ތާލިބާނުންނާއި އަފްގާން ސަރުކާރުން ސުލްހައިގެ މަޝްވަރާތައް ފަށައިފިި

އަފްގާން ސަރުކާރާ ތަލިބާނުންނާ ދެމެދު ގަތަރުގައި ކުރިއަށްގެންދާ ވާހަކަތަކުގެ ތެރެއިން---

ތާލިބާނުންނާއި އަފްގާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުން އެގައުމުގެ ޒަމާންވީ ހަނގުރާމަ ނިންމުމަށް ފުރަތަމަ ފަހަރަށް ސުލްހައިގެ މަޝްވަރާތައް އިއްޔެ ފަށައިފިި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އެ ވާހަކަތަކުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯވެސް ވަނީ ބައިވެރިވެލައްވައިފަ އެވެ.

"ކޮންމެ ބައެއްގެވެސް ޒިންމާއެއްވޭ. ބައިބައިވުން ނައްތާލަން މިހާރު މިއޮތީ ފުރުސަތެއް ލިބިފައި" ޕޮމްޕޭއޯ ވިދާޅުވި އެވެ.

ސުުލްހައިގެ ވާހަކަތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާކަމެއްކަމަށް ބައެއް ބޭފުޅުން ދަނި ސިފަކުރައްވަމުންނެވެ.

އިއްޔެ ވާހަކަތައް ފާޅުގައި ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި ސިއްރު އެތަކެއް މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

އެ ވާހަކަތަކުގައި ހަމަލާތައް ދާއިމީކޮށް ދިނުން ހުއްޓާލުމާއި، އަންހެނުންނާއި އެހެނިހެން މައިނޯރިޓީތަކުގެ ހައްގުތަކާއި ތަލިބާން ހަނގުރާމަވެރިން އަމާންދިނުމާއި ސަރުކާރަށް ވަފާތެރިި ބޮޑެތި ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރުތައް އަތުލުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.

އެ މަޝްވަރާތަކުގައި އަފްގާނިސްތާނުގެ ސަރުކާރުގެ ފަރާތުން ހަތަރު އަންހެން ބޭފުޅުންވެސް ބައިވެރިވެލައްވަ އެވެ. އެހެންކަމުން މަޝްވަރާތަކުގައި އަންހެނުންނަށް ތައުލީމް ލިބިގަތުމާއި ސިޔާސީ ދާއިރާގައި އަންހެނުން ޝާމިލްވުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ދާނެއެވެ. މީގެ ކުރިން ތަލިބާނުން ވެރިކަންކުރިއިރު އަންހެނުންނަށް އެފަދަ ފުރުސަތުތައް ދީފައެއް ނުވެ އެވެ.

ތަލިބާނުންގެ ވެރިކަން ވެއްޓުނީ އެމެރިކާއިން އެގައުމު 2001 ވަނަ އަހަރު ހިފުމުންނެވެ. އެމެރިކާއިން ތުހުމަތުކުރިގޮތުގައި އެގައުމުގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާގެ މުގުލުގައި ހުރީ އޮސާމާ ބިން ލާދިންއެވެ. އޭރު ބިން ލާދިން އުޅެމުންދިޔައީ އަފްގާނިސްތާނުގައެވެ. -- އޭޕީ

comment ކޮމެންޓް