އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށާއި، އެކަން ގަބޫލުނުކުރެވިގެން އުޅެނީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހަޖަމުނުވާ ފަރާތްތައް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮޅުފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި މަގު ބައްތި ޖަހާ ނިންމާލުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތީ ހާއްސަ ގުޅުމެއް ކަމަށާއި، އެ ދެ ގައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފައި އޮތް ގުޅުމެއް ކަމަށެވެ.
"އެކަން އަޅުގަނޑުމެން ގަބޫލު ކުރަން. އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގަވާ ތަރައްގީގެ މަޝްރޫއުތަކަށް، އެތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް. އެކަން މިއަދުގެ ޒަމާނީ އިބާރާތުން ދަންނަވާކަމަށްވަންޏާ، ހަޖަމް ނުކުރެވޭ ފަރާތްތައް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލަން ސަރުކާރުން ނުތިބޭނެ ކަމަށެވެ. އަދި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށާއި އެކަމުގައި ފަސް ނުޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮޅުފުށީގައި ކުރިއަށް ގެންދިޔަ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މިއަދު އެރަށަށް ލިބިގެންމިދާ ވަރުގަދަ އަލިކަމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބެއްލެވުމުގެ ދަށުން ނިންމަވާ ހިންގެވުމަށް އަންގަވާފައިވާ މަޝްރޫއެއް ކަމަށެވެ.
އަދި ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ބަލައިލުމުން ފެންނާނެ ކަމަށާއި ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި ހިނގަމުންދާ ޕްރޮޖެކްޓްތައް މިހާރު ނިމެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކުދި ޕްރޮޖެކްޓްތައް، އެއީ މަގު ބައްތިޖެހުންކަމުގައި ވިއަސް، ބަނދަރު ހެދުން، ސްކޫލް އެޅުން، ފެނާއި ނަރުދަމާގެ މަސައްކަތް، މިހިރަ ކަންތައްތައް އެހެރަދަނީ ހިނގަމުން. މެދު ނުކެނޑި ހިނގަމުން. މުޅި ދުނިޔެ ކޮވިޑްގެ ނުރައްކާތެރި ވަބާގައި އޮތްއިރުވެސް އެއްވެސް މަޝްރޫއަކަށް މަޑުޖެހިލުމެއްނެތި ކުރިއަށް އެހެރަދަނީ ވަރަށް ހަލުއި ސްޕީޑެއްގަ،" މިނިސްޓަރު ވިދާޅުވިއެވެ.