އެއްވެސް ޕްރިންސިޕަލަކު ނުރުހުމުގައި އެހެން ސްކޫލަކަށް ބަދަލެއް ނުކުރާނެ: އެޑިއުކޭޝަން މިނިސްޓްރީ

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް ސޯލިހް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ- ސަން ފޮޓޯ: ފަޔާޒު މޫސާ

އެއްވެސް ޕްރިންސިޕަލަކު ނުރުހުމުގައި އެހެން ސްކޫލަކަށް ބަދަލެއް ނުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ޕްރިންސިލުންގެ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އެއް ސްކޫލެެއްގައި އެންމެ ގިނަވެގެންވެސް ޕްރިންސިޕަލަކަށް ހުރެވޭނީ އަށް އަހަރުކަމަށް ކަނޑައަޅައިފަ އެވެ.

އެ އުސޫލަށް ގެނައި ބަދަލާއެކު ގިނަ ޕްރިންސިޕަލުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ޕްރިންސިޕަލުންގެ ހައްގުތައް ގެއްލޭނެކަމަށް އެ ބޭފުޅުން ވިދާޅުވި ނަމަަވެސް މިނިސްޓްރީން ބުނީ އެ ބޭފުޅުންގެ އެއްވެސް ހައްގަކަށް އުނިކަން އުސޫލުގެ ސަބަބުން ނާންނާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އަށް އަހަރުގެ މުއްދަތު ހަމަވުމުން އެހެން ސްކޫލް ބަދަލުވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ އުސޫލުގެ ދަށުން އެއްވެސް ޕްރިންސިޕަލަކު ނުރުހުމުގައި އެއްވެސް ތަނަކަށް ބަދަލު ނުކުރާނެ ކަމަށާއި ޕްރިންސިޕަލަކު މަސައްކަތްކުރަން ޝައުގުވެރިވާ ސްކޫލްތަކެއް ބަލައި އުސޫލުގައި ބުނެފައިވާ ގޮތަށް އެ ސްކޫލަކަށް ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

އެ އުސޫލަށް އަމަލުކުރަން ފެށުމުންވެސް މިހާރު ތިބި ޕްރިންސިޕަލުން މަޤާމުގައި ދެމިތިބޭނެ ކަަމަށާއި މިނިސްޓްރީއިން އެ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލް ކަނޑައަޅައި 4 އަހަރުގެ ޓެނުއަރ ޙަވާލުކުރާ ތާރީޚުން ފެށިގެން އެ ސްކޫލެއްގައި ދެމިތިބޭނެކަމަށްވެސް ބުނެފައިވެ އެވެ.

"އުސޫލުގެ ދަށުން ޓެނުއާރ ފަށާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ލިޔުމުން އެކަން ކަނޑައަޅައި ހަވާލުކުރާ ތަރީޚުން ފެށިގެންނެވެ. ފުރަތަމަ 4 އަހަރުގެ ޓެނުއަރ ނިމި، އިތުރު 4 އަހަރަށް އެ ސްކޫލުގައި ހުންނަން ބޭނުންނަމަ، އެކަމަށް އެދި ހުށަހެޅޭނެއެވެ. ނުވަތަ ޝައުގުވެރިވާ އެހެން ސްކޫލަކަށް ބަދަލުވަން ބޭނުންވާނަމަ އެ ފުރުޞަތުވެސް ލިބިގެންދާނެ އެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ އުސޫލުގެ ސަބަބަބުން ތައުލީމަށް ކުރާނީ ފައިދާކުރާނެ ކަމަށެެވެ.

އެގޮތުން ތަފާތުކުރުމެއް ނެތި ސްކޫލްތަކުގައި ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިވުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފަ އެވެ.

އެއާއެކު ސިސްޓަމްގައި ތިބި ހިންގުންތެރި، ގާބިލް ޕްރިންސިޕަލުންގެ ހިދުމަތް ގިނަ ސްކޫލްތަކަށް ލިބި، އެ ސްކޫލްތައްވެސް އިތުރަށް ތަރައްގީވުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ދެކެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ އެ އުސޫލާއެކު އެއް ރަށެއްގައި ނުވަތަ ސަރަހައްދެއްގައި ކިޔަވައިގެން އައިސް ސްކޫލް ހިންގުމުގެ ދާއިރާއިން ޕްރިންސިޕަލެއްގެ ގޮތުގައި ރަށަށް ނުވަތަ އަތޮޅަށް ހިދުމަތްކުރުމުގެ ފުރުސަތު ނުލިބިތިބި ފަރާތްތަކަށް އެފަދަ ފުރުޞަތު ދެން ފަހިވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް