ޗައިނާގައި އެމެރިކާގެ ޑިޕްލެމްޓުން އަމަލު ކުރަން ޖެހޭ ގަވާއިދުތައް އަނެއްކާވެސް ހަރުކަށިކޮށްފި

ޗައިނާއިން ވަނީ އެމެރިކާގެ ޑިޕްލޮމެޓުން އަމަލު ކުރަން ޖެހޭ ގަވާއިދުތައް ހަރުކަށިކޮށްފަ -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (ސެޕްޓެމްބަރު 13): ޗައިނާ އާއި ހޮންކޮންގުގައި މަސައްކަތް ކުރާ އެމެރިކާގެ ޑިޕްލޮމެޓުން އަމަލު ކުރަން ޖެހޭ ގަވާއިދުތައް ޗައިނާއިން އަނެއްކާ ވެސް ހަރުކަށިކޮށްފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން އަލަށް ތައާރަފް ކުރި ގަވާއިދުތަކަށް އެގައުމުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުތަކާއި ބެއިޖިންގައި ހުންނަ އެމްބަސީގެ މުވައްޒަފުން ވެސް އަމަލު ކުރަން ޖެހޭނެ އެވެ. ނަމަވެސް އެ އާ ގަވާއިދުތައް ބަޔާނުގައި ފާހަގަކޮށްފައި ނުވެ އެވެ.

މީގެ ކުރިން ޗައިނާ އިން ވަނީ އެމެރިކާގެ ޑިޕްލޮމެޓުންނަށް އެގައުމުގައި ދަތުރު ނުކުރެވޭނެ ބައެއް ތަންތަން ކަނޑައަޅައިފަ އެވެ. އަދި އެ ފިޔަވަޅުތައް އެޅީ މިދިޔަ އަހަރު އެމެރިކާ އިން ޗައިނާގެ ޑިޕްލޮމެޓުންނަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ އިން ވަނީ އެގައުމުގައި ޗައިނާގެ ޑިޕްލޮމެޓުން ދަތުރު ކުރާ އިރާއި ސަރުކާރުގެ އޮފިޝަލުންނާއި ތައުލީމީ ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުވުންތައް ބާއްވާ އިރު އެކަން ސްޓޭޓް ޑިޕާޓްމެންޓަށް އެންގުމަށާއި ހުއްދަ ވެސް ހޯދުމަށް އަންގައިފަ އެވެ.

އެމެރިކާ އިން އޭރު ބުނި ގޮތުގައި ޗައިނާ އިން ވަނީ މާ ކުރިން އެފަދަ ފިޔަވަޅުތައް އަޅާފަ އެވެ. އަދި ޗައިނާއިން ފިކުރީ މުދާ ވަގަށް ނަގާ ކަމަށް ތުހުމަތުކޮށް، މިދިޔަ ޖުލައި މަހު އެމެރިކާއިން ވަނީ ހިއުސްޓަންގައި ހުރި ޗައިނާގެ ކޮންސިއުލޭޓު ބަންދުކޮށްފަ އެވެ. އަދި ރައްދެއްގެ ގޮތުން ޗައިނާއިން ވަނީ ޗަންގްދޫގައި ހުރި އެމެރިކާގެ ކޮންސިއުލޭޓު ބަންދުކޮށްފަ އެވެ.

އެ ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ ހަނގުރާމަ އާއި ދުނިޔޭގައި ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރިފައި ވަނީ ޗައިނާގެ ސަބަބުން ކަމަށް އެމެރިކާއިން ބުނަމުން ދިޔުން ހިމެނެ އެވެ. އަދި ޗައިނާއިން އެގައުމުގައި މުސްލިމުން ދިރިއުޅޭ ޝިންޖިއަންގުގަ އާއި ހޮންކޮންގުގައި އިންސާނީ ހައްގުތަކަށް އަރަމުންދާ ކަމަށް އެމެރިކާއިން ބުނެ، އެގައުމާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނެ އެވެ.

comment ކޮމެންޓް