ގާސިމްގެ ދެ ބޭފުޅުން މާލެއިން ނުވަ މިލިއަނަށް ގޯއްޗެއް ބައްލަވައިގެންފި

އިބްރާހިމް ސިޔާދު ގާސިމް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ދެ ބޭފުޅުން ކަމަށްވާ އިބްރާހީމް ސިޔާދު ގާސިމް އާއި މަރިޔަމް ސަމާ، މާލެއިން ގޯއްޗެއް ބައްލަވައިގެންފި އެވެ.

ސިޔާދާއި ސަމާ މާލެއިން ބައްލަވާފައި ވަނީ މައްޗަންގޮޅީގައި ހުންނަ ގޯއްޗެއް ކަމަށްވާ ކަޝިޝް ނަމަކަށް ކިޔާ ގޯއްޗެކެވެ. އެ ގޯތި ގަނެފައި ވަނީ އައިޝަތު އަނީސް، މއ. ކަޝިޝް އަތުންނެވެ. އެ ގޯތި ބައްލަވައިގެންފައި ވަނީ 9.65 މިލިއަން ރުފިޔާ އަށެވެ.

އެ ވިޔަފާރީގެ މުއާމަލާތާ ގުޅޭ ގޮތުން ސިވިލް ކޯޓުން އަންގާފައި ވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ.

އެގޮތުން ސިވިލްކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މއ. ކަޝިޝް، އާއިޝަތު އަނީސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. ކަޝިޝް ކިޔާ 3،216 އަކަފޫޓުގެ އަމިއްލަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދާތަކާއި އަމިއްލަ ބިމުގެ މިލްކުވެރިކަން 9.65 މިލިއަން ރުފިޔާއަށް ގަނެފައިވާތީ އެ ގޯތީގެ މިލްކުވެރި ފަރާތަކީ ސިޔާދާއި ސަމާ ކަމުގައި ކަނޑައަޅައި ހުކުމް ކޮށްފައިވާ ކަމަށެވެ.

ސިޔާދާއި ސަމާ މާލެއިން ގޯއްޗެއް ބައްލަވައިގެންނެވިއިރު ގާސިމް ވެސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި މާލެއިން ގެއެއް ބައްލަވައިގެންފަ އެވެ.

ގާސިމް ބައްލަވައިގަތީ ވިޔަފާރިވެރިޔާ، މ.ވާދީރޯސް މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިންގް އެވެ. ޖުމްލަ 413.33 އަކަފޫޓުގެ ބިމާއި އެތަނުގައި ހުރި އިމާރާތް އަދި ނުއުފުލޭ މުދާ ގާސިމް ބައްލަވައިގަތީ 12 މިލިއަން ރުފިޔާ އަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

comment ކޮމެންޓް