަވެސް ލޮލުގެ ހުދުބައިގައި މިފަދަ އަސަރެއް ހުރި ނަމަ، ފާހަަގަކުރުމަށް ފަސޭހަވާނެ އެވެ. ދަރިފުޅު އުފަންވާތާ ތިން ދުވަހާއި ހަތް ދުވަހާއި ދެމެދު މިފަދަ އެއްވެސް އަލާމާތެއް ހުރިތޯ ބެލެނިވެރިން ޔަގީންކުރަން ވާނެ އެވެ.

ރީދޫވުމުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ކޮބާ؟

ކުޑަދަރިފުޅު ރީދޫވަނީ ހަށިގަނޑުގައި އުފައްދާ ބިލުރުބިން ކިޔާ މާއްދާއެއް ސަަބަބުންނެވެ. ބިލުރުބިން އަކީ ހަށިގަނޑުގެ ރެޑް ބްލަޑް ސެލްސްތަކުން އުފައްދާ އޮރެންޖް-ރީދޫ މާއްދާއެއްގެ އެކެވެ. މިއީ ލިވާ މެދުވެރިކޮށް ހަށިގަނޑުން ބޭރުކުރާ މާއްދާއެކެވެ.

ހަށިގަނޑުގައި ބިލުރުބިންގެ މާއްދާ މަތިވުމުން ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ކާނިކްޓްރަސް ނުވަތަ ސިކުޑިއަށް ބިލުރުބިން ޖަމާވުމެވެ. މިފަދައިން ވެއްޖެނަމަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުއްޖާއަށް ލިބުމުގެ ފުރުސަތު އޮވެ އެވެ. މިގޮތުން ބީރުވުން، ސެރެބްރަލް ޕަލްސީ، ބެލެންސް ނެތުން، ނުހިނގުން، އަދި ފިޓްޖެހުން ފަދަ ކަންކަން ދިމާވެ އެވެ.

އާދައިގެ ކަމެކޭ ބަލާބެލުމަށް އަދި ހީވިއަސް، ރީދޫވުން ނުވަތަ ޖޯންޑައިސްއަކީ ކޮންމެހެންވެސް އޭގެ ފުރިހަމަ މައުލޫމާތު ދުރާލާ އެނގިފައި ހުރުން މުހިންމު ކަމެކެވެ.

އާންމުކޮށް ރީދޫވެ ހާލަތު ދަށްވުމުގައި ޑޮކްޓަރުން ބަލައި ބައެއް ކަންކަން ހުރެ އެވެ. މިގޮތުން، ދުވަސް ނުފުރާ ވިހެއުމާއި، އިންފެކްޝަންއެއް ޖެހި ހުން އައުމާއި، ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުމާއި، މާބޮޑަށް ދަރިފުޅަށް ފިނިވުމަކީވެސް ރީދޫވުމުގެ ފުރުސަތު ބޮޑުވާ ކަންކަމެވެ. އަދި ޖީ6ޕީޑީ މާބޮޑަށް ދަށްވުމަކީވެސް ބިލުރުބިން އިތުރުވާ ކަމެކެވެ.

"މަންމަގެ ބަނޑުގައި ދަރިފުޅު މިއޮންނަނީ ގާތްގަނޑަކަށް 37 ޑިގްރީސް ވަރުގައި. އޮވެފައި ވިހައިގެން ގެއަށްދޫކޮށްލީމަ ބައެއްފަހަރު ކޮޓަރި އެބަހުރޭ 25 ޑިގްރީސް އަށް ފިނި ކޮށްލާފައި އެކަމަކު ބޭބީ ކުދިންގެ ހަށިގަނޑުގައި އެހާގިނަ ސަރުބީއެއް ނުހުރޭ. އަދި ފިނިހޫނު މިން ހިފެހެއްޓޭނެ މާއި ގިނަ ގޮތްތަކެއްވެސް އެކުދިންނަކަށް ނުހުރޭ. އެެހެންވީމަ މިކަންކަމަށް ސަމާލުވާންޖެހޭ" ޑރ. ފައިސަލް ވިދާޅުވި އެވެ.

ރީދޫވުމުން ދެން ހަދާނީ ކިހިނެއް؟

ގިނަފަހަރަށް ވިހެއުމަށްފަހު ދެމައިން ރަނގަޅު ނަމަ 24 ގަޑިއިރުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލަ އެވެ. އަދި ސިޒޭރިއަންއެއް ނަމަ ދެދުވަހެއް ވަރު ގެއަށް ދިއުމަށް ނަގަ އެވެ. އެހެން ނަމަވެސް، ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމަށްފަހު މި ހޭދަވާ ވަގުތުތަކަކީ ރީދޫވުމުގެ ފުރުސަތު އެންމެ ބޮޑު ދުވަސްތަކެވެ. އެހެންކަމުން ޑރ. ފައިސަލްގެ އިލްތިމާސްއަކީ މި މުއްދަތުގައި ދަރިފުޅު ވަރަށް ގާތުން މޮނިޓާކޮށް ކިރިޔާވެސް މައްސަލައެއް އުޅޭހެން ހީވާނަމަ ޑޮކްޓަރަށް ދައްކާ ބިލިރުބިން ޓެސްޓެއް ހަދާލުމެވެ.

"އެންމެ ރަނގަޅީ އަވަހަށް ޓެސްޓްކުރުން. އެއީ ބިލިރުބިން ހުރި މިންވަރު އެންމެ ރަނގަޅަށް ދެނެގަނެވޭނީ ލޭ ނަގައިގެން. މިދުވަސްވަރު ކޯވިޑްގެ ބިރު އޮންނާތީ ހޮސްޕިޓަލަށް އަންނަން ބައެއް ފަރާތްތަކަށް އުނދަގޫވޭ. އެކަމަކު އޮންލައިންކޮށްވެސް ގިނަފަހަރު ރީދޫކަން ދެނެގަންނަން އެންމެ ފަސޭހައެއް ނުވާނެ." ޑރ. ފައިސަލް ވިދާޅުވި އެވެ.

ރީދޫވުމުން ދުރުހެލުވުމަށް ކުރަންވީ ކަންތައްތަކަކީ ކޮބާ؟

އަބަދުވެސް ބުނާތީ އަޑުއިވެއެވެ. ދަރިފުޅު ވިހައިގެން ރީދޫ ހެދުން ލައްވާކަށްނުވާނެ އެވެ. ކޮޓަރީގައި އަލި ގަދަކުރަންވާނެ އެވެ. އެހެންނަމަވެސް ޑރ.ފައިސަލް ވިދާޅުވީ މިއީ ހަގީގަތެއް ނޫންކަމަށެވެ.

ރީދޫވުމަކީ ދަރިފުޅުގެ ލެއިން ދިމާވާ ކަމެކެވެ. އެހެންކަމުން ބޭރުފުށުން މި ލައިއުޅޭ ހެދުމަކާއި، ކޮޓަރީގައި ބަހައްޓާފައި ހުންނަ ވަކި އައްޔަކުންނެއް މިކަމަކަށް އަސަރެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ދަރިފުޅަށް އެކަށީގެންވާވަރަށް ގާތުން ދީ، ހައިޑްރޭޓްކޮށް ބޭއްވުމުންވެސް ބްރެސްޓް ފީޑިން ޖޯންޑައިސް އިން ރައްކާތެރިކުރެވޭނެ އެވެ.

ރީދޫވެއްޖެނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އެކަމަށް ހާޢްސަ ލައިޓްގެ ދަށުގައި ދަިފުޅު ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭއްވުމެވެ. އެހެންކަމުން ލަސްނުކޮށް ދަރިފުޅު ހޮސްޕިޓަލަކަށް ގެންދިއުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެ އެވެ.

comment ކޮމެންޓް