އެއްވުމުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވީ ފުލުހުންގެ ސަބަބުން: އިދިކޮޅު

މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާވެފައިވަނީ ފުލުހުންގެ އަމަލުތަކުގެ ސަބަބުން ކަމަށް އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ އިސްވެރިންނާއި ކައުންސިލް މެމްބަރުން އަދި އާންމު މެމްބަރުންވެސް ބައިވެރިވި އެ އެއްވުމަކީ، ޕީޕީއެމް އިން އިމްތިޒާމް ކުރި މުޒާހަރާއެއް ނޫން ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އެއްވުން ހުއްޓުވައި ހުއްޓުވައި ފުލުހުން ވަނީ 41 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން އެއްވުމުގެ ބައިވެރިން ހައްޔަރުކުރުމުން އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނުގައު ބުނީ، ޒުވާނުން އިސްނަގައިގެން މާލޭގައި ބޭއްވި އެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރޭވުނު ހަރަކާތެއް ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ހުރަސް އެޅީ ފުލުހުން ކަމަށް އިދިކޮޅު ބަޔާނުގައި ބުނެއެވެ.

"ޒުވާނުން ވަރަށް ސުލްހަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރު ކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން މި މިންގަނޑުތަކާ ހިލާފުވެފައިވާތީ ކަންބޮޑުވަމެވެ."އިދިކޮޅުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުން ތިބިކަން ފާހަގަކޮށް، ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށްވެސް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އޭގެ އިތުރުން "ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތައް" ނުހުއްޓުވުމަށާއި ގާނޫނުއަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށްވެސް އިދިކޮޅުން ސަރުކާރަށް ގޮވާލާފައިވެއެވެ.

ފުލުހުން މިއަދު ބުނީ، 41 މީހުން ހައްޔަރުކޮށްފައި ވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އެއްވުމާ ގުޅިގެން ކަމަށެވެ.

އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްތާކަށް ޖަމާނުވުމަށް އެޗްްޕީއޭ އިން ވަނީ އަންގާފައެވެ.

އިދިކޮޅު ލީޑާޝިޕްގެ ބައިވެރިވުމާއެކި އެންމެ ފުރަމަ އިމްތިޒާމްކުރީ ސައިކަލު ބުރެކެވެ. އެހެން ނަމަވެސް މިއަދު ފުލުހުން އެކަމަށް ފުރުސަތު ނުދިނުމުން ސައިކަލު ބުރުގެ ބަދަލުގައި ހިނގާލުމަަށް ބަދަލު ކުރިއެވެ. އަދި ފުލުހުން ވަނީ ހިނގާލުމަށްވެސް ފުރުސަތު ނުދީ ހުއްޓުވާފަ އެވެ.

ފުލުހުން ވަނީ މިއަދު މީގެ ކުރިންވެސް އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ދީފައެވެ. ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ބެލުމެއްނެތި އެއްވުންތައް ބާއްވާނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އޭރު ފުލުހުން އިލްތިމާސް ކުރިއެވެ.

comment ކޮމެންޓް