ސަރުކާރުގެ އޮފީސްތަކުގެ ބައެއް މަސައްކަތްތައް އުތުރާއި ދެކުނަށް ބަދަލުކުރަނީ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާ ބިލްޑިންގް --

މާލޭގައި ހުރި ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގެ ބައެއް މަސައްކަތްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަސީލަތްތައް ލާމަރުކަޒީ ކުރުން ކަމަށެވެ. އަދި ހަގީގީ ލާމަރުކަޒީ ނިޒާމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ މާލެއަށް ޖަމާވެފައި ހުރި ވަސީލަތްތައް އަތޮޅުތަކަށް ބެހިގެން ދާނެ ގޮތަކަށް މަސައްކަތް ކުރެވިގެން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"ލާމަރުކަޒީކުރުން، އަޅުގަނޑުމެން [ސަރުކާރުން] ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެން. އަޅުގަނޑުމެން މި މިނިސްޓްރީ ތެރެއިން މި ބަލަމުން މިދަނީ، ފުރަތަމަ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ދެކުނާއި އުތުރުގައި ސަރުކާރުގެ ބައެއް އޮފީސްތަކުގެ ބައެއް މަސައްކަތްތައް ގެންދަން،" މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އަތޮޅުތަކަށް ބަދަލު ކުރާނީ، ސަރުކާރުގެ އިދާރާތަކުގެ "ބެކްއެންޑް" މަސައްކަތްތައް ނުވަތަ އިދާރީ ބައެއް މަސައްކަތްތަކެވެ. އަދި އެއީ، މާލޭގައި ނުތިބެ އޮންލައިންކޮށް ވެސް ކުރެވިދާނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމަށް ޓަކައި މިވަގުތު މާލޭގައި ތިބި ސިވިލް ސާވެންޓުންގެ ތެރެއިން އަތޮޅުތަކަށް ބަދަލުވާން ޝައުގުވެރިވާ ފަރާތްތައް އެ ސަރަހައްދުތަކަށް ބަދަލުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކި ކަހަލަ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ މި ބަލަނީ މިވަގުތު ސިވިލް ސާވެންޓުންގެ ގޮތުގައި ތިބި މާލޭގައި ތިބި ބައެއް ބޭފުޅުން، ބަދަލުވާން ބޭނުންތޯ. އިންސެންޓިވައިޒް ކުރުމާއި އެކަހަލަ ބައެއް ޕްރޮގްރާމްތަކެއް އަޅުގަނޑުމެން އެބަ ގެންދަން." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަދި މިވަގުތު ސަރުކާރުގެ އެ ވިސްނުމަށް މާ ބޮޑު ތަރުހީބެއް ލިބިފައިނުވާކަމަށެވެ. އެ މަސައްކަތަށް ތަރުހީބު ލިބޭނީ އެ ސަރަހައްދުގައި އިތުރު ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ކުރިޔަށް ގެންގޮސް އެ ސަރަހައްދުތައް ކުރިއެރުމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން އެހާ މަގުބޫލުކަމެއް އަދިއެއް ނުލިބޭ އެހެން ދާކަށެއް. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް އޮތް ޗެލެންޖެއް. އަޅުގަނޑުމެން ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި އެ އެއްޗަށް އަމަލީ ސިފައެއް ގެނެވޭތޯ ބަލާނަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުވެސް ވީހާވެސް ލާމަރުކަޒީ ކުރުމެވެ. އެގޮތަށް ލާމަރުކަޒީކޮށް އެ ސަރަހައްދުތަކުގައި އިގްތިސާދު ކުރިއެރުވުމަށް ކުރަން ޖެހޭ މުހިންމު އެތައް ކަމެއް އެބަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވީހާ ބޮޑަކަށް ޑީސެންޓްރަލައިޒްކުރުން. ދެން އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް އަޅުގަނޑުމެން އެއިމްކޮށްފައި އެހުރީ އެއްކަލަ އިގްތިސާދެއް ކްރިއޭޓްކުރަން ބޭނުންވޭ ދެއްތޯ؟ މީހުން އެތާ ގޮސް އުޅުން، އޭގެ މާނައަކީ ރަނގަޅު ހެލްތު ސިސްޓަމެއް އިންނަން އެބަ ޖެހޭ، ރަނގަޅު ސްކޫލިންގްއެއް އިންނަން އެބަ ޖެހޭ، ހައުސިންގް އެއް އިންނަން އެބަ ޖެހޭ." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން އެ ސަރަހައްދުތައް އިތުރަށް އުމްރާނީގޮތުން ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތަކާ އެކު އެ ސަރަހައްދުތަކުގައި ވިޔަފާރީގެ ފުރުސަތުތައް އަދި ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެކަމަށެވެ.

"އެޔަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޓާގެޓް ކުރާނަން. އަޅުގަނޑުމެން މި ފަސް ރީޖަންގައި ބޭނުންވާ ބޭސިކް އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް، މީހުން ދާން ބޭނުންވާކަހަލަ. ދެން އެޔާ ގުޅިގެން އަޅުގަނޑުމެން އޭގެ އިގްތިސާދީ މި ދެންނެވިހެން ވަޒީފާގެ ފުރުސަތުތަކާ ވިޔަފާރީގެ ފުރުސަތުތަކާ އެތަންތަނަށް ގެންދިޔުމަށް، އެގޮތަށް ކުރީމަ މީތި ޑީސެންޓްރަލައިޒް ވާނީ ދެއްތޯ." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއް އިގްތިސާދީ މައި ހަބްތަކުގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައި އެ ސަރަހައްދުތައް މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ. އެ ސަރަހައްދުތަކަކީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ އެވެ.

މި ތަސައްވަރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް 20 އަހަރު ތެރޭގައި އިގްތިސާދީ ވަރުގަދަ ސެންޓްރަލް ރަށްތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށެވެ. މި ޕްލޭނަށް ނަން ދީފައި ވަނީ، "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" އެވެ.

މިގޮތުން މި ރީޖަނަލް ހަބް ތަކުގެ ދަށުން އިތުރު ނުވަ ސަބް-ރީޖަނަލް އާބަން ސެންޓަރުވެސް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް