ގަނޑުވަރު ތެރެއިން 30

ގަނޑުވަރު ތެރެއިން ލޯބި ވާހަކަ ކަވަރު

"ކަލެއަކަށް ތިކަން ކާމިޔާބެއްނުވާނެ.." ލޫސީ ރުޅިގަދަވެގެންގޮސް މޫނުމަތި ރަތްވެގެން ދިޔުމާއެކު ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭނަ އެއްލި އަތުން ލޫސީގެ އަތުގައި ހިފައިގަތްގޮތަށް ކޮނޑަށް ލިއެވެ. ހަޅޭއްލަވައިގަތުމުން އަނގަމަތީގައި އަތް އަޅާ ބާރުކޮށްލުމަށްފަހު އޭނަ ބޭރަށް ނުކުމެ ހިނގައިގަތްއިރު ނިކަން އަނދިރިކަން ގަދައެވެ. ތަންކޮޅެއް ދުރުގައި ފޭލިގޭގެ ދޮރުމަތީގައި އަރަބިންގެ ބަޔަކު އިށީދެލައިގެން ވާހަކަދައްކައިލަން ތިބިތަން ފެނުނެވެ. ރޯކޮށްފައިވާ އަލިފާންގަނޑު ނިވެމުންދާތީ އެމީހުން ފެންނަނީ ހިޔަނިތަކެއް ފަދައިންނެވެ.

އަރަބިން ފެނުމުން ސާޖިސްގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. މޭގަނޑު އަނގަޔަށް އައިސްފާނެކަހަލައެވެ. އެވަގުތު ކޮންމެވެސް މީހަކު ފަހަތުން އައިސް އޭނަގެ ބޮލުގައި އެތިފަހަރެއް އަޅާ ވިހެލުމާއެކު ސިހުނުވަރުން ލޫސީގެ ގައިން ދޫކޮށްލެވިއްޖެއެވެ.

"ނުބައި ނުލަފާ ކަލޭގެ. އަރަބިންނަށް ނުގޮވަނީސް މިތަނުން ރައްކާވޭ. ނޫނީ އެމީހުން ކަލޭގެ ތި ކެހިވެރި ދޫ ދަމައިގެންފާނެ. .." ފޭލިގެއިން ދީފައިވާ ފަނޑު އަލިކަމުގެ ތެރެއިން މަރިޔަމްގެ ލޮލުގެ ވިދުން ފެނެއެވެ. އެލޮލުން އަލިފާން ކަނިބުރާފަދައެވެ. ޖެހި އެތިފަހަރުން ކުޑަކޮށް ބުރާންތިވެފައި ހުރި ސާޖިސް ބިރުވެރިކަމާއެކު މަރިޔަމްއަަށް ނަޒަރު ހުއްޓައިލިއެވެ.

"ހެޔޮނުވާނެ. އެނުބައި ނުލަފާ މީހުންނަށް ނުގޮވާ..." ސާޖިސް އަދޭހާއެކު ބުނަމުން ލޫސީއަށް ހިތާމަވެރި ނަޒަރަކުން ބަލައިލިއެވެ. އަދި ދާން ހިނގައިގަތެވެ. "އަދިވެސް އަހަރެން ދުނިޔޭގައި ހުރެއްޖެއްޔާ އެނބުރި އަންނާނަން.."

ސާޖިސް އަނދިރީގެ ތެރެއަށް ގޮސް ގެއްލުމުން މަރިޔަމް ގޮސް ލޫސީގެ އަތުގައި ހިފައިލުމަށްފަހު ޔޫގަންނާމެންގެ ފޭލިގެއާއި ދިމާލަށް ހިނގައިގަތެވެ. ފޭލިގޭގެ ދޮރުފޮތިތައް ހިއްލައިލުމުން ފިނި ވައިރޯޅިތައް ވަންނަން ފެށިއެވެ. ބައްތީގެ ނިކަން ފަނޑު އަލިކަމެއް ތަނަށް ފެތުރިފައިވިއެވެ. ބޯ ސާލުއަޅާފައިވާ ފޭލިގޭގެ ތެރޭގައި އޭނަ ކަކޫމައްޗަށް ތިރިވަމުން ބައްޕާފުޅާއި މަންމާފުޅަށް ގޮވިނަމަވެސް އެދެބޭފުޅުންވެސް ތިއްބެވީ ހޭފުޅު ނެތިފައެވެ. މަރިޔަމް ވެސް ކަންބޮޑުވެގެން ބަލަން ހުއްޓެވެ.

"ލޫސީ. ކަންބޮޑުނުވޭ ވަރަށް އަވަހަށް ހޭފުޅު އަރާނެކަން ނޭގޭ..."

ލޫސީއާއި މަރިޔަމް އެތާ ތިބޭތާ އިރުކޮޅެއްފަހުން ޔޫގަންނާ ލޯފުޅު ހުޅުއްވިއެވެ. އަދި އެދެކުދިންް އެތަނުން ފެނިވަޑައިގަތުމުން ހައިރާންފުޅުވެގެން ސުވާލުކުރެއްވިއެވެ. ލޫސީ އޭނައަށް ދިމާވި ހާދިސާ ކިޔައިދެއްވުމުން ޔޫގަންނާ މަލަކާއަށްވެސް ގޮވަންފެއްޓެވިއެވެ. އެކަމަނާ ހޭފުޅުއެރުމުން ސާޖިސްގެ ވާހަކަ ކިޔައިދެއްވުމުން ޒައިތޫނަށް ސިހުމެއް ލިބިވަޑައިގަތެވެ. ދަރިފުޅު ސަލާމަތްވިކަމަށްޓަކާ ހެއްދެވި ފަރާތަށް ޝުކުރުކުރެއްވިއެވެ.

"ވަރަށް ދަންވެއްޖެ. ދެކުދިން މިތާ ނިދާލަންވީނު" ޒައިތޫން ފޭލިގޭގައި އެކުދިން ނިދާނެ ތަނެއް ތައްޔާރުކޮށް ދެއްވުމުން ދެކުދިން ގޮދަޑިމަތީގައި ރަޖާއަޅައިގެން އޮށޯތުމާއެކުހެން ފުން ނިންޖަކަށް ގެނބުނެވެ. ޔޫގަންނާއަކަށް އެރޭ ދެން އަވަހާރަފުޅު ލެއްޕެވޭނެގޮތެއް ނުވިއެވެ. ތެދުވެ ވަޑައިގެން ދަމު ނަމާދުކުރެއްވުމަށްފަހު ގުރުއާން ކިޔަވާ އަޅުކަމުގައި އިންނެވީއެވެ.

ފަތިސްވުމާއެކު ގާފިލާގެ އެންމެން ނިދިން ތެދުވެ ފަތިސްނަމާދާއިގެން މަޝްޣޫލުވިއެވެ. އިރުއެރުމާއެކު ދަތުރުކުރަމުންގޮސް މީރާ ކިޔާ ކުޑަ ވިލެޖަކާއި އަރާހަމަވިއެވެ. އެތަނުގައި ގާފިލާ މަޑުކޮށް މެންދުރު ނަމާދުކުރުމަށްފަހު ކައިގެން އަރާމުކޮށްލަން އިރުކޮޅަކު ތިބެފައި ދަތުރުފެށިއެވެ. އަސުރުވީއިރަށް އެ ކުޑަ ގާފިލާއަށް އައުޒާޒުގެ ރަށްބޭރަށް ފޯރައިފިއެވެ. ކިއްލާގެ ފާރުމަތީ ފޯރިމަރަން ތިބި ރޫމީ ސިފައިން ފެނުމުން ޔޫގަންނާ އަރަބި ޒުވާނުންނަށް ވިދާޅުވިއެވެ.

"އަހަރެމެންނަށް ދުޝްމިނުންނާއި ހަމަޔަށް ފޯރައިފި. އެއްގޮތަކަށްވެސް ވާހަކަނުދައްކާ އުޅެންވާނީ. އަރަބި ބަހުން ވާހަކަދައްކައިފިއްޔާ އެމީހުންނަށް އަހަރެމެން ގެ ރޭވުން ބޭޒާރުވެދާނެ. އަހަރެން ބުނަންދެން ހަމަލާ ނުދީ މަޑުން ތިބެންވާނެ. ދާރިޔަސްއަކީ ދުރުވިސްނޭ ހިތްހަރު މީހެއް. އޭނައަށް ޝައްކު ވެއްޖެއްޔާ އަހަރެމެން އެންމެން އެކީ ގަތުލުކުރާނެ...."

އެގާފިލާގައިވާ ޒުވާނަކު ޔޫގަންނާގެ ވާހަކަފުޅަށް އެންމެން ތަބާވާނެކަމުގައި ބުންޏެވެ.

ދާރިޔަސް އިސްތިގުބާލަށް ނިކުމެ ވަޑައިގެން ހުންނެވިއިރު އޭނަގެ އަރިހުގައި ތިންހާސް ރޫމީ ސިފައިންނާއި އެއްހާސް ނަސާރަ އަރަބިން އަދި ރެފިއުޖީއިންވެސް ސަފުހަދާލާފައި ތިއްބެވެ. ދާރިޔަަސް ޔޫގަންނާގެ އަހުގެ ކަމަރުގައި ކުއްލިއަކަށް ހިއްޕެވިގޮތަށް ހެދުމުގެ ތެރޭ ފޮރުވާފައިއޮތް ތޫނު ޚަންޖަރުން ކަމަރު ކަނޑުއްވައިފިއެވެ. އަދި ޔޫގަންނާ އަސްމަތިން ވައްޓާލެއްވިއެވެ. އެކަމަށް ވިސްނާވަޑައިގެން ނެތް ޔޫގަންނާ ބިންމައްޗަށް ވެއްޓި ވަޑައިގަތުމާއެކު ހަތަރުހާސް މީހުން އެއްކޮށް މުސްލިމުންގެ ގާފިލާއާއި ދިމާކޮށްލިގޮތަށް އަތް ފައި ހަލުވައިލާނެ ވަގުތު ނުދީ އެންމެން ހައްޔަރުކޮށްލީ ދާދި އަވަހަށެވެ. ޔޫގަންނާއާއި އަރަބިންނަށް ހައިރާންކަމެއް ލިބުނެވެ. ދާރިޔަސް އަށް މި ރޭވުމުގެ ޚަބަރު ލިބުނުގޮތެއް އަރަބިންނަކަށް ނޭގުނެވެ.

"ކަލޭ އީސާއީ ދީން ދޫކޮށްލިކަމަށްޓަކާ މަސީހު ކޯފާވާނެ. ހުރިހާ އަރަބިންގެ ބޯތައް ކަނޑާލާފައި ކަލޭ ފޮނުވާނީ މާތްވެގެންވާ ޝެހެންޝާހުއަށް. އެއީ އަންތާކިއްޔާގެ ބޮޑު ދޮރާށީގައި ކަލޭ ސަލީބަށް އަރުވަން....." ދާރިޔަސް ޔޫގަންނާގެ މޫނުފުޅަށް ކުޅު ޖެއްސެވިއެވެ.

"ހުރިހާ އެންމެން ގެންގޮސް ބިންގަރާހަށް ލާފައި ބައިތިއްބާ. ތިޔަ މަކަރުވެރިންނަށް މިރޭ ހުކުމް ކުރާނަން....."ދާރިޔަސް ބާރު އަޑުފުޅުން ސިފައިންގެ އޮފިސަރުންނަށް އެންގެވިއެވެ. ލޫސީއާއި ޒައިތޫން އަދި މަރިޔަމްވެސް ހާސްކަަމާއި ކަންބޮޑުވުމާއެކު ކުރިމަތިން ނިއުޅުނު މަންޒަރު ބަލަން ޖެހި ބުދުތަކެއް ފަދައިން ތިއްބެވެ. ރޫމީން ޔޫގަންނާއާއި އަރަބިން ކިއްލާގެ ތެރެއަށް ގެންދާން ފެށުމުން ޒައިތޫންއާއި ލޫސީމެންވެސް ފަހަތުން ދިޔައީ މޮޅިވެރިކަމާއެކުގައެވެ. ދޮރާށިކައިރިން ލޫކާއަށް ލޫސީ ފެނުމުން ވަރަށް ބޮޑަށް އަޖައިބުވިއެވެ. ލާވަން ގެ އެދުމަށް އިހުތިރާމް ކުރަން އަޔަސް ލޫސީ ފެނިދާނެކަމަށް އޭނަ އުއްމީދުކޮށްފައެއް ނެތެވެ. މިއީ ލޯބީގެ ކަރާމާތެއްކަން ލޫކާއަށް އެނގުނެވެ. ލޫކާ އަވަހަށްގޮސް އޭނަގެ ބައްޕާގެ އަރިހުގައި ހުއްޓުނެވެ.

"ސާހިބާ. އަޅުގަނޑު ޔޫގަންނާގެ އާއިލާ ގަނޑުވަރަށް ގެންދިޔަސް އެންމެ ރަގަޅުތޯ؟ "

"ނޫން. މިމީހުންނަށްވެސް ހުކުމް އަންނާނެ. އެމީހުންވެސް ތިބޭނީ ސިފައިންގެ ގާތުގައި....." ދާރިޔަސް ހަރުކަށި ނަޒަރަކުން ލޫކާއަށް ބައްލަވައިލެއްވިއެވެ.

"އިއްޒަތްތެރި ސާހިބާ. އަންހެނުންނަކީ ސިޔާސީ ކަންތައްތަކުގައި އުޅޭ ބަޔެއްނޫން. އެމީހުންގެ ކުށެއް ތިކަމުގައި އޮތްހެން ހިޔެއްނުވޭ. މި މީހުން އީސާއީ ދީން ދޫކޮށްލި ސަަބަބެއް އޮޅުން ފިލުވަން އަޅުގަނޑު ބޭނުން...." ލޫކާ ފިނި އަތްތިލަ އުނގުޅައިލަމުން ބުނެލިއެވެ.

"އެންމެ ރަގަޅު ގެންދޭ. އެކަމަކު ލާވަންގެ ކޮޓަރިއަށް ގެންގޮސްގެން ނުވާނެ..." ދާރިޔަސް އެންގެވިއެވެ. ލޫކާ ވަކި ޖަވާބެއްނުދީ ލޫސީމެން ގޮވައިގެން ގަނޑުވަރަށް ވަންގޮތަށް މިސްރާބުޖެހީ ލާވަންގެ ކޮޓަރިއަށެވެ.

***

ހަގީގަތުގައި ޖާސޫސު ޔޫގަންނާގެ ގާފިލާގެ ޚަބަރުތައް ލިޔުނުއިރު އެގާފިލާގެ ފަހަތުން ދަތުރުކުރަމުން އައި މާލިކް އަލްއަޝްތަރުގެ ޚަބަރު ނުލިޔެވުނު ކަމީ މާތްﷲ ލެއްވި ރަހުމަތެކެވެ.

މާލިކު އަލްއަޝްތަރުގެ ލަޝްކަރު ދަތުރުކުރަމުން ދެތިން މަންޒިލްގައި މަޑުކުރިއެވެ. އެއަށްފަހު އައުޒާޒު ކިއްލާއާއި ގާތުގައިވާ މީރާ ކިޔާ ވިލެޖާއި ހަމަވިއެވެ. މަލިކު އެރަށުގެ ޚަބަރު ބަލަން މީސްކޮޅެއް ފޮނުއްވިއެވެ. ރޫމީން ތިބެނީ މުސްލިމުންގެ ނަން އިވުނަސް ބިރުން ހޭނެތޭވަރުވެފައެވެ. އެއިން މީހަކު ފެންނައިރަށް އެމީހުން ދުވެ ފިލަނީ ޖިންނި ޝައިތާނުންނަށްވެސް ފިލާ ފަދައިން ބިރުވެެރިކަމާއެކުގައެވެ. އޭރު އަވި ފަނޑުވެ ރަންކުލައިގެ ދޯދިތަކުން އުޑުމަތި ފަވާލައިފިއެވެ. އަރަބި ސަވާރުންތަކެއް ކަނޑި ހިފައިގެން ވިލެޖާއި ދިމާލަށް ނިކަން ހަމަޖެހިލައިގެން އަންނަތަން ފެނުނެވެ. ކަނޑިތައް ދޯދިތައް އެޅި ވިދައެވެ. ވިލްޖެގައި ތިބި މީހުން ގަންނާކުރެއްވި ބިރުން އަނބި ދަރިންނާއި ގެރިބަކަރިތަކާއި އެމީހުންގެ ސާމާނުތައް ހިފައިގެން އެހެން މަގަކުން ފިލާ ރައްކާވެއްޖެއެވެ. އަރަބިން ވިލްޖެތެރެއަށް ވަދެ ބަލައިލިއިރު އެތަން އޮތީ ފަޅަށެވެ. މުސްލިމުންނަށް ރޫމީން ފިލައިގެން ދިޔައީކަން އެނގުނެވެ. އަރަބިން ވިލްޖެގައި ހުރި ވަޅެއްގެ ކައިރިއަށް މަޑުކޮށްލާފައި އަސްތަކަށް ފެންދޭން ތިއްބާ މާލިކްގެ އާއެކު ލަޝްކަރުވެސް އަތުވެއްޖެއެވެ.

"ކޮބާ ހުރިހާ ރޫމީން ހައްޔަރުކުރީތަ؟ " މާލިކް އަށް ގައިސް މެން ހަމަޖެހިލައިގެން ތިބި ތަން ފެނިފާ އުފާފުޅުން ސުވާލުކުރެއްވިއެވެ.

"ނޫން އަޅުގަނޑުމެން އައިއިރު މި ތާ އެއްވެސް ބަޔަކު ނޫޅޭ. އަޅުގަނޑުމެން އައުމުގެ ކުރިން އެމީހުން ފިލައިގެން ދިޔައީހެން ހީވޭ.............." އަރަބިންގެ ޒުވާނެއްކަމަށްވާ ކައިސް ބުނެލިއެވެ.

"އެންމެ ރޫމީއެއްވެސް ނުފެނުނުތަ؟ " މާލިކު ހައިރާންވިއެވެ.

"ލައްބަ. ވިލެޖް އެއްކޮށް ހުސްވެފައި. އިންސާނެއް ކީއްކުރަން ދިރޭ ފުރާނައެއްވެސް މިތާ ނެތް....." ކައިސް ހާމަކުރިއެވެ.

"ބިރުބޮޑުކަމެއް. އަނެއްކާ ރޫމީންނަށް އަހަރެމެންގެ ޚަބަރު ލިބުނީބާ.." މާލިކު ފިކުރުބޮޑުވެފައިވާ ރާގަކަށް ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އެކަމާމެދު ކޮންމެވެސް ވަރަކަށް ޝައްކުވި. އަނެއްކާ ޔޫގަންނާ ކެއްސެއް ދެއްވީތަ؟ އޭނަ މި ވިލެޖްގައިވާ ހުރިހާ އެންމެން ގެންދިޔައީ ނޫންކަމެއްވެސް ނޭގޭ....." ކައިސް ބުނެލިއެވެ.

"ޔޫގަންނާ މުސްލިމުންނަށް ކެއްސެއް ދީފާނެއޭ އަހަރެންގެ ހިތެއް ނުބުނޭ. އަހަރެމެންގެ ރޭވުން އެހެން ފަރާތަކަށް އެނގިގެން ޚަބަރު ފޮނުވީކަމަށްވެސް ވެދާނެ. ބޮޑަށް ލަފާކުރެވެނީ ޔޫގަންނާ މުސީބާތެއްގައި ހައްޔަރުވެއްޖެކަމަށް. އެންމެ ރަގަޅުގޮތަކީ އަވަހަށް އައުޒާޒު ކިއްލާއާއި ދިމާލަށް މިސްރާބުޖެހުން. ވަގުތު ނަގަން ހަދައިގެން ދެރަގޮތެއް މެދުވެރިވެދާނެ..." ހުރިހާ މުސްލިމުން މާލިކުގެ އަމުރަކަށް ބަލަބަލާ ތިއްބެއެވެ. ކައިސް ގެ ނަޒަރު ވަކި ދިމާލަށް ހުއްޓިފައިވާތަން ފެނި މާލިކްވެސް އެދިމާލަށް ބައްލަވާލެއްވިއެވެ.

"ކައިސް. ކޯންޗެއް ފެންނަނީ؟ "

"ނިކަން ދުރުން ކޮންމެވެސް ވަރަކަށް ހިރަފުސް އެބަފެނޭ....." ކައިސްގެ ޖަވާބުން މާލިކްވެސް ވިސްނުންތެރިކަމާއެކު ބައްލަވާލެއްވުމުން އެއީ ތެދެއްކަން އެނގުނެވެ. އިރުއޮއްސި އަނދިރިވާން ފެށުމުން އިރުކޮޅެއްފަހުން އެ ހިރަފުހުގެ އަސަރު ކެނޑުނެވެ.

"އެބައަންނަން އެކަމުގެ ހަގީގަތް ބަލާފައި. އެންމެން މިތާ މަޑުކުރައްޗޭ.." މާލިކް އަވަހަށް އަސް މައްޗަށް އަރާވަޑައިގެން އެދިމާލަށް ދުއްވާލައިފިއެވެ. ކައިސްއާއި އެހެން އަރަބިން ވުޟޫކޮށްލައިގެން އަވަސްވެގަތީ މަޣުރިބު ނަމާދުކުރުމަށެވެ. ކެއުމަށްފަހު އަރާމުކޮށްލަން ތިބިއިރު އެންމެން ފިކުރުބޮޑުވީ ލަޝްކަރުގެ ވެރިޔާއާއި މެދުގައެވެ. ދުވާލު ހަތަރުދަމު ދަތުރުކޮށް އަރާމުކޮށްލާން ފުރުސަތު ލިބުނުއިރު އެކަމުގެ ބޭނުން ނުހިފާ އެދިޔައީ އެހެން ނުރައްކަލަކާއި ކުރިމަތިލުމަށެވެ. މާގިނައިރުތަކެއް ނުވެ އަނދިރިކަން ކައުނު ވަށާލައިފިއެވެ. އުޑުމަތީގައި އެތައް ހާސްތަރިތަކެއް ވިދާ ބަބުޅަން ފެށިއެވެ. ފިނިކަން ގަދަވެއްޖެއެވެ. މާލިކުގެ ޚަބަރެއްނުވެ މާ ލަސްވުމުން ކައިސް ނިންމީ އެކަލޭގެފާނު ހޯދަން ދިޔުމަށެވެ. އެ ޚިޔާލުގައި ބައެއް އަރަބިން ތެދުވުނުތަނާ އަހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ކަނޑިތައް އުރައިން ދަމައިގަތެވެ. ނަމަވެސް އެމީހަކު ކައިރިވުމުން އެއީ މާލިކުކަން އެނގުމުން މުސްލިމުންގެ ހިތަށް ބުނަން ނޭގޭފަދަ ހިތްހަަމަޖެހުމެއް ލިބުނެވެ. ކައިސް ކައިރިއަށް ގޮސް މަޑުކޮށްލިއިރު އަހުގެ އަނެއް ފަރާތުގައި މީހަކު ހުރިތަން ފެނުނެވެ. މާލިކް އަސްމަތިން ފޭބެންނެވިއެވެ.

"އަހަރެން އެހިސާބަށް ދިޔައިރު އެއީ ރޫމީންގެ ލަޝްކަރެއްކަން އެނގުނު. އެ ލަޝްކަރުގެ ޚަބަރު އޮޅުން ފިލުވަންވެެގެން މީހަކާއި ދިމާވޭތޯ ބަލަނިކޮށް މީހަކާ ދިމާވެގެން އޭނަ ގޮވައިގެން މިއައީ........"

"ތިއީ ކޮން ގަބީލާއެއްގެ މީހެއްތަ؟" ކައިސް ސުވާލުކުރެއްވިއެވެ.

"އަހަންނަކީ ޖަބަލާ ބިން އަހިހަމްގެ ގައްސާން ގަބީލާގެ މީހެއް...."

"ކަލޭގެ ނަމަކީ ކޮބާތަ؟"

"ތާރިގް ބިން ޝައިބާން..."

"އޭ ތާރިގް. އަހަރެމެންނަކީ އަރަބި އަޚުންކަމުގައިވާތީ އެކަމަށް އިހުތިރާމްކޮށް އެއްވެސް ކަމެއް ނުފޮރުވާ ކިޔާދީފާނަންތަ؟ " މާލިކް އެއްސެވިއެވެ.

"އަޅުގަނޑު އެއްވެސް ކަމެއް ސިއްރުކުރާކަށް ނެތިން. އެކަމަކު ދުޝްމަނުންގެ ލަޝްކަރު އައުމުގެ ކުރިން ތިޔަބޭކަލުން ސަލާމަތް ހޯއްދަވާ......."

ތާޜިގު ބުނެލިއެވެ.

"އެއީ ކިހިނެއްހަދައިގެންތަ؟" މާލިކް އެއްސެވިއެވެ.

"ރޭގައި އަޅުގަނޑުމެންގެ ޖާސޫސް އިސްމަހު ބިން އަފްރަޖާ އަޅުގަމޑުމެން ގާތަށް އައީ. އޭނައަށް ޔޫގަންނާ އައުޒާޒު ކިއްލާގެ ވެރިޔާއާއި ދެކޮޅަށް ރޭވި ރޭވުންތައް އެނގުނީ. އެހެންވެ ފޮތިކޮޅެއްގައި އެ ޚަބަރު ލިޔެ ކޮތަރެއްގެ ފައިގާ އައްސާލާފައި އައުޒާޒު ކިއްލާއަށް ފޮނުވީ. ކޮތަރަށް އާދެވުނީ އިއްުޔެ. އެ ޚަބަރު އެނގުމުން އައްރާވިންދާތު ކިއްލާގެ ވެރިޔާ ޝާސްގެ ދަރިފުޅު ލޫކް ގާތަށް މަދަދު އެދިގެން އަޅުގަނޑު ފޮނުވީ. އެތަނުގެ ވެރިޔާ ފައްސަތޭކަ ސިފައިންނާއެކު އައުޒާޒަށް ދަތުރުކުރަމުން އެދަނީ." ތާރިގުގެ ވާހަކަތަކުން މުސްލިމުންނަށް ހާސްކަމެއް ލިބި ޔޫގަންނާއާއި އަރަބިންނާއިމެދު ބިރު ހީވިއެވެ.

މާލިކް ފިިކުރުބޮޑުވީވަރުން ހަދާނެ ގޮތަކާއިމެދު މަޝްވަރާކުރެއްވިއެވެ.

"މާތްﷲ އިރާދަފުޅާއެކު އަޅުގަނޑުމެންނަށް ދެރަގޮތެއްނުވާނެ. ދާރިޔަސް ކެއްސެއް ދޭން އުޅެންޏާ އަޅުގަނޑުމެންނަށްވެސް އޭނައަށް އެކަމުގެ އަގު އަދާކުރަން ޖެއްސިދާނެ. އޭނަ ހީނުކުރާފަދަ ގޮތަކަށް ކެއްސެއްދޭނީ....." ކައިސް ވިސްނާލުމަށްފަހު ހިނިތުންވެލިއެވެ. "ތިބުނާ ކިއްލާގެ ވެރިމީހާ އެ ގެންނަ ލަޝްކަރު އަންނަ މަގުގައި ތިބެފައި ނުކުމެ އެމީހުންނަށް ކުއްލި ހަމަލާއެއް ދީފައި ހުރިހާ ރޫމީންގެ ދުވަސް ދުއްވާލާނީ. ކޮންމެ ގޮތެއް ހަދާފައިވެސް އެންމެން ފަނާކޮށްލަނިކޮށް އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. މިގޮތަށް ހެދިއްޖެއްޔާ ރޫމީންގެ ހެދުން އަޅައިގެން އެ ލަޝްކަރު ކަމަށް ހެދިގެން އައުޒާޒަށް ދަތުރުކުރާނީ. އޭރުން ރާވިންދާތު ކިއްލާގެ ލަޝްކަރު ކަމަށް ހީކޮށް މަރުހަބާ ކިޔާފައި ދޮރާށި ހުޅުވާލަދޭނެ، އޭރުން އަޅުގަނޑުމެންނަށް އުދަގުލަކާ ނުލައި ކިއްލާ ތެރެއަށް ވަދެވިދާނެ..." ކައިސްގެ ވާހަކައިން މާލިކް އަޝްތަރުގެ މޫނުފުޅުވެސް އަލިވެގެން ހިގައްޖެއެވެ. އަދި ކައިސްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ.

"ހިތްވަރުގަދަ އަޚާ. ތިއީ ވަރަށް މޮޅު ތަދުބީރެއް. މާތްﷲ އަޅަމެންނަށް ނަސްރު ދެއްވާށި..."އެންމެން އެއް އަޑަކުން އާމީން ކިޔާ ދުޢާކުރިއެވެ.

"ތާރިގު، މިނޫން މަގަކުން އެ ލަޝްކަރަށް ދަތުކުރުކުރެވޭނެތަ؟ " ކައިސް އަހާލައިފިއެވެ.

"ނޫން މިނޫނީ އެހެން މަގެއް ނޯންނާނެ.." ތާރިގު ދިން ޔަގީންކަމުން މުސްލިމުންގެ ހިތްތައް ހަމަޖައްސާލިތަނާ ދުރުން އަހުގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. ހަނދުމަހުގެ ކުރީކޮޅު ކަމުން ހުރިހާ ދިމާލެއްގައި ރަސްކަން ކުރަނީ ކަނު އަނދިރިކަމެވެ. ވައިގަދަކަމުން ފިނީގެ އަސަރުތައް ބޮޑެވެ. މާލިކްގެ އިރުޝާދުގެ މަތިން މުސްލިމުން ހިލަތަކުގެ ފުރަގަހަށް ވަދެ ފިލާ ތިބީ އެ ލަޝްކަރުގެ އިންތިޒާރުގައެވެ.

"އަޅުގަނޑުގެ ހިތުގައި ރޫމީންނަށް މިހާރަކު އޮތީ ހަމައެކަނި ނަފްރަތު. އެމީހުން އީސާއީންގެ ނަމުގައި ތިއްބަސް އީސާއީދީނަކަށްވެސް އުޅެނީއެއް ނޫން. އެދީނުގައި ހުއްދަނޫން ކަންތައްތަކަށް ވެސް އަރައިގަނޭ." ތާރިގު ބުނެލިއެވެ.

"އެމީހުން ކައިރިވީމަ އިންޒާރުދޭން ހަޅޭއްލަވާ އެފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ އިނގޭ. އެއްވެސް އިޝާރާތެއް ކޮށްފިއްުޔާ އެކަމުގެ ސަޒާލިބޭނެ. ކޮންމެ ގޮތެއްވިޔަސް އެމީހުންނަށްވުރެ އަހަރެމެން މީހުން ދެގުނަ އިތުރު. ކޮންމެހެން ބިރަކުން ނޫން. އެމީހުންގެ ތެރެއިން އެކަކުވެސް ފިލައިގެން އަައުޒާޒް ކިއްލާއަށް ހިގައްޖެއްޔާ އަހަރެމެންގެ ރޭވުން ނާކާމިޔާބުވާނެ. އެހެންވެ. އަހަރެމެން ރޫމީންނަށް ޖެހިލުމެއްނުވޭ. ބިރެއް ނުގަނޭ. މާތްﷲ މުޖާހިދުންނަށް ނަސްރު ދެއްވާނެކަމީ ޝައްކެއް ހުރިކަމެއް ނޫން......................" ކައިސް އާއި ތާރިގުވެސް ތިބީ ހިލަގަނޑެއްގެ ފަހަތުގައެވެ.

"ކަލޭގެފާނު އަޅުގަނޑަށް އިތުބާރުކުރައްވާ. އަޅުގަނޑު މިހިރީ ސާބިތުކަން މަތީ. ނަމަވެސް މިކަންތައް ނިމުނީމަ އަޅުގަނޑު މިނިވަންކޮށްދިނުމަކީ އަޅުގަނޑުގެ އެދުމެއް.."

"ތިއީ ޔަގީންކަމެއްނު.." ކައިސް ހީލިއެވެ.

ރޫމީން ދަތުރުކުރަމުންދަނީ ނިކަން ހަމަޖެހިލައިގެން ތިބެއެވެ. އެމީހުން ވާހަކަދައްކާ އަޑު މިހާރު އިވެން ފަށައިފިއެވެ. އަހުގެ މޮށްގަނޑު ބިންމަތީގައި ޖެހޭ އަޑު ފަޒާގައި ހިފާލައިފިއެވެ. ފުޅާމަގުން އެމީހުން ދަތުރުކުރަމުން އައިސް މުސްލިމުންގެ މެދަށް ވަދެވިއްޖެއެވެ. ކުއްލިއަކަށް ﷲއަކްބަރުގެ އަޑާއެކު މުސްލިމުން އަނދިރީގެ ތެރެއިން ނުކުމެ ކޮންމެ ދެމީހަކު ވެގެން ރޫމީންގެ މީހަކާއި ދިމާކޮށްލިއެވެ. އެމީހުންނަށް ލިބުނު ސިހުމާއި ހައިރާންކަމުގައި ތިއްބާ މުސްލިމުން ބައެއް މީހުން ހައްޔަރުކޮށްލައިފިއެވެ. އޭގެ ތެރޭގައި ކިއްލާގެ ވެރިޔާ ލޫކްވެސް ހިމެނެއެވެ. ބައެއް ރޫމީން ކަނޑިތައް ނަގާ ހަމަލާދޭން އުޅުނެވެ. އެވަގުތު މާލިކް އެކަން މަނާކުރަންވެގެން ބާރުއަޑުފުޅުން ހަތިޔާރު ބަހައްޓަން އެންގެވިއެވެ.

"ކަލޭމެންގެ ވެރިޔާ މިވަނީ ހައްޔަރުވެފައި. އެހެންވީމަ ހަގުރާމަކުރަން އުޅުމަކީ މާނައެއް ނެތްކަމެއް. ހަތިޔާރު ބަހައްޓާ..."

ވެރިޔާ ހައްޔަރުވިކަން އެނގުމުން މާޔޫސްވުމާއެކު އަވަހަށް ހަތިޔާރުތައް އުކާލާފައި އަމާންދީފިއެވެ. މުސްލިމުން އެމީހުން ހައްޔަރުކޮށްފާ ގުނައިލިއިރު ފައްސަތޭކަ މީހުން ހަމަޔަށް ތިބުމުން އުފާކޮށް މާތްﷲއަށް ހަމްދުކުރިއެވެ. އެމީހުންގެ ރޭވުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބުވެއްޖެއެވެ.

"މާތްﷲ އަށް ހަމްދުހުރި.." ކައިސް އުޑާއި ދިމާލަށް އަތް އުފުލައިލިއެވެ.

"ހަލަބް ކިއްލާ ފަތަހަވީފަދައިން މާތްﷲ އަޅަމެންނަށް އައުޒާޒްވެސް ފަހަތަކުރެއްވުމުގެ އާރާއި ބާރު ދެއްވާށި....." މާލިކު ވިދާޅުވިއެވެ. ތާރިގު ކައިރިވެލާފައި އޭނައަށް އޮތީ ކޮން ހުކުމެއްތޯ އަހައިލިއެވެ. މާލިކް ތާރިގުއަށް ބައްލަވާލެއްވިއެވެ. "އޭ އަޚާ. ތިހިރީ މިނިވަންވެފައި. އަދި މާތްﷲގެ އެއްކައުވަންތަކަމަށް ހެކިވެ މުހައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްއަކީ ރަސޫލާކަމަށް ގަބޫލުކޮށްފިއްޔާ ކަލޭވެސް އަހަރެމެންގެ އަޚެއްކަމުގައި ދެކޭނަން. އެކަމަކު ދާން ބޭނުމިއްޔާ ކަލެއަށް ހައްގު އިނާމުދީފައި މިނިވަންކޮށްފައި ފޮނުވާދޭނަން.........."

"އަޅުގަނޑަށް މިހާރު އަނދިރިކަމުގެ ތެރެއިން ނުކުމެވި ތެދުމަގު ފެނިއްޖެ. ހައްގާއި ބާތިލު ވަކިވެއްޖެ. އެންމެ މާތް ދީނަކީ އިސްލާމްދީން. އެކަމަކު މުރުތައްދުވި މީހަކަށް އޮންނަނީ މަރުގެ ހުކުމްކަން އަޅުގަނޑު ދަންނަނީ. އެއީ ފަރުޟެއް....."

"ނޫން އެމީހަކު ޝަހާދަތުގެ ދެކަލިމަ ކިޔާ ތައުބާވެ ދީނަށް އަލުން ވަދެއްޖެއްޔާ އެ ހުކުމް ބާތިލުވާނެ. ތިޔަ ހުކުމް އޮތީ އެމީހަކު މުރުތައްދުވެ ކާފަރެއްގެ ގޮތުގައި ހުރިއްޔާ..." މާލިކް ވިދާޅުވިއެވެ. މާތްﷲ ފުރުގާން ސޫރަތުގެ ހަތްދިހަ ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ " (إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلٗا صَٰلِحٗا فَأُوْلَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَٰتٖۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا) توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."

"ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް ވަނީ އެކަލޭގެފާނުގެ ބޮޑުބޭބެ ހަމްޒާ ޝަހީދުކޮށްލި ވަހުޝީވެސް ތައުބާވެ އިސްލާމް ދީން ގަބޫލުކުރި." މާލިކްގެ ވާހަކައިން ތާރިގުއަށް އަސަރުކުރިއެވެ. އޭނަ ޝަހާދަތް ކިޔާ އިސްލާމްވިއެވެ.

"އަޅުގަނޑުގެ ހަލާކުވެފައިވާ ހިތަށް ޝިފާ ލިބިއްޖެ. މާތްﷲ ކަލޭގެފާނަށް ރަހުމަތްލައްވާށި..އަޅުގަނޑު މިދީނަށް ވަންނަން އެދި އެކަމާއި ޚިޔާލުކުރަނިކޮށް ކަލޭގެފާނުގެ އަތްޕުޅަށް އިސްލާމް ވުމުގެ ނަސީބު ދެއްވައިފި.މިހާރު އަޅުގަނޑުގެ އުފަލަކީ މި ދީނަށްޓަކާ އަޅުގަނދުގެ ފުރާނަވެސް ދުއްވާލުން..." ތާރިގު މާލިކްގެ އަތްޕުޅަށް ބޮސްދެއްވިއެވެ.

"މާތްﷲ ކަލޭގެ ހިތުގައި އީމާންތެރިކަން ވަރުގަދަކުރައްވާ ތެދުމަގުގައި ލަހައްޓަވާށި. އޭ މާތްﷲ ގެ އަޅާ. މާޒީގައި ކުރެވިފައިވާ ފާފަތައް ނައްތާލެވޭވަރުގެ ހެޔޮކަމެއް ކޮށްދިނުމަށް އަހަރެން އެދެން ތިއީ މިހާރު އަހަރެމެންގެ އަޚެއް....." މާލިކް ތާރިގްގެ ކޮނޑުގައި އަތް ބާއްވަމުން ގާތްގޮތަކަށް ވިދާޅުވިއެވެ.

"އެއީ ކޮންކަމެއްތޯ؟ ކަލޭގެފާނު އެދިލެއްވި ކޮންމެ ކަމެއްކޮށްދޭން އަޅުގަނޑު މިހިރީ ތައްޔާރަށް..."

"އައުޒާޒު ކިއްލާއަށް ފަސޭހައިން ވަދެވޭނެގޮތެއް ނިކަން ބުނެބަލަ...."

"އެއީ ވަރަށް ވަރުުގަދަ ކިއްލާއެއް. ހަލަބުގެ ކިއްލާފަދަ ތަނެއް. މުސްލިމުންނަށް ނޫނީ އެތަން ފަހަތަކުރުމަކީ ވެވޭނެކަމެއްނޫން. ކައިސް ގެ ރޭވުން އެންމެ ރަގަޅުކަމަށް އަޅުގަނޑަށްވެސް ފެންނަނީ." ތާރިގު ބުނެލިއެވެ.

"ކަލޭގެ ސަބަބުން މި ރޭވުން ކާމިޔާބު މިވީ..." މާލިކް ތައުރީފުކުރެއްވިއެވެ." މިހާރު ތާރިގު ކުރަންވީ ކަމަކީ އައުޒާޒް ކިއްލާ ކައިރިއަށްގޮސް އެމީހުންގެ ހަރަކާތް ހުރިގޮތް ދެކެލަންވީ. އެތަނަށްގޮސް އެތާ ފޯރިމަރަން ތިބިމީހުންނަށް އަންގާދޭންވީ ރާވިންދާތު ކިއްލާގެ ވެރިޔާ ފައްސަތޭކަ މީހުންގެ ލަޝްކަރަކާއިގެން މިރޭ އަންނާނެ ވާހަކައާއި ކަލެއާއި އެކިއްލާގެ ވެރިޔާގެ ޚާއްސަ މީހެއްކަންވެސް ބުނަންވާނެ. އޭރުން އެމީހުން ރޭގަނޑު ކިއްލާގެ ދޮރާށި ފަސޭހައިން ހުޅުވައިލަދޭނެ. ދެން އަހަރެން ކަލެއާއެކު ފޮނުވާނީ އަހަރެންގެ ދެބެން ދެ ދަރި ޒުވާނެއް. ރާޝިދު ބިން މުކްބިސް. އޭނައަކީ ހިތްވަރުގަދަ ކުޅަދާނަ ފަހުލަވާނެއް. މިހާރު ރޭގަނޑުގެ ދެބައި ހުސްވަނީ. އެހެންވީމަ ލަސްނުކޮށް ދަތުރު ފަށާ...." މާލިކް ރާޝިދުއަށް ގޮވާ ގެނެސްފައި އެންމެ ހަލުވި ދެއަސް އެދެ ޒުވާނުން ދަތުރުކުރާން ތައްޔާރުކޮށްދެއްވިއެވެ. އަދި އަވަހަށް ދަތުރުކޮށް އައުޒާޒުން ޚަބަރު ހިފައިގެން އަންނަން އަމުރުކުރެއްވިއެވެ.

ބަލައިލާ ކޮންމެ ދިމާލަކުން ފެންނަނީ އާދަޔާ ޚިލާފު އަނދިިރިކަމެވެ. ތާރިގުއާއި ރާޝިދު އަހަށް ސަވާރުވުމަށްފަހު ބިރެއް ޖެހިލުމެއްނެތި ފަރުބަދައިގެ އަނދިރިމަގުތަކުން ފަރިތަކަމާއެކު ކުރިއަށް ކަޑައްތުުކުރަމުން ދިޔައީ އަސްތަކުގެވެސް ހުޝިޔާރުކަމުންނެވެ. ވަޔާއި ވާދައަށް ދެ އަސްވާރުން ދަތުރުކުރާއިރު ބިންގަނޑުވެސް ފައްޖަހަމުންދާ ފަދައެވެ. އަހުގެ މޮށްގަނޑު ޖެހޭ އަޑު ދުރަށްދާންދެން އިވެއެވެ. ދާދި ލަހެއްނުވެ އައުޒާޒުގެ އުސް ފާރުތައް ފެންނަ ހިސާބަށް ދަތުރުކުރެއްވިއްޖެއެވެ. އެމީހުން އަސްތައް މަޑުކޮށްލާފައި އަހުން ފޭބިތަނާ އިވުނީ ﷲއަކްބަރުގެ އަޑެވެ. ދެމީހުން ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލާލައިފިއެވެ.

"މިވަނީ ކިހިނެއްތަ ތާރިގު؟" ރާޝިދު އަހާލައިފިއެވެ.

އެވަގުތު ކަނޑީގެ އަޑާއި ޒަޚަމްވާ މީހުންގެ ރުއިމުގެ އަޑު މައިދާންގައި ހަރުލުމުން ކިއްލާތެރޭ ހަގުރާމަ ފެށިއްޖެކަން ޔަގީންވިއެވެ.

" ދާރިޔަސް ޔޫގަންނާ ހައްޔަރުކުރިކަމުގެ ޚަބަރު ލިބުނީ. މިވީ ކިހިނެއްކަމެއް ނޭގުނު. ކޮންމެގޮތެއްވިޔަސް ހަގުރާމަފެށިއްޖެ.މާތްﷲ މުސްލިމުންނަށް ނަސްރު ދެއްވާށި." ރާޝިދުއަށް ބުނެވުނެވެ.

"ކިއްލާތެރޭ ރޫމީންގެ އަދަދު ވަރަށް ގިނަވާނެ. މާތްﷲ މުސްލިމުން ރައްކާތެރި ކުރައްވާނެކަމަށް އަޅުގަނޑުވެސް ދެކެން ނަމަވެސް މިވަގުތު އަޅުގަނޑުމެންގެ އަޚުންނަށް އެހީތެރިވުމަކީ ކޮންމެހެން ބޭނުންކަމެއް. ވަގުތު ނަގާލަން ވެއްޖެއްޔާ ދެރަގޮތެއް ވެދާނެ. އަވަހަށް އަޅުގަނޑުމެންގެ ލަޝްކަރަށް މި ޚަބަރު ދޭން ދަމާ..." ތާރިގު އަހަށް އެރިއެވެ.

"އާނ ތާރިގު ތިބުނީ ހަމަ ތެދެއް. ވަގުތަކީ ވަރަށް އަގުހުރި އެއްޗެއް. ކިތަންމެ ކުޑަ ވަގުތުކޮޅެއްވެސް ވަރަށް މުހިއްމު. އަވަހަށް ދަމާ ހިނގާ." ރާޝިދުވެސް އަހަށް ސަވާރުވެ ދުއްވާލީ އުދުހިފައި ކަހަލަ ގޮތަކަށެވެ. އިރުކޮޅެއްނުވެ އަނދިރީގެ ތެރެއަށް އެ ސަވާރުން ގެއްލުނެވެ. މާ ގިނައިރުތަކެއްނުވެ އެމީހުން އެޚަބަރު މާލިކްއާއި ހަމަޔަށް ގެންގޮސްދިނެވެ. އެ ލަޝްކަރު ވަގުތުން ތައްޔާރުވެގެން އައުޒާޒާއި ދިމާލަށް ދަތުރުފެށީ އާ ހިތްވަރަކާއެކުގައެވެ. ކާމިޔާބާއި ފަހަތައަށް އެދި ދުޢާކުރަމުންނެވެ.

***

ލާވަންގެ ކޮޓަރިތެރޭ ވަނީ ފަށުވި ބޯ ދޫލަތަކެވެ. ރަތް ދޫލައިގާ ރަންކުލައިގެ ފަށުވިން އަތްކަން އަޅާފައެވެ. ރަސްކަލުން ނިދާފަދަ އެނދުގައިވެސް އެކުލައިގެ ރަޖާތަކާއި އެތައް ބާލީހަކާއި ކަންނޭލެވެ. ބޯ ފަރުދާތަކާއި ޝާހީ ގޮނޑިތަކެވެ. އެނދުގެ ވަށައިގެންވާ ސަދުވާތައް ހުރީ ކަހާލާފައެވެ. ލޫސީ އެނދުގެ މަގަތުގައި ލާވަންގެ އަތުގައި ހިފަހައްޓާލައިގެން އިންއިރު ކަރުނަތައް ހުއްޓުމަކަށް ނައެވެ. އެކޮޓަރީގައި ތިބި އެހެން އެންމެންވެސް އެދެލޯބިވެރިން ވާހަކަދައްކާލަން ފުރުސަތު ދީފައި އެތަނުން ނުކުތެވެ.

ނުނިމޭ

comment ކޮމެންޓް