ވީޑިއޯ: ސިޒޭރިއަންއަށްފަހު ކުރަންވީ ކަސްރަތުތައް

ވިހެއުމަށް ކިތަންމެ ތައްޔާރުވިޔަސް، ފަހު ގަޑީގައި ދިމާވާ ކޮންމެވެސް މައްސަލައަކާ ގުޅިގެން ސިޒޭރިއަންއެއް ހަދަން ޖެހެނީ މަދު ބައެއް ނޫނެވެ. ނޫނީ މާބަނޑު ދުވަސްވަރު ދިމާވާ ވަކި ހާއްސަ ހާލަތެއްގެ ސަބަބުން ވެސް ބައެއްފަހަރު ސިޒޭރިއަންއެއް ހަދަން ޖެހޭ އިރު، ގިނަ މަންމައިންނަށް މިއީ ވަރަށް "ބިރުވެރި" ކަމެކެވެ.

ސަބަބަކަށްވަނީ ވިހެއުމަށްފަހު ހަށިގަނޑު ރިކަވާ ވާން ވަރަށް ކުޑަ މުއްދަތެއް ނެގި ނަމަވެސް، ސިޒޭރިއަންއަކަށް ފަހު އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ދިއުމަށް ހޭދަކުރަންޖެހޭ ވަގުތު ގިނަވެފައި، ރިހުންވެސް ބޮޑުކަމުންނެވެ. މި ދުވަސްވަރަކީ ހަށިގަނޑަށް ވަރަށް ބަލައިގެން އުޅެންޖެހޭ ދުވަސްތަކަކަށް ވާއިރު، ހަށިގަނޑުގެ މަސްތަކަށްވެސް ވަރަށް ފަރުވާތެރިކަމާއެކު އަޅާލަންޖެހެ އެވެ.

ފުރަބަންދު ވޯކްއައުޓްގެ ހަތްވަނަ އެޕިސޯޑަކީ މިހާތަނަށް އެންމެ ގިނަފަރާތްތަކަކުން އެދެމުން އައި އެއް އެޕިސޯޑެވެ. ސިޒޭރިއަންއަކަށްފަހު ކުރާނެ ކަސްރަތުތަކެކެވެ. މި ކަސްރަތުތައް ވެސް މި ގެނެސްދެނީ ގެޓް ފިޓް ވިތް ރަންގެ ޓީމް ހިންގަމުން އަންނަ ރަނާ އެވެ.

މި އެޕިސޯޑުގައި މި ހިމެނެނީ ހަތަރު ކަސްރަތެކެވެ. އެއީ؛

  • ކްލެއިމްސް
  • ޕެލްވިކް ޓިލްޓްސް
  • ޓޯ ޓިޕްސް/ޓޯ ޓެޕްސް
  • ހީލް ޑްރެގްސް

މި ކަސްރަތުތައް ކުރުން އެންމެ އެދެވިގެންވަނީ ސިޒޭރިއަންއަށް ހަ ހަފްތާ ފުރުމުންނެވެ. މިއީ، ބަނޑުގެ މަސްތަކަށް އެހާ ޕްރެޝާނުކޮށް ޕެލްވިކް ފްލޯއަށާއި، ފަލަމަސްގަނޑުގެ އެކި ސަރަހައްދުތައް ވަރުގަދަކޮށްދޭނެ ކަސްރަތުތަކެކެވެ.

މި ކަސްރަތުތައް ކުރުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ރަނާ ފާހަގަކުރީ ރަނގަޅަށް ނޭވާލުމެވެ.

ސިޒޭރިއަންއަށްފަހު އަލަށް ކަސްރަތު ކުރަން ފަށާއިރު 10 ގެ ދެ ސެޓް ކުރުން ރަނގަޅުވާނެ އެވެ. އަދި ހަށިގަނޑު ފިޓް ވަމުންދާ ވަރަކަށް އިތުރކުރަމުންގޮސް 15 ގެ ތިން ސެޓްވެސް ހެދިދާނެ އެވެ.

ސިޒޭރިއަން އަކަށްފަހުވެސް ކަސްރަތުކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ގިނަފަހަަރަށް ވިހައިގެން ނުވަތަ ސިޒޭރިއަން ހެދުމަށްފަހު ވެސް މަންމައިންނަށް އެމީހުންގެ ހަށިގަނޑަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ވަރު ދެރަވެ އެވެ. އަދި އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ހުރެ އެވެ.

comment ކޮމެންޓް