އިތުރު ދަރިވަރުންނަށް ފުރުސަތު ދިނުމަށް މެލޭ ފްލައިޓު އޮކްޓޯބަރަށް ފަސްކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

މިމަހުގެ 20 ވަނަ ދުވަހު މެލޭޝިއާއަށް ބާއްވަން ނިންމާފައިވާ ފްލައިޓު އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މީގެ ކުރިން މޯލްޑިވިއަން އިން ނިންމާފައިއޮތީ މެލޭޝިއާއަށް މިމަހުގެ 10 ވަނަ ދުވަހު ފްލައިޓެއް ބޭއްވުމަށެވެ. ނަމަވެސް، ގިނަ ދަރިވަރުންގެ އެދުމުގެ މަތިން ފްލައިޓު މިމަހުގެ 20 ވަނަ ދުވަހަށް ފަސްކުރީއެވެ.

މޯލްޑިވިއަން އިން ބުނީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމި ދަތުރު އަންނަ މަހުގެ އެކަކަށް ފަސްކޮށްފައިވާ ކަމަށެވެ. ޓްރެވަލް ޑޮކިއުމެންޓުތައް މިހާރު ހަމަކޮށްފައިވާ ފަރާތްތަކަށް ޓިކެޓު ގަނެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.

މެލޭޝިއާގައި ދިވެހި ގިނަ ދަރިވަރުންތަކެެއް މަތީ ތައުލީމު ހާސިލް ކުރަމުންދާއިރު، ކޮވިޑް19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ.

ނަމަވެސް މެލޭޝިއާގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅެން ފަށާފައިވާއިރު ސްކޫލު ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

އެއާއެކު ދަރިވަރުން އަނބުރާ އެ ގައުމަށް ދާން ވަނީ ފަށައިފައެވެ.

މި ފްލައިޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 ޑޮލަރެވެ. މެލޭޝިއާއަށް ދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.

comment ކޮމެންޓް