ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ، އަދަދު 32އަށް

ކޮވިޑް ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ.

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

މިއީ ކޮވިޑް-19ގައި ރާއްޖެއިން މަރުވި 32 ވަނަ މީހާ އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނި ގޮތުގައި ރޭ ފަތިހު 3:55 ގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮވިޑް ޖެހިފައިވާ 1،966 މީހަކު މިހާރުވެސް ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 142 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދެމުންނެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ކޮވިޑް ޖެހިގެން އައިސީޔޫގައި 66 މީހަކަށް ފަރުވާދިން އިރު، ނުވަ މީހަކު ވަނީ ވަރަށް ބޮޑަށް ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު މަރުވި އިރު، ދެ މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ތިން މީހަކަށް އަދިވެސް އަންނަނީ، ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް، ޖުމްލަ 9،052 މީހަކަށް ކޮވިޑް ޖެހުނު އިރު، އިއްޔެ ވަނީ 62 މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 100 އިން ތިރިވެފަ އެވެ.

comment ކޮމެންޓް