ހަތަރު އަހަރު ފަހުން ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްގެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފި

ހެލްތު މިނިސްޓްރީ: ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްގެ މަގާމަށް މީހަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައި ---

ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ އެންމެ އިސް ފަރާތް ކަމުގައިވާ "ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް'" ގެ މަގާމަށް މީހަކު ހޯދުމަށް އެދި ހަތަރު އަހަރު ފަހުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާން ކޮށްފި އެވެ.

މީގެ ހަތަރު އަހަރު ކުރިން އަމަލު ކުރަން ފެށި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްް ގެ މަގާމަށް މީހަކު އައްޔަން ކުރުމަކީ ސިވިލް ސާވިސް ކޮމިޝަނުން ކުރަންޖެހޭ ކަމެކެވެ.

ނަމަވެސް މިއަދާ ހަމައަށް އެ މަގާމަށް މީހަކު އައްޔަނު ކޮށްފައިނުވާއިރު ސީއެސްސީ އިން މިއަދު ވަނީ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްގެ މާގާމަށް މީހަކު ހޯދުމަށް އެދި އިއުލާން ކޮށްފަ އެވެ.

މުސާރައިގެ ގޮތުގައި މަހަކު 24،640 ރުފިޔާ ލިބޭ އެ ވަޒީފާގެ ޝަރުތަކީ މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އެ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަނޑި ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހުގެ 2:00 އިރަށެވެ. ޝައުގުވެރިވާ ފަރާތްތަކުން ސީއެސްސީ އަަށަ ނުވަތަ އެތަނުގެ އީމެއިލް ([email protected]) އަށް ވެސް ފޯމާއި ލިއުންތައް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް