މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ަދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްފިއެވެ.
އެމްޕީއެލް އިން ބުނީ މިއަދުން ފެށިގެން ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ބަދަލު ގެންނަން މީގެ ކުރިން ނިންމާފައި ވީނަމަވެސް، މި ޗާޖުތަކަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެމްޕީއެލް އިން ވަނީ އެ ކުންފުނިން ރޭގަނޑު 23:30 އާއި ހެނދުނު 7:30އާ ދެމެދު ފޯރުކޮށްދޭ ހިދުމަތްތަކުން ނަގަމުންދާ 30 ޕަސެންޓުގެ ސާޗާޖު އުވާލަން ނިންމައިފައެވެ. މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރާނެއެވެ.
އެމްޕީއެލްގެ ހެޑް އޮފް ކާގޯ އޮޕަރޭޝަންސް އަހްމަދު އިނާން މީގެ ކުރިން "ސަން"އަށް ވިދާޅުވީ ދަންވަރު ޝިފްޓުން ނަގާ ސާޗާޖު އުވާލަން ނިންމީ މުދާ ކްލިއާ ކުރާ އޭޖެންޓުން އެކި ނަންނަމުގައި ފީ ނެގުން ހުއްޓުވުމަކަށް ގެނައުމަށް ކަމަށެވެ.
ސާޗާޖުގެ ނަމުގައި ފީ އެއް ނަގަންފެށީ 2015 ވަނަ އަހަރުއެވެ، އެމްޕީއެލްއިން ސާޗާޖު ނަގަނީ ހަމައެކަނި ދަންވަރު ބާލާ ކޮންޓޭނަރުތަކަށް ނަމަވެސް އެ ޗާޖު ނަގަން ފެށުމުން އޭޖެންޓުން ވަނީ ހުރިހާ ކޮންޓެއިނަރަކުން މި ޗާޖު ނަގަން ފަށައިފައެވެ.
އޭޖެންޓުން މިގޮތަށް ފީ ނެގުން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުގައި އިތުރަށް ފީ ނަގަނީ އެމްޕީއެލްއިން ސާޗާޖު ނަގާތީ ކަމަށް އޭޖެންޓުން ބުނި ކަމަށް އިނާން ވިދާޅުވި އެވެ.
އެއާއެކު އެމްޕީއެލްގެ ބޯޑުން ނިންމީ ދަންވަރު ޝިފްޓުން ނަގަމުން އައި 30 ޕަސެންޓުގެ ސާޗާޖު އުވާލުމަށެވެ.
"ސާޗާޖު އުވާލީމަ އޭޖެންޓުންނަށް ދައްކާނެ ހުއްޖަތެއް ނޯންނާނެ އެމްޕީއެލްއިން ސާޗާޖު ނަގާތީއޭ އޭޖެންޓުން ޗާޖު ނަގަނީ ކިޔާފައި." އިނާން ވިދާޅުވި އެވެ.
ދަންވަރު ޝިފްޓުން ނަގާ ސާޗާޖު އުވާލުމާއެކު ދަންވަރު ޝިފްޓުގައި އެކުންފުންޏަށް ލިބެމުންދިޔަ އާމްދަނީއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެ އެވެ. އަދި އެއާއެކު އަންނަ ލޮޅުން ކުޑަކުރަން ހޭންޑްލިން އާއި ވޯފޭޖު ޗާޖުތަކަށް އެކުންފުނިން ވަނީ ބަދަލު ގެނެސްފަ އެވެ.