އައްޑޫ އެއާޕޯޓަށް 17 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު އިސްމާއިލް "ސަން"އަށް އިންޓަވިއު ދެއްވަނީ: ސަރުކާރުގެ އަމާޒު ހުރީ ތަރައްގީ ލާމަރުކަޒީ ކުރަން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

[އަހުމަދު ނާއިފް އަދި އަހުމަދުﷲ އަބްދުލް ހާދީ] -- އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ އެއާޕޯޓް، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީކުރަން 17 މިލިއަން ޑޮލަރު (262.14 މިލިއަން ރުފިޔާ) އިންވެސްޓް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ގަން އެއާޕޯޓް ހިންގަނީ، ސަރުކާރާއި އެމްއޭސީއެލް އަދި ރާއްޖޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިން ހިމެނޭ ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)އިންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާއަށް މިވަގުތަށް ވެސް އިންވެސްޓްކޮށްގެން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

އެގޮތުން ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން އައްޑުއާ މުޅި ރާއްޖެ ގުޅާލެވިއްޖެ ނަމަ، އައްޑޫގެ ތަރައްގީއަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އެ އަމާޒަށް ވާސިލް ވެވެން އޮތީ ފައްޔާޒު ވިދާޅުވި ގޮތުގައި އައްޑޫ އެއާޕޯޓް އިތުރަށް ތަރައްގީކޮށް ގިނަ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމްތަކެއް ހަމަޖެއްސިގެންނެވެ. އަދި އައްޑޫ އެއާޕޯޓަށް ފްލައިޓްތައް އިތުރުނުކުރެވިގެން އުޅެނީ އެ އެއާޕޯޓްގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެން ކަމުން އައްޑޫ އެއާޕޯޓުގައި ހުރި މައްސަލަތައް ހައްލުކުރަން އިންވެސްޓްކޮށް އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އައްޑޫ އެއާޕޯޓަށް 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން މި ސަރުކާރުން ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖައްސައި އެކަން ނިންމާފައި. އެ ފައިސާ އަޅުގަނޑުމެން މި ހޯދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރިޑިޓްގެ ދަށުން. މިއީ އައްޑޫ އެއާޕޯޓަށް އަދި އައްޑޫ ހިމެނޭ ސަރަހައްދަށް އަންނާނެ ބޫސްޓެއް،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓަތު ފައްޔާޒު އިސްމާއިލް "ސަން" ގެ ނޫސްވެރިޔާ ނާއިފް އާއި އަހުމަދުﷲ އަށް އިންޓަވިއު ދެއްވަނީ: އައްޑޫއާ މެދު ގެންގުޅުއްވާ ތަރައްގީގެ ބޮޑު ވިސްނުން ހާމަކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އިންވެސްޓްމަންޓުގެ ތަފްސީލްތައް ދެއްވަމުން މިިނިސްޓަރު ފައްޔާޒު ވިދާޅުވީ، 17 މިލިއަން ޑޮލަރު ހަރަދުކޮށް އައްޑޫ އެއާޕޯޓްގެ ޓާމިނަލްއަށް ބައެއް ބަދަލުތައް ގެނައުމާްއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއް ގާއިމް ކުރުން އަދި އެ އެއާޕޯޓްގެ ފަޔާ އެންޑް ސޭފްޓީ އާއި ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާނެ ޒަމާނީ އާލާތްތައް ގާއިމް ކުރާނެ ކަމަށެވެ.

"މިހާރު އެއާލައިންތަކުން ވަރަށް ބޮޑެތި ޝަކުވާތައް ކުރޭ އެ އެއާޕޯޓާ މެދު. ފްލައިޓްތައް އިތުރު ނުކުރެވިގެން ވެސް މިއުޅޭ އެއް ކަމެއް އެެއާޕޯޓްގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ނުވެ ހުރުން. އެހެންވެ، އަޅުގަނޑުމެންގެ އިންވެސްޓްމަންޓް މިދަނީ މި ވަގުތަށް ރަނގަޅު ކުރަން ޖެހޭ ކަންކަމަށް. އޭގެ ސަބަބުން އެއާޕޯޓް ހިނގައި ނުގަނެވިގެން އުޅޭ މައްސަލައަށް ހައްލުތަކެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓު ތަރައްގީ ނުވާ މައްސަލައިގައި އައްޑޫ ދާއިރާތަކުގެ މަޖިލިސް މެންބަރުން ވެސް ވަނީ ދާދިފަހުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އައްޑޫ އެއާޕޯޓަށް ދުވާލެއްގެ މައްޗަށް އެންމެ ހަ ފްލައިޓް ޖައްސާއިރު، އެ އެއާޕޯޓް ހިންގަން ޖެހެނީ މަހެއްގެ މައްޗަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުމުގަ އެވެ. އަދި ކޮވިޑަށް ފަހު ފްލައިޓްތައް އެ އެއާޕޯޓަށް ޖެއްސުން ވަނީ ކުރިއަށް ވުރެވެސް މަދުވެފަ އެވެ.

އެހާ ބޮޑަށް ގެއްލުންވާ އެއާޕޯޓަކަށް އިންވެސްޓްމަންޓެއް ސަރުކާރުން ކުރަން ވިސްނަނީ، ކީއްވެގެންތޯ ސުވާލުކުރުމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މި ވަގުތު ގެއްލުންވީ ނަމަވެސް އައްޑޫގެ ޓޫރިޒަމާއި ތަރައްގީއަށް އެއާޕޯޓް ވަރަށް މުހިންމު ކަމަށެވެ. އަދި އެއާޕޯޓުގެ ތަރައްގީއާ އެކު ޓޫރިޒަމަށް ދިރުން ލިބި އައްޑޫގައި އިގްތިސާދީ އެހެން މަސައްކަތްތައް ފެށިގެން އަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް: މިތަނުގެ ތަރައްގީއަށް ސަރުކާރުން 17 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ވަނީ ނިންމާފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި ވަގުތަށް ގެއްލުންވި ނަމަވެސް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން އެއީ ސަރުކާރުގެ ޒިންމާއެއް. އޭގެ ސަބަބުން އެހެން ބައިވަރު ކަންކަން ފެށިގެން އަންނާނެ އެ އިންވެސްޓްމަންޓްތަކުގެ ވަށައިގެން. ޓޫރިޒަމް އައްޑޫގައި ރިވައިވު ކުރެވެން އޮތީ އެއާޕޯޓް ތަރައްގީކޮށް އެތަނަށް ފްލައިޓްސް ގިނަކޮށްގެން. ސީދާ ފްލައިޓްތައް ގެނެވިގެން. އެއާ އެކު ބައިވަރު ކަންކަން ފެށިގެން އަންނާނެ އިގްތިސާދީ ހަރަކާތްތައް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރައިވެޓް ކުންފުންޏަކުން ފުރަތަމަ އިންވެސްޓެއް ނުކުރާނެ. އެއީ ލޮސް [ގެއްލުން] ވާ ނަމަ އެބޭފުޅުން އިންވެސްޓެއް ނުކުރާނެ. ނަމަވެސް ސަރުކާރުން އިންވެސްޓްކޮށް އިގްތިސާދީ ހަރަކާތްތައް ފަށައިގަނެވުނީމާ ފައިދާވާ ވިޔަފާރިތައް ކުރަން ޕްރައިވެޓް ކުންފުނިތައް އިންވެސްޓްކުރާނެ،"

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫ އެއާޕޯޓްގައި ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލް ވެސް ހަލާކުވާން ދޫނުކޮށްލާ މޯލްޑިވިއަން މެދުވެރިކޮށް އެތަން އޮޕަރޭޓް ކުރެވޭތޯ މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އައްޑު އާއި އެހެން އަތޮޅުތަކާ ދެމެދު ސީޕްލޭން މެދުވެރިކޮށް ނަމަވެސް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރެވިއްޖެ ނަމަ، އައްޑޫގައި ހުރި ހިދުމަތްތައް ހޯދުމަށާއި ޓުއަރިސްޓުންނަށް އައްޑުއަށް އައުމަށް ފަސޭހަވާނެ ކަމަށެވެ. އައްޑޫގައި މިހާރު ކުރެވޭ އިންވެސްޓްމަންޓްތަކުން އައްޑުއަކީ އިންވެސްޓަރުން ގަޔާވާނެ ފަހި ފުރުސަތުތަކެއް އޮތް ސިޓީއަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އައްޑޫގައި ރަނގަޅު ހޮސްޕިޓަލެއް އެބަހުރި. މަގު ހެދުމުގެ މަސައްކަތް އެދަނީ ކުރިއަށް. އަދި ރިސޯޓްތައް ހެދޭ ގޮތަށް ބިން ހިއްކުމުގެ ކަންކަން ވެސް ފެށިގެން ދާނެ އެ ސިޓީގައި. އެހެން ވީމާ އެ ސިޓީއާ ދަތުރުފަތުރުން ގުޅާލެވުނީމާ ގިނަ ބަޔަކު ޝައުގުވެރިވާ ސިޓީއަކަށް އެސިޓީވާނެ. އިންފްރާސްޓްރަކްޗާއެއް ނެތުން މިވަގުތަށް އޮތް މައްސަލައަކީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލް ސަރަހައްދު: ސީޕްލޭން ޓާމިނަލް ވީރާނާވާން ދޫނުކޮށްލާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގައި ޓޫރިޒަމް ތަރައްގީ ނުވާ މައްސަލައިގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އައްޑޫގައި ތަރައްގީ ކުރަން ޖެހެނީ ތަފާތު މޮޑެލްއެއްގެ ޓޫރިޒަމެއް ކަމަށެވެ. އެގޮތުން، ތާރީހާއި ސަގާފަތާއި އިކޯ ޓޫރިޒަމް އަކީ އައްޑޫއާ ގުޅޭ ބާވަތުގެ ޓޫރިޒަމް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ މަންޒިލަކަށް އައްޑޫ ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެ ސަރަހައްދުން ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލި ވަރަށް ބޮޑުތަން ކުޑަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"މިހާރު ބިމު ކުލިވެސް އައްޑޫ ސަރަހައްދުގައި ވަރަށް ވަރަށް ކުޑަވާނެ. އެހެން ސަރަހައްދުތަކުގައި އަކަ ފޫޓަކުން އަށް ޑޮލަރު ނަގާއިރު އަޅުގަނޑުމެން މި ހަމަޖެއްސީ ދެ ޑޮލަރު. އަނެއްކާ އައްޑޫގައި އެބަ އޮތް ޔުނީކް ޓޫރިޒަމް ޕޮޓެންޝިއަލް. ފުވައްމުލަކާ އައްޑުއާ ގުޅިގެން ދާ ގޮތަށް ޓޫރިޒަމް ތަރައްގީ ކުރެވޭނެ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ތަރައްގީ ލާމަރުކަޒީ ކުރަން. މާލެއަށް ތަރައްގީގެ ހުރިހާ ކަމެއް ގެންނާކަށް ނޫން. އެހެންވެ، އަޅުގަނޑުމެން އައްޑުއަށް މި އަންނަނީ އިންވެސްޓްމަންޓްތަކެއް ކުރަމުން. އޭގެ ސަބަބުން އައްޑޫއަށް އާ ފުރުސަތުތަކެއް ހުޅުވިގެން އަންނަތަން ފެންނާނެ."

comment ކޮމެންޓް