ވިންޓާ އޮލިމްޕިކްސް ޗައިނާގައި ނުބޭއްވުމަށް ގޮވާލައިފި

ވިންޓާ އޮލިމްޕިކްސް ޗައިނާގައި ނުބޭއްވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ގޮވާލާފަ -- ފޮޓޯ: ގެޓީ

ހޮންކޮންގް (ސެޕްޓެމްބަރު 13): ދެހާސްބާވީސް ވަނަ އަހަރު ވިންޓާ އޮލިމްޕިކްސް ޗައިނާގައި ނުބޭއްވުމަށް ގޮވާލާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އަށް ފޮނުވި ސިޓީއެއްގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 160 އަށް ވުރެ ގިނަ ޖަމްއިއްޔާ އިން ސޮއިކޮށްފި އެވެ.

އައިއޯސީގެ ރައީސް ތޯމަސް ބާކްއަށް ފޮނުވި ސިޓީއެއްގައިވާ ގޮތުން ޗައިނާގެ ސަރުކާރުން ޝިންޖިއަންގާއި ޓިބެޓާއި ހޮންކޮންގާއި އިނާ މޮންގޯލިއާގައި އަމަލު ކުރާ ގޮތުން، އެއީ ވިންޓާ އޮލިމްޕިކްސް ބާއްވަން ހައްގު ނޫން ގައުމެއްކަން އެނގިގެންދެ އެވެ.

"ދެހާސް އަށް ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސް ޗައިނާގައި ބޭއްވުމުން އެގައުމުގެ އިންސާނީ ހައްގުތަކުގެ ރެކޯޑު ރަނގަޅު ވެގެން ދާނެ ކަމަށް އައިއޯސީން ގަބޫލު ކުރުމުން އެ ކޮމިޓީގެ އަގު ވަނީ ވެއްޓިފައި. އަދި އެ ޝަރަފު ދިނުމުން، [ކޮމިޓީން ހީކުރި ގޮތާ ހިލާފަށް] ޗައިނާގެ ސަރުކާރުގެ އަމަލުތަކަށް އިތުރަށް ހިތްވަރު ލިބުނީ. ވީމާ ކުރީގެ ކުށްތައް އިއާދަ ނުކުރުމަށް އަޅުގަނޑުމެން ގޮވާލަން،" ސިޓީގައިވެ އެވެ.

އެ ސިޓީއަށް ރައްދު ދެމުން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އޮލިމްޕިކް ގޭމްސް "ސިޔާސީ" ކުރަން ބަޔަކު މަސައްކަތް ކުރާތީ އެކަމަށް ދެކޮޅު ހަދާ ކަމަށް ބުނެފަ އެވެ. އަދި އައިއޯސީން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޓީން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ކަމަށާއި ވަކި ގައުމެއްގައި އޮލިމްޕިކް ގޭމްސް ބޭއްވުމުގެ މާނައަކީ އެ ގައުމެއްގައި އިންސާނީ ހައްގުތަކުގެ މިންގަނޑާ އައިއޯސީން އެއްބަސްވުން ނޫން ކަމަށް ބުނެފަ އެވެ.

ވިންޓާ އޮލިމްޕިކްސް ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވަން ހަމަޖެއްސީ 2015ގަ އެވެ. ނަމަވެސް އޭގެ ފަހުން އެ ކުޅިވަރުތައް ބޯއިކޮޓް ކުރުމަށް ގޮވާލުން ވަނީ އިތުރުވެފަ އެވެ.

ޗައިނާގެ ޝިންޖިއަންގުގެ އާބާދީ 25 މިލިއަނަށް އަރާ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އަދި ދެހާސް އަށާރަ ވަނަ އަހަރު އދ.އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޗައިނާއިން ވަނީ ޝިންޖިއަންގުގެ 1.1 މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޔަރުކޮށް، ގައިދުހާނާތަކަށް ލައިފަ އެވެ. އަދި ބައެއް ފަހަރު އެމީހުން އެތައް މަހަކަށް ނުވަތަ އަހަރުތަކަށް ވެސް އެގައިދުހާނާތަކުގައި ބައިތިއްބަ އެވެ. ނަމަވެސް ޗައިނާ އިން ވަނީ އެ ގައިދުހާނާތަކަކީ މީހުން "ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް" ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕުތަކެއް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން މިދިޔަ ޖޫން މަހު ޗައިނާއިން ވަނީ ހޮންކޮންގުގައި ތަންފީޒު ކުރާނެ އަމަނާ ބެހޭ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގައި ހިޔާލު ފާޅު ކުރުމާއި އެހެނިހެން އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމަށް އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް