މާތްﷲ ވަހީކުރެއްވިއެވެ. (تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوّٗا فِي ٱلۡأَرۡضِ وَلَا فَسَادٗاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ) އަލްގަސަސްގެ އަށްޑިހަ ތިންވަނަ އާޔަތުގެ މާނައަކީ " އެއީ آخرة ގެ (نعمة ގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فساد ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ تقوى ވެރިންނަށެވެ."

***

އެލީނާ. މިހިރަ ދޮރުން ނުކުމެއްޖެއްޔާ ތިއީ އަހަރެންގެ އަންބެއް ނޫން...." ޝައުން ގެ އެ ޖުމްލަ އެލީނާއަށް ޗެލެންޖަކަށްވިއެވެ. އޭނައަށް މަޖުބޫރުކުރަން ވަރީގެ ބިރު ދައްކަން ފެށީތާއެވެ. ވަރިވިޔަސް އޭނަ ދުލެއް ނުކުރާނެއެވެ. އޭނަ މިރޭ ރިޒޯޓަށް ދާނެއެވެ. ޝައުންއަށް އޭނަ ހުއްޓުވަން ލާހިކެއް ނޫނެވެ. އެލީނާ ބެކްޕެކް އަޅުވައިގެން ހިނގައިގަތް ގޮތަށް ޝައުންގެ ގައިގާ ޖެހިގަނެގެންގޮސް ދޮރު ހުރަސްކޮށް ނުކުމެގެން ވަކި ހިސާބަކަށް ދިޔުމާއެކު މިކުރެވުނީ ކީއްކަން ރޭކާލިއެވެ.

"ތިހިރީ ވަރިކޮށްފައި އެލީނާ. ޔޫ އާ ނޮޓް މައި ވައިފް އެނީ މޯ. އެއީ ނު ބޭނުންވާ ގޮތަކީ......" ޝައުން މަޑުމަޑުން ބުނެލިއެވެ.

އެލީނާގެ ފިޔަވަޅުތައް ހުއްޓުމާއެކު ހާސްކަމާއި ނުތަނަވަސްކަން ސާލެއްފަދައިން އޭނަގެ ވަށައިގެން އޮޅާލާ ފިތައިލިހެން ހީވިއެވެ.

"ޑިޑް ޔޫ ޖަސްޓް....." އެލީނާ އެނބުރުނެވެ. އޭނަގެ ދެލޯ ބޮޑުކަމާއެކު ސިހުމެއް ފެނުނެވެ.

"އާނ އެލީނާ. އެކަމަކު އިއްދައިގާ އޮންނަ ގޮތަށް ތިން މަސްވާންދެން އަހަރެން ޚަރަދުކުރާނަން......" ޝައުން ބާރަށް ހިނގާފައިގޮސް ލޯ މަތިން ގެއްލުމުން ކަކުލުހުޅުން ވާގިދޫވި ފަދަ ގޮތެއްވެ ހުރި ތަނަށް ސޮއްސާލައިފިއެވެ. ގަނޑުވެފައިވާ ބުދެއްހެން އަނގަ ހުޅުވިފައި އެލީނާ އިންއިރު ސިކުނޑީގައި އެއްޗެއް ނެތެވެ. މުޅިންވެސް ހުސްކަމެވެ. އިރުކޮޅެއް ފަހުން އިރުކޮޅެއް ކުރީގެ މަންޒަރުތައް ފިލްމެއްގެ މަންޒަރުފަދައިން ލަހުން އޮޅެމުން އެނބުރެމުން ދާންފެށިއެވެ. ހިތަށް ފިނިކަމެއް ލިބުމާއެކު މޭގައި އަތް އަޅާ ބާރުކޮށްލެވުނެވެ. ޝައުން އޭނަ ވަރިކުރީއެވެ. އޭނަގެ މައިންބަފައިންނާއި އާއިލާ އަށް މިކަން އެނގޭނެއެވެ. އެކުވެރިންނަށްވެސް ދާދި އަވަހަށް އޮޅުން ފިލާނެއެވެ. އޭނަ ނަފްރަތުކުރިޔަސް އަންހެންކުދިން ޝައުންއާއި ހެދި މޮޔަވެއެވެ. އެކުދިންވެސް އޭނައަށް ހާދަ މަލާމާތެއް ކުރާނެއެވެ. ދެކުދިންގެ ބައްޕަ އާއި އޭނަ ވަކިވީހެއްޔެވެ. ބަރުވީ ކޮން ކޮޅެއްކަމަށް މީޒާނަށް ލައިގެން ވެސް ނޭގުނެވެ. އެލީނާ ރިޒޯޓް ދަތުރު ދާނެ ހިތްވަރެއް ނެތެވެ. އެނދުމައްޗަށް ބެކްޕެކް އެއްލާލުމަށްފަހު ބުރުގާ ބޭލިއެވެ. އަބާޔާ ބޭލިއެވެ. ހިތާ ހިތުން އޭނަ ކަރުނަ އޮހޮރަނީއެވެ. ހިތާމައަކުން ނޫނެވެ. ބިރާއި ލަދުންނެވެ. އޭނަ މިނިވަން ވީ އެވެ. ނަމަވެސް ބޭނުންވި ގޮތަކަށް ނޫނެވެ.

ލޫކާގެ ހުން ގަދަވާން ފެށުމުން ޝައުން ފެންފޮތި ލާދޭން އިނެވެ. ހުން ބުރާންތިވެފައި އޮތްއިރުވެސް ގޮވަނީ ބައްޕަގެ ނަމުންނެވެ. ދޮރުމަތީގައި ބަލަން ހުރި އެލީނާއަށް އެކަން ފާހަގަކުރެވުނެވެ.

"ލޫކާ...." އެލީނާ އެނދުގެ ކައިރީ ހުއްޓިލަމުން ނިތްކުރީގައި އަތް ޖައްސާލުމާއެކު އަތްދަމައިގަނެވުނެވެ. ލޫކާގެ ވަރުގަދަ އިސްތަށިގަނޑު ބާލީސްމަތީ ފަތުރާލާފައި އޮތްއިރު ތުންފަތް ލޭކޮޅެއްހާ ރަތެވެ. ލޫކާގެ އެސްފިޔަތައް ތެމިފައި ހުރިވަރުން ރޮއިފަ އޮތްކަން އެލީނާއަށް އެނގުނެވެ. އެލީނާގެ ހިތުގެ އެތެރެއިން ތަންކޮޅެއް ގޮވައިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުމާއެކު އެނދުކައިރިއަށް ތިރިވެވިއްޖެއެވެ. ލޫކާގެ މޫނުގައި ފިރުމައިލިއިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގެންފިއެވެ. އޭނަގެ ކުޑަ ދަރިފުޅަށް ވީ ކީއްހެއްޔެވެ؟ އެދަރިފުޅާއިމެދު އޭނައަށް ހާދަ ފަރުވާކުޑަކުރެވިއްޖެއެވެ.

"މަންމަގެ ދަރިފުޅު....ބޭބީ....." އެލީނާއަށް ރޮވެމުން ދިޔައެވެ.

"އައިމް ސޮރީ....."

ޝައުން ކުރިމަތީގައި މިގޮތަށް ބަލިކަށިވެ ރޯތަން ދައްކަން ބޭނުންނުވިޔަސް އޭނައަށް މިއަދު މިގޮތަށް ރޮވުނީ ކީއްވެކަމެއްވެސް ނޭގުނެވެ. ލޫކާ އޮތް ހާލު ފެނި ހިތް ހަލާކުވާވަރުވެއްޖެއެވެ. ދަރިފުޅަށް ޖެހުނީ ކޮންކަހަލަ ބައްޔެއްކަމެއް ވެސް ނޭގެއެވެ. ޝައުން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔަކަން އޭނައަށް އެނގެއެވެ. އެހެންނޫނަސް ފާޑުފާޑުގެ ޖަރާސީމުތައް ހިފައިގެން ގެއަށް ނުވަންނަން އޭނަ ހާސްފަހަރު ބުނާއިރު ޝައުންގެ ކަންފަތަކަށް ވަންނަނީއެއް ނޫނެވެ. ލޫކާ މަޑުމަޑުން ކުކުރަމުން ދިޔައެވެ.

"ޝައުން. ވަޓްސް ރޯންގް ވިތް ހިމް؟ ކީއްވެ އެގޮތަށް ކުކުރަނީ؟ "އެލީނާގެ ސިކުނޑިއަށް ވެރިވާންފެށީ މެނިންޖައިޓިސް އެންކެފެލައިޓިސް ފަދަ ނުރައްކާތެރި ބަލިތަކެވެ.

"ހުންގަދަވީމަ. ފޯޓީ ޑިގްރީ ސެލްސިއަސްގައި ހުރި. ޑޯންޓްވޮރީ. ހީ ވިލްބީ ފައިން އިންޝާﷲ. ވައިރަލް ހުމެއްހެން ހީވަނީ............" ޝައުން ގެ އުނގަށް ލޫކާގެ ފައި ބާއްވާލައިގެން އަރިއަކަށް ކަހަލަ ގޮތަކަށް ކުރުއަތް މައްޗަށްވާ ގޮތަށް އޮތް ޝައުން ގެ އަޑުގައި މަޑުމައިތިރިކަމެއް ވިއެވެ.

"ޑޭޑީ.....ލިލީ. ދޮންތީ.. އެލްފް......." ލޫކާ އެކިފަހަރު އެކި މީހުންނަށް ގޮވައިލައެވެ.

އެލީނާ އޭނަގެ ނަން ކިޔާނެކަމަށް އިންތިޒާރުކުރިއެވެ. މަންމައަށް ނުގޮވާ އަނެއްކާވެސް ލޫކާ އެނބުރުނީ އޭނަގެ ބައްޕައާއި ދިމާލަށެވެ. ބައްޕަގެ ޓީޝާޓުގައި ހިފައިގެން އެ ތަނަވަސް މޭގައި ބޮނޑިވެގަތެވެ. ބުޅަލަށް ގޮވިއިރުވެސް މަންމަގެ ނަން ލޫކާ ހަދާނެއްނުވިއެވެ. އެލީނާގެ ހިތް ފަޅައިގެންދާ ވަރުވިއެވެ. ދަރިފުޅުގެ ހިތުގައި އޭނައަށްޓަކާ އެއްވެސް ކަހަލަ ލޯތްބެއް ނުވަނީ ބާވައެވެ. އޭނަގެ ބޭރުފުށުގެ ރުޅިވެރިކަމާއި ނަފްރަތަކީ ޝައުންއަށް ދައްކަން ކުރާ "އެކްޓް" އެއް ނޫންހެއްޔެވެ؟ އޭނަގެ ހިތުގައި ލޫކާއަށްޓަކާ ލޯބި ނުވާނަމަ މިއަދު މިގޮތަށް ކަރުނަ އޮއްސަން ނުޖެހޭނެއެވެ.

ޒައިރާ ދޮރުމައްޗަށް ހުއްޓުނުތަން ފެނިފައި އެލީނާ އަވަހަށް ކަރުނަ ފޮހެލިއެވެ. ކޮޓަރިން ނިކުންނަމުން ޒައިރާއަށް އަންނަން އިޝާރާތްކުރިއެވެ. ފެންޑާއާއި ހަމަޔަށްގޮސް އެލީނާ ކުޑަ ރަތްކަމެއް ވެރިވެފައިވާ ލޮލުން ޒައިރާއަށް ތޫނުކޮށް ބަލައިލިއެވެ.

"ޒައިރާގެ އަދަބެއް ނުހުންނަނީތަ؟ ބޮސް އުޅުއްވަނިކޮށް ލޫކާގެ ކޮޓަރިއަށް ކަމަކު ވަދެގެން ނުވާނެއްނު....."

"އައިމް ސޮރީ..." ޒައިރާ އަނގަޔަށް ގޮތެއް ހަދާލާފައި ޒުވާބެއް ފަށަން އުޅެފައިވެސް އެހެން ބުނެލީ ފާޑަކަށެވެ. އެހެން ބުންޏަސް އޭނަ އެހެންބުނީ ސޮރީގެ މާނައިގައެއް ނޫނެވެ. އެލީނާގެ ހިތުގައި ބިރުވެރިކަމެއް ވެސް ހިނގައިލިއެވެ. ޝައުންއާއި ޒައިރާގެ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ޒައިރާއަކީ ޝައުން މިގެއަށް ގެނައި ނެނީއެކެވެ. ޒައިރާ ހަމަ ޕަޕީއެއްހެން ޝައުންގެ ފަހަތުން އެބަ އުޅެއެވެ.

"ގެއަށް ދެން ދިޔަސް އެންމެ ރަގަޅު..." އެލީނާ އެންގިއެވެ.

"ތެންކިއު. މުސާރައިން ޑިޑަކްޓް ވާނެތޯ؟ "

"ޝަޓަޕް ޒައިރާ. މަގޭ ބްރެއިން ކާލަންތަ ތިއުޅެނީ؟ " އެލީނާ ހަޅޭއްލަވައިގަތުމުން ޒައިރާ އެއްލިގެން ކަހަލަ ގޮތަކަށް އެނބުރިލާފައި ބާރަކަށް ހިނގައިގަތެވެ.

***

ލޫކާގެ ގާތުގައި އޭނަ އިންއިރު ޝައުންއައި ޒުވާބުކޮށް އެއްޗެހި ކިޔާކަށް މިއަދަކު ނުކެރުނެވެ. އެދޭތެރޭގައި މިއަދު އެހެން ކަހަލަ ފާރެއް ލެވިއްޖެއެވެ. ޝައުން އޭނަގެ ހަޔާތުން ނެރެ އެއްލާލައިފިއެވެ. އެއްވެސް ހައްގެއް ނެތް މީހަކާއި އަރައިރުންވުމުގެ މާނައެއް ނުފެނުނީއެވެ. އެދެމީހުންގެ ދޭތެރޭގައި އޮތް ކައިވެނީގެ ގުޅުން ޝައުން ކަނޑާލައިފިއެވެ. ނަމަވެސް ލޫކާގެ މައްޗަށް ހައްގު އޮތީތީވެ އޭނަ ޝައުންގާތުގައި ލޫކާ ހޮސްޕިޓަލަށް ގެންގޮސް ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކައިދޭން އެދުނެވެ. ލޫކާ މާ ބަލީއެވެ. ޝައުންއަށް ނޭގެނީއެވެ. ލޫކާގެ ޓެސްޓްތައް ވެސް ހަދަން ޖެހޭނެއެވެ. ބޭރުތެރެއިން ލިލީގެ ބުލްބުލް އަޑު އިވުމުން އެލީނާ ނުކުތްއިރު ވިޝާ ލިލީ ގޮވައިގެން އައިސްފަ ހުއްޓެވެ. ވިޝާގެ އުރުގައި އިން ދަރިފުޅާއި ލޯބިކޮށްލުމަށްފަހު ލޫކާ ބަލި ވާހަކަ ބުނެފައި ލިލީ ކޮޓަރިއަށް ގެންދަން އެދުނެވެ.

"ޝައުން ބުނީ ވައިރަލް ހުމެކޭ އެހެންވީމަ ލިލީ ބަލިވެއްޖެއްޔާ އަދި ކިހާ ވަރުވާނެ. ވަރަށް ބިރުގަނޭ...."

ކޮޓަރިއަށް ވަދެފައި އެލީނާ އާއިޒާ އަށް ގުޅިއެވެ. ވާހަކަދައްކަމުންގޮސް ރޮވެން ފެށިގޮތަށް ޓިޝޫތަކުން ޑަސްބިން ފުރުނެވެ.

"އައިޒް. އައިމް ސްކެއާޑް. ޝައުން އެއްވެސް ސިމްޕަތީއެއް ނެތި ވަރިކޮށްފި. ކުޑަ ކަމަކާހެދި. އަދި ލޫކާ އެހާ ބަލި ކަމެއް ނުވެސް ދެނަހުރިން. ލޫކާ.....ހީ އޯލްސޯ ޑަޒަންޓް ލަވް މީ އައިޒް...ހުމާ ބުރާންތިވެފައި އެ ނެނީގަނޑާ ގެންގުޅޭ ބުޅަލަށް ދާންދެން ގޮވިއިރު މަންމިއަކަށް ނުގޮވި..........." އެލީނާ ގިސްލާންފެށިއެވެ.

"އިޓްސް އޯކޭ ނުރޮއި....."

"ނުހުއްޓުނޭ ކަރުނަތައް. ވަރަށް ހާސް އެބަވޭ. މަންމަމެންނަށް އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ. ދެ އާއިލާ ދެމެދު މައްސަލަތަކެއް ޖެހޭނެ. އެއް އިރެއްގައި ކިޔާންއާއި ރައްޓެހިވެގެން އުޅުނެއްކަމަކު އޭނަވެސް އަހަންނާއި ގުޅޭކަށް ބޭނުމެއްނުވި. އޭނަ ގާތު ވަރަށް އާދޭސްކުރެވިއްޖެ. ނަސީބު ދެރަކަމުން ޝައުންގެ އެންމެ ކްލޯޒް ފްރެންޑް ކަމަށް ވަނީ. ސޯ އޭނަ އެހެރީ ގޮތް ދޫނުކުރަން. މޭ ބީ ހީ ހޭޒް ފީލިންސް ފޯ މީ އެކަމަކު އޭނަ ދުވަހަކު މެރީ ނުކުރާނެ. ސޯ....އަޅެ ކިހިނެއް ދެން ވާނީ އައިޒް......."

"އެބަ ދަން..."އާއިޒާ ފޯނު ކަނޑައިލިއެވެ.

***

އާއިޒާ އެލީނާއަށް ވިސްނާދިނީ މާތްﷲ ކޮންމެ ކަމެއް ރާއްވާނީ ހިކުމަތްތެރިކޮށް ކަމުގައެވެ. ލައުހުލް މަހުފޫޒުގައި ލިޔުއްވާފައިވާ ކޮންމެ ކަމަކީ ހިކުމަތުން ފުރިފައިވާ ކަމެކެވެ. ގަޟާގަދަރަށް ކިޔަމަންވާން ޖެހޭނެއެވެ. އެހެން އިންސާނުންގެ ފަރާތުން ރީތި ބަސްތަކާއި ތައުރީފު ހޯދަން އެކަހަލަ ކައިވެންޏެއްގައި ބަދެވިގެން ތިބުމަށްވުރެ މާތްﷲގެ ރުހިވޮޑިގަތުން ހޯދަން މަަސައްކަތްކުރުމަށް އާއިޒާ ހަދާންކޮށްދިނެވެ. ޝައުންއާއި ވަކިވެގެން އެހެން ދިރިއުޅުމެއް ފެށުމުން އެލީނާއަށް ފާފަތަކަށް އަރައި ނުގަނެވޭނެ ކަމަށާއި ފިރިމީހާގެ ހައްގުތައް އަދާ ނުކުރެވެންޏާ އެކީގައި އުޅުމަކީ މޮޔަ ކަމެކެވެ. އާއިޒާގެ ވާހަކަތަކުން ވަގުތީ ހިތްވަރެއް ލިބުނަސް އާއިޒާ ޝައުންއާއި ހެދި ސިއްރުން އުޅޭތީ ދެއްކި ވާހަކަތައް ކަމަށް އެލީނާއަށް ގަބޫލުކުރެވުނެވެ. ސަބަބަކީ އާއިޒާގެ އަމަލު ހުންނަގޮތުން ޝައްކު އުފެދޭތީއެވެ. އެލީނާގެ ޝައްކުތައް ހިތުގައި ފޮރުވައިގެން ހުރެ ފާރަލާން ނިންމިއެވެ.

***

އެލްފްއަށް ލޫކާ ބަލިކަން އިހުސާސް ކުރެވުނީކަން ނޭގެއެވެ. އެނދުގެ ކައިރީ ރަގްމަތީގައި ދެއަތް ދަމާލައިގެން މޮޅިވެރިގޮތަކަށް އެލްފް އޮންނަތާ އިރުގަނޑެއްވެއްޖެއެވެ. ލޫކާއަށް ދޭ ބޭހަކުން އަދި ފެންފޮތިލައިގެންވެސް ހުން މަޑުވާކަމަކަށް ނުވިއެވެ. އެލީނާގެ ބައްޕަ އަމީރުއާއި ކެހެކްޝާން ގެއަށް ވަނީ ސަލާމް ގޮވާލާފައެވެ. މަންމަވެސް ހުރީ އަބާޔާގައެވެ. ބައްޕަ އަރަބި މީހެއްފަދައެވެ. ކްރީމްކުލައިގެ ޖުއްބާއަކާއި އެކު ބޮލުގައި އަޅާފައިވާ ފަގުޑީގެ ސަބަބުން އަރަބި ޕްރިންސެއްފަދައެވެ. ދިގު ތުނބުޅިއެކެވެ. ހައިބަތާއި ޝާހީކަން އަދި މޫނުގެ އަލިކަމުން ދެކޭ މީހުން ގަދަރުކުރާފަދަ ޝަޚުސެކެވެ.

އެލީނާ ރޮވިފައި ހުރެ ބައްޕައަށް ލޫކާގެ ހާލު ކިޔައިދިނެވެ.

"ދަރިފުޅާ. އެސްފީނާއަކީވެސް އޮންނަ އެއްޗެއް. ދަރިފުޅަށް ރަގަޅުވާނެ އިންޝާﷲ...."

އަމީރު ލޫކާ އުނގުގައި ބާއްވައިގެން އިނދެ ބޮލުގައި އަތް ޖައްސައިލިގޮތަށް އަލްހަމްދު ކިޔަވަންފެށިއެވެ. ރުގުޔާ ކުރަންފެށިތާ ގިނައިރުތަކެއް ނުވަނީސް ލޫކާ ގެ ގައިގާ ވަރުޖެހިގެން ލޯ ހުޅުވާލާފައި ހީލިލެއް ލޯބިކަމުން އެލީނާއަށް ޖަޒުބާތީވެވި ރޮވިއްޖެއެވެ. ލޫކާ ގެނެސް މޭގައި ޖައްސާލަމުން އެތަން މިތާ ބޮސްދިނެވެ. ލޫކާ އަތްދިއްކޮށްލީ ކުރިމަތީގައި ހުރި ސޯފާގައި އިށީދެލައިގެން އިން ޝައުންއަށެވެ.

"މިއީ ބައްޕަގެ ކުއްޖެއް ދޯ...ހެހެ" ކެހެކްޝާން ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ." އެލީނާ ވިޝާ އަދި އާރިކްވެސް ހަމަ މަންމައާއިހެދި އެއްނޫން އުޅުނީ. ބައްޕައަށް މޮޔަވެފައި....."

އެލީނާގެ ހިތް ހަލާކުވެއްޖެއެވެ. ލޮލުން ކަރުނައިގެ ރޮގެއް ތިރިއަށް ދެމިގެންފިއެވެ. އޭނަގެ މަންމައާއި އޭނަގެ ފަރަގު އެބަހުއްޓެވެ. އޭނަ ލޫކާއާއި ލިލީ މާ ބޮޑަށް ތަފާތުކުރީއެވެ. ލޫކާ ބާކީކޮށްލީއެވެ.

***

އެލީނާ ނީވް ގާތުގައި ބުނީ ޝައުންއަށް ކޮފީއާއި ލުއި ކާނާ ހިމެނޭ ތަބަކެއް ގެންގޮސް ދިނުމަށެވެ. އޭނަ އެންގީ ޝައުން އެހިޔަސް އެލީނާ ބުނެގެން ކަމުގައި ނުބުނުމަށެވެ. އެކަމާއި ނީވްގެ ހިތަށް ތަފާތު އެއްޗެހި އެރިއެވެ. ރުޅިއަންނަ ކަމަށް ހެދުނަސް އެލީނާ އަކީ ހިތްހެޔޮ ކުއްޖެއް ތާއެވެ. ލޫކާ ބަލިވުމުން އެކުއްޖާ ފަކީރު ހިތާމަ ކުރާވަރުވެސް އެންމެ ގާތުން ފެންނަނީ ނީވްއަށެވެ. ސިޓިންރޫމްގެ މާބްލްމަތީގައި ލޫކާގެ އަލްބަމެއް ބަލަން އިނދެ ރުއިތަންވެސް އޭނަ ދެކުނެވެ. ނީވްގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

***

ލޫކާ ހުން މަޑުވިޔަސް ޝައުންގެ އެނދުގައި ބާއްވައިގެން އޮތްވާ އެލީނާ ކޮޓަރިއަށް ވަނެވެ. ޝައުން އޭރު ނިދަން ތައްޔާރުވަނީއެވެ. އޭނަ ހުރީ ހަމައެކަނި ދިގު ސޯޓެއްލައިގެންނެވެ. އަތުކުރީގައިވާ އަގުބޮޑު ގަޑިއާއެކު ހުސްގަޔާ ހުރުމުން އިޝްތިހާރެއް ކުޅެން ތައްޔާރުވެގެން ހުރިފަދައެވެ. މޫނު ދޮވެލައިގެން އައުމުން އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ތެމިފައިވުމުން ތަރުތީބު ގެއްލިފައިވާއިރު ވަކިން ހިތްގައިމެވެ. އެލީނާ އިރުކޮޅެއްވާންދެން ޝައުންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.

"ކީއްކުރަން؟ "

"ލޫކާއަށް ބޭސްދިނިންތަ؟ " އެލީނާ މަޑުމައިތިރި ގޮތަކަށް އެހިއެވެ.

ޝައުން ޖަވާބެއް ނުދިނެވެ.

"ފޮނިކަމުން ގޮސް ރެޖީމެންޓެލް އާވެސް އަޅާ ނުކިޔޭނެ." އެލީނާ ހިތާހިތުން ކިޔާލިއެވެ. އޭނަގޮސް ލޫކާގެ ގާތުގައި ހުއްޓި ނިތްކުރިއަށް ބޮސްދިނެވެ.

"ޝައުން. އަހަރެމެން ވަކިވި ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނައްޗޭ...."

"ތިން މަސްވާންދެން ތިކަން ކޮށްދީފާނަން. އޭގެ ފަހުން އެކަން ސިއްރެއް ނުވާނެ.. ސަބަބަކީ ދެމަފިރިންނަށް ނުވާހިނދު އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ އަހަރެންގެ އުސޫލެއް ނޫން. ދީނުގައި ހުއްދަކަމެއް ނަމަތާ އެލީނާ ބޭނުންގޮތަކަށް އުޅެވޭނީ. ތިކަހަލަ ސަމާސާ ކުރާކަށް އަހަންނަށް ޓައިމް އެއް ނެތް. ވަރަށް ދުވަހު މީހުންނަށް އޮޅުވާލައިގެން އުޅެވިއްޖެ. ހަގީގަތް އެނގުމުގެ ވަގުތު ޖެހިއްޖެ. ތްރީ މަންތްސް މަދެއް ނޫން ތައްޔާރުވާން............." ޝައުން ގެ ވާހަކައިން އެލީނާ އިރުކޮޅެއްވާންދެން ނިޔަފަތި ކައިކައި އިނެވެ.

"ލޫކާއާއި ލިލީ ކިހިނެއް ހަދާނީ؟"

"އެވެސް ދީނުގައި އޮތްގޮތަށް ހަމަ."

"ތިއީ ދީން ދެކެ އެހާ ލޯބިވާ މީހެއްކަމަށް ކުރިއަކުން ނުދަންނަން...." އެލީނާ ބޭގަރާރުވީ ހިދުކޮޅަކަށްފަހު ރުޅިވެރިކަން ހިތަށް ބާރު ފޯރުވަންފެށިއެވެ. ޝައުން ރައްދު ދިނުމެއްނެތި ޓީޝާޓެއް ބޮލަށް މަހައިލިއެވެ. އަތުގައިވާ ގަޑި ނެގިއެވެ. އެއަށްފަހު އެނދުގައި އޮށޯވެ ލޫކާއާއި ދިމާލަށް އެނބުރިލަމުން ކުޑަގޮތަކަށް ބައްދާލައިފިއެވެ. ދެލޯ މެރިއެވެ. އޭސީ އެހާ ފިނިނުކޮށް ހުރީ ލޫކާ ހުމާ އުޅޭތީކަން ނޭގެއެވެ. އެހެންނޫންނަމަ އެންމެ ފިނިކޮށްލައިގެން ނޫނީ ނިދާ ފިރިހެނެއްނޫނެވެ. ކުއްލިއަކަށް ޝައުންގެ ފޯންގެ ވައިބްރޭޓް ވާތަން ފެނުނެއެވެ. އެއާއެކު ފޯނުނަގާ ކަންފަތުގައި ޖެހުމުން އެލީނާގެ ހިތުގައި ޝައުގު ވެރިކަމެއް އުފެދުނެވެ. ކޮންމެ ރެއަކު ނިދަން އަރާފައި ގުޅަނީ ކޮން ޚާއްސަ މީހަކަށް ބާވައެވެ. އަނެއްކާ އާއިޒާ ހެއްޔެވެ. ޝައުން ކަންނެތް ގޮތަކަށް ކޮންމެވެސް އެއްޗެކޭ ބުނެލާފައި ފަހުން ގުޅާނެ ކަމަށް ވައުދުވެފައި ރޭގަނޑުގެ ސަލާމްވެސް ކޮށްލަމުން ފޯނު ނިވާލައިފިއެވެ. އެކަމުން އެލީނާގެ ހިތުގައި ވި ޝައްކު އިންތިހާއަށް އިތުރުވިއެވެ. ތިމާ ގޯހެއް ހަދަންޏާ އެހެން މީހުންވެސް އުޅޭނީ އެހެން ކަމަށް ހީކުރެވޭނެތާއެވެ. އެލީނާއަށްވެސް ވީ އެކަހަލަ ގޮތެކެވެ. މިހުރިހާ އަހަރުތަކެއްވާންދެން ޝައުން މަޑުން ހުރުމަކީ ބުއްދި ގަބޫލުކުރާ ކަމެއްވެސް ނޫނެވެ. އޭނަ އަންހެނުން ގާތަށް ޖައްސާނެއެވެ.

"އީކް..... ޕްލޭ ބޯއިއެއް ހަމަ.." އެލީނާ ކުދި ކިޔަމުން ކޮޓަރިން ނުކުތެވެ.

***

ތާނީއަށް ކެންސަރު ޖެހުނުކަން އެނގިގެން ސްކޫލްތެރޭ އޭނަ ކުރިއަށްވުރެ މަޝްހޫރުވެ އެންމެންގެ ލޯތްބާއި ހަމްދަރުދީވެސް އިތުރުވިއެވެ. އިންސްޓަގްރާމާއި އެހެން އެކައުންޓްތަކަށް ހެޔޮއެދުމުގެ އެތައް މެސެޖެއް އައިސްފަ ހުއްޓެވެ. ކީމޯތެރަޕީގެ ފުރަތަމަ ޑޯޒަށްފަހު އެހާ ބަލިނުވުމުން ތާނީ އެކަމާވެސް ފަޚުރުވެރިވިއެވެ. އެހެންވެ ވަގުތުން ކެންސަރާއި ބެހޭގޮތުން އޭނަގެ ތަޖުރިބާ ހިއްސާކުރަން ޔޫޓިއުބް އެކައުންޓެއް ހުޅުވާފައި ވީޑިއޯކުރަންވެގެން ވަރަކަށް މޭކަޕްކޮށްލައިފިއެވެ. ފޮނިކެނޑުމުގެ ހައްދެއްނެތް ވަރަށް ފޮނި ކަނޑާލައިފިއެވެ.

އާތިކާ ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރިއިރު ކެމީލާއާއި ތާނީ އޮތް ވޯޑަށް ޚާއްސަ ސަމާލުކަމެއް ދިނެވެ. އާތިކާއާއި އެކު ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ އިއްޒަތްތެރިން ބައިވެރިވިއެވެ. ކެމީލާ ފާޚާނާގައި ހުއްޓާ ޒައިރާ އެނދަށް އަރާ ގައިގާ ރަޖާ ގަނޑު އަޅައިގެން އޮތްވާ ބަޔަކު ވަންހެން ހީވެފައި މޫނާއެކު ރަޖާ އަޅާލައިފިއެވެ.

"ހައި ޑިއަރ ހައު އާ ޔޫ.."

"އައިމް ފަ........ސިކް......ރިއަލީ ސިކް....." ޒައިރާ ހަމައެކަނި ލޯ ފެންނަވަރަށް ރަޖާ ތިރިކޮށްލައިފިއެވެ. އާތިކާ ގޮނޑީގައި އިށީނެވެ. "ކެމީލާ" ގެ ނަން މަޝްހޫރުކަމުން މި މައުސޫމް ދީންވެރި ކުއްޖާގެ ޚަބަރު އޮޅުން ފިލުވުމުގެ ޝައުގު އޭނަގެ ހިތުގައިވެސް އުފެދިފައިވިއެވެ.

"ކެމީލާ؟ "

"ޔެސް...." ޒައިރާއަށް މިއީ ކޮންމެވެސް ތާކުން ދަންނަ މޫނަކަށްވިއެވެ. ހޮލީވުޑްގެ ތަރިއެއް ނޫނީ މޮޑެލްއެއް ކަމަށްވެސް ވެދާނެއެވެ. އޭނަގެ ސިކުނޑިއަށް ބާރުލުމުންވެސް އެވަގުތުކޮޅު ހނަދާނުގެ އެބަޔަށް ހިރަފުސް ބުރާފައިވާ ފަދައެވެ.

"ކެމީލާއަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ކުއްޖެކޭ ޑޮކްޓަރުން ބުނާ އަޑު އެހިން. އާޔަތެއް ކިޔަވާލަދީފާނަންތަ؟ " އާތިކާގެ ޖުމްލައިން ހިންދިރުވާލިއެވެ. އޭނައަށް ކެމީލާހާ ރީތިކޮށް ގުރުއާން ކިޔަވަން އެގެނީއެއް ނޫނެވެ.

"އެވާނީ ކޮންޑަކުޓަރެއްކަމަށް. ޑޮކްޓަރުން ޕޭޝަންޓުންގެ ވާހަކަނުދައްކާނެ. އައި ހޯޕް އެއީ މިތާ އުޅޭ ފޭކް ޑޮކްޓަރ ބޭކަންއަށް ނުވާނެކަމަށް..........." ޒައިރާގެ ޖުމްލައިން އާތިކާއަށް ތެދުވެވިއްޖެއެވެ. މިއީ "ސްވީޓް " ކެމީލާގެ އަސްލު ސޫރަތާއެވެ. މީހަކަށް އިހުތިރާމް ކުރުމެއްނެތެވެ. އަދަބެއް ސަދަބެއް ނެތެވެ. ރަގަޅު އާއިލާއެއްގެ ކުއްޖެއް ނޫންކަން ބަހުރުވަ ހުރިގޮތުންވެސް ދެނެގަނެވިއްޖެއެވެ.

"ޑޮކްޓަރުންވެސް ބައެއްފަހަރު ބަލިމީހުންގެ ހުރި ރަގަޅުކަންތައް ތަކަށް ތައުރީފުކޮށްފާނެ. ނުބައިގޮތަކަށް ހީކުރެވުނިއްޔާ އެކަމާ މާފަށް އެދެން. ސޮރީ ޑިއަރ ގާލް........" އާތިކާގެ މޫނުގައިވާ ހިނިތުންވުން ގެއްލިއްޖެއެވެ. ލޭކެން އެތަނަށް ވަން އިރު ހުރީ ރަސްމީކޮށެވެ. ކަޅުފަޓުލޫނަކާއި ގަމީހެއް ލާފައި ޓައީ އަޅާލައިގެން ހުރިއިރު ނިކަން ސްމާޓެވެ.

"ކެމީލާއާއި ބައްދަލުވެއްޖެތޯ؟ " ލޭކެން ސުވާލުކުރިއެވެ.

"ހޫމް. އައި ޖަސްޓް މެޓް ހާރ ޑޮކްޓަރ ލޭކެން..." އާތިކާ ކުޑަގޮތަކަށް ޒައިރާއަށް ނަޒަރު ހިންގައިލުމުން އޭނަ މަންމައަށް އޮޅުވައިލީކަން ލޭކެންއަށް ވިސްނުނެވެ. ޒައިރާ މިއޮތީ ބަލިމީހަކަށް ވެގެން އެނދުގައެވެ. އެއީ ކެމީލާ ނޫންކަމުގައި ބުނަން އަނގަ ހަރަކާތްކޮށްލި ވަގުތު ޒައިރާގެ އިޝާރާތުން އާދޭސްކުރީ ސިއްރުކޮށް ދިނުމަށެވެ. ލޭކެން ކަޅި މައްޗަށް ހިންގާލާފައިވެސް ހިމޭންކަން ޚިޔާރުކުރިއެވެ. ޒައިރާ ރަޖާގެ ހިމާޔަތުގެ ދަށަށް ވަންގޮތަށް ޗެޓްކުރަން ފެށިއެވެ.

އާތިކާ ޖެހިގެން ހުރި އެނދުގައި އޮތް ކުއްޖާއަށް ޒިޔާރަތްކުރިއެވެ. ތާނީ އުފަލުން ފުރުނެވެ. ފަސްޓްލޭޑީ ޒިޔާރަތްކުރުމަކީ ޝަރަފެކެވެ. އޭނަ އެއްކޮށް ސެލްފީ ނެގިއެވެ.

ކޮޓަރިތެރޭ މީހުން ތައް ވާހަކަދައްކާ އަޑު އިވިފައި ކެމީލާ ހުރީ ފާޚާނާއިން ނިކުންނަން ޖެހިލުންވެފައެވެ. ފޯނު އަތުގައި އޮތުމުން ޒައިރާއަށްވެސް ވައިބާ ކޮށްފައި ބޭރުގައި އުޅެނީ ކޮން ބަޔެއްތޯ އަހާލައިފިއެވެ. ޚަބަރެއްނުވެ ހުއްޓާ އަރީޖް ގުޅާފައި ދިން ހިތާމަވެރި ޚަބަރުން ކެމީލާ ހުއްޓުން އެރިއެވެ. މަރަކީ ހާދަ ގާތުގައިވާ އެއްޗެކެވެ. އޭނައާއި ތާނީ މަރާއި ހަގުރާމަކުރަމުން ދަނިކޮށް ސިއްހަތު ސަލާމަތުން ހުރި ޒުވާނަކު ކުއްލިއަކަށް މި ދުނިޔެއާއި އަލްވަދާއު ކީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު