އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ރައީސް ނަޝީދު ވަސީލަތްތައް ބޭނުމެއް ނުކުރޭ: ހަސަން ލަތީފް

އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕަޓީގެ އުސޫލުތަކާ ހިލާފަށް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަސީލަތްތައް ބޭނުން ނުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފު މިގޮތަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރި ޝުއައިބު އަލީ އޭނައަށް ފޮނުވި ސިޓީގެ ޖަވާބުގައެވެ.

ޝުއައިބު ހަސަން ލަތީފަށް ފޮނުވި ސީޓީގައި އެދިފައިވަނީ، ރައީސް ނަޝީދު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ތަކުރާރުކޮށް ފޯރުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވުމަށެވެ.

ޝުއައިބުގެ ސިޓީއާ ގުޅިގެން ހަސަން ލަތީފު އިއްޔެ ފޮނުވި ޖަވާބު ސިޓީގައި ބުނެފައި ވަނީ، ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދު އަޅުގަނޑަށް ފޮނުވި ސިޓީފުޅުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންފައިވާ ކަންކަން ކުރުމުގައި، ޕާޓީގެ އުސޫލުތަކާ ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ކުރަން ނުޖެހޭ ކަމަށާއި އަދި ބޭނުން ނުކުރާ ކަމުގައި ދަންނަވަން،" ހަސަން ލަތީފުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ހަސަން ލަތީފު އެގޮތަށް ވިދާޅުވީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އަންގާރަ ދުވަހު ރައީސް ނަޝީދު އޭނާއަށް ފޮނުވި ސިޓީއަށް ރިއާޔަތް ކޮށެވެ. އެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށް ޓަކައި ކަމަށާއި އެއީ ޒާތީ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޝުއައިބުގެ ސިޓީގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ޝުއައިބުގެ ސިޓީގައި ބުނެފައިވެއެވެ. އަދި ޕާޓީގެ "ރޫޙާނީ ލީޑަރު"ގެ އުސޫލުތަކާއި ހަމަތަކާއި ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ސިޓީގައި ބުނެފައިވެއެވެ.

https://sun.mv/142880

ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރަން އޭނާ ނުރުހޭ ކަމަށް ޝުއައުބުގެ ސިޓީގައި ބުނެފައިވެއެވެ.

ހަސަން ލަތީފުގެ ސިޓީގައި ޝުއައިބަށް ވިދާޅުވީ، ރައީސް ނަޝީދުގެ އެ ސިޓީފުޅަކީ އެމަނިކުފާނު އަމިއްލަ ހަސިއްޔަތުން ފޮނުއްވެވެވި ސިޓީއެއް ނޫން ކަމަށާއި އެ ސިޓީފުޅަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ރައީސްގެ ހިޔާލުފުޅު ހިމަނައި، ލިޔުއްވާފައިވާ ރަސްމީ ސިޓީއެއް ކަމަށެވެ.

"މި ޕާޓީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމެވެ. ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާ ކުރާ އިސްފަރާތެވެ. އެހެން ކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެވެ" ހަސަން ލަތީފު ޝުއައިބަށް ފޮނުއްވި ސިޓީ ނިންމާލަމުން ބުނެފައިވެއެވެ.

އެމްޑިޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ޕާޓީ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހަކެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އެވެ.

އެހެން ނަމަވެސް އެއީ ރައިސުލްޖުމްހޫރިއްޔާ އަކީ ޕާޓީގެ އެންމެ އިސް މަގާމުކަމެއް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި ނުވެއެވެ. އަސާސީ ގަވައިދުގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން ޕާޓީގެ އެންމެ އިސް މަގާމަކީ، ޕާޓީގެ ރައީސްއެވެ. އަދި އޭނާއަކީ، ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާ ކުރާ އެންމެ އިސްފަރާތްކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

https://sun.mv/142832

comment ކޮމެންޓް