މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ---

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު އެ ކައުންސިލްގެ 13 މެމްބަރުންގެ މި ދައުރުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރުމަހަށް ހަމަވާނެއެވެ.

އެ ކައުންސިލްގެ އިންތިހާބް އެންމެ ފަހުން ބާއްވައިފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުއެވެ. ދެން އޮންނަ ކައުންސިލްގެ އިންތިހާބް ބާއްވާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްއަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ މީޑިއާތަކުން ތަމްސީލްކުރާ ހަތް މެމްބަރުންނާއި އާންމުންގެ ހަ މަގާމަށް މެމްބަރުން އައްޔަނު ކުރުމަށެވެ.

އޭގެ ތެރެއިން އާންމު މެމްބަރުންގެ ގޮތުގައި އިންތިހާބްކުރާނީ މީޑިއާއާ ގުޅުންހުރުި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވެ 18 އަހަރު ފުރި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީކުރުމުގެ އެއްވެސް ކުށެއް ސާބިތުވެފަިއ ނުވުމާއި ފާއިތުުވި އަހަރުތެރޭ ނޫސްމަޖައްލާއެއްގައި ލިޔެފައިވާ އެއްޗަކާ ގުޅިގެން އެއްވެސް ކުށެއް ސާބިތުވެފައިނުވުން ހިމެނެއެވެ.

މީޑިއާ ކައުންސިލްގެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21ގެ ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ފޯމާއާއި އެހެނިހެން ލިޔުންތައް ހޯމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެއްކޮށްލުމަށް ހަދަން ޖެހޭ ގާނޫނު ހެދުމަށްޓަކައި އޭޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން އެކުލަވާލަން ޖެހޭ ބިލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ދިނުމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.

މީޑިއާތައް ރެގިއުލޭޓް ކުރުމަށް މީހާރު އޮންނަ ދެ މުއަސަސާއަކީ، ބްރޯޑްކާސްޓިން ކޮމިޝަންއާއި މީޑިއާ ކައުންސިލެވެ. ނަމަވެސް ރާއްޖޭގެ މީޑިއާތައް ބެލެހެއްޓުމަށް ދެ މުއަސަސާ އޮންނަން ނުޖެހޭ ކަމަށާއި އޮންނަންޖެހޭނީ އިންތިޚާބީ އެއް މުއައްސަސާ ކަމަށް މޯލްޑްވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިދިޔަ އަހަރު ވަނީ ބުނެފައެވެ.

comment ކޮމެންޓް