އޮގަސްޓުމަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 1.71 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކްސް (އިންކަމް ޓެކްސް)ގެ ގޮތުގައެވެ.
އޮގަސްޓުު މަހުގެ އާމްދަނީގެ 46 ޕަސެންޓަކީ އިންކަމް ޓެކްސް އިން ލިބުނު އާމްދަނީ އެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 783 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކުހުންނެވެ. ބީޕީޓީގެ ގޮތުގައި ދައުލަތަށް 474 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 27.8 ޕަސެންޓެވެ
ޖީއެސްޓީ އާމްދަނީގެ ގޮތުގައި އޮގަސްޓުމަހު ދައުލަތަށް 293 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 17.2 ޕަސެންޓެވެ.
ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 76 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ޖުމްލަ އާމްދަނީގެ 4.5 ޕަސެންޓެވެ.
އާމްދަނީގެެ 1.3 ޕަސެންޓަކީ ރެޒިޑެންޝަލް ޕާމިޓު ދޫކޮށްގެން ލިބުނު ފައިސާ އެވެ. ރެޒިޑެންޝަލް ޕާމިޓް ދޫކިޮށްގެން 21 މިލިއަން ރުފިޔާގެ އާމްދަނީއެއް އޮގަސްޓު މަހު ލިބިފައިވެ އެވެ.
މީރާ އިން ބުނީ މިއަހަރުގެ އޮގަސްޓުމަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.6 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ލަސްކުރި ޓެކްސް ސުންގަޑިތައް އޮގަސްޓުމަހަށް ހަމަވުން ކަމަށެވެ. މީގެ ކުރިން މި ޓެކްސްތައް އެހެން މަސްމަހު ލިބޭ ކަން އެ އިދާރާ އިން ފާހަގަކޮށްފައިވެއެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 21.67 މިލިއަން ރުފިޔާވެސް ހިމެނެއެވެ.
މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި 8.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 5.1 މިލިއަން ރުފިޔާއެވެ. އެއާޕޯޓު ސާވިސްޗާޖުގެެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައިވެ އެވެ.