ސަރަހައްދީ ރޮނގުން ސިފައިން ފަހަތަށް ޖައްސައި އެއްބަސްވުންތަކަށް އިހުތިރާމް ކުރުމަށް އިންޑިއާ އެއްބަސްވެއްޖެ

ރަޝިއާގެ ޚާރިޖީ ވަޒީރުގެ ބެއްލެވުމުގެ ދަށުން މޮސްކޯގައި ޗައިނާއާއި އިންޑިއާގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރެއްވުމަށްފަހު ތިން ބޭފުޅުން އެކުގައި ނަގާފައިވާ ފޮޓޯއެއް

މޮސްކޯ (ސެޕްޓެމްބަރު 11) : އިންޑިއާއާއި ޗައިނާއާ ދެމެދު ސަރަހައްދީ ރޮނގުގެ އަރާރުން އުފެދިފައިވާ ލަދަކް ސަރަހައްދަށް ޖަމާކުރި އިންޑިއާގެ ސިފައިން އަނބުރައި ގެންގޮސް ސަރަހައްދީ ރޮނގާބެހޭ ގޮތުން ކުރިން ދެގައުމުން ވެފައިވާ އެއްބަސްވުމަށް އިހްތިރާމު ކުރުމަށް އިންޑިއާ އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

އިންޑިއާ މިކަމަށް އެއްބަސްވީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިޔަށްދާ "ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން" ޖަމާއަތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އަރިމަތީގައި އިންޑިއާ އާއި ޗައިނާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި ކުރެއްވި ޚާއްސަ މަޝްވަރާތަކެއްގަ އެވެ. ރަޝިއާއިން އިންތިޒާމުކޮށްދިން މިމަޝްވަރާތަކަށް ފަހު ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނާ ހަވާލާދީ ޗައިނާގެ ޚާރިޖިއްޔާ އިން ބުނެފައި ވަނީ ލަދަކް ސަރަހައްދަށް ޖަމާކޮށްފައިވާ އިންޑިއާގެ ސިފައިން އަނބުރައި ގެންދިޔުމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަ ޝަންކަރު އެއްބަސްވެ ވަޑައިގެންނެވި ކަމުގަ އެވެ.

އަދި ސަރަހައްދީ ރޮނގުގައި ތިބޭ ދެގައުމުގެ ސިފައިން އެކަށީގެންވާ ދުރުމިނެއްގައި ބޭތިއްބުމަށާއި މަސްރަހު ހޫނުވާ ފަދަ އަމަލެއް އެއްވެސް ގައުމަކުން ނުހިންގުމަށް ދެ ގައުމުގެ ޚާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ސަރަހައްދީ ރޮނގު ކައިރީގައި މިހާރު އޮތްފަދަ ހޫނު ހާލަތަކަށް ދާގޮތަށް އަމަލުކުރުމަކީ ދެގައުމުންކުރެ އެއް ގައުމަކަށް ވެސް ފައިދާ ހުރި ގޮތެއްނޫން ކަމަށް ވެސް އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރާއި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ އެއްބަސްވެ ވަޑައިގެންނެވި ކަމަށް ވެސް ގުޅިފައިވާ ބަޔާން ބުނެ އެވެ.

އިންޑިއާގެ ޚާރިޖިއްޔާ އިން ވެސް ވަނީ ސަރަހައްދީ ރޮނގު ހޫނުވާ ފަދަ އަމަލެއް އިންޑިއާއިން ވެސް އަދި ޗައިނާއިން ވެސް ނުހިންގުމަށް ދެގައުމުގެ ޚާރިޖީ ވަޒީރުން މޮސްކޯގައި ބޭއްވި ބައްދަލު ކުރެއްވުމުގައި އެއްބަސްވެ ވަޑައިގެންނެވިކަން ކަށަވަރު ކޮށްދީފަ އެވެ.

މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު ލަދަކް ސަރަހައްދުގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެ 34 މީހުން ޒަޚަމްވި ކަމަށް އިންޑިއާ އެއްބަސްވެފައިވެ އެވެ. އެ މައްސަލާގައި ކަންބޮޑުވެ ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އިންޑިއާ ސިފައިން ސަރަހައްދީ ރޮނގުގައި އޮހޮރުވާލި ލެއަކީ އިންޑިއާގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ޓަކައި އޮހޮރުވާލި ލެއެއްކަމަށާއި އެއީ ބޮޑު ގުރުބާނީ އެއްކަމަށް ވިދާޅުވެ ސިފައިންގެ އެ ގުރުބާނީ ބޭކާރުވެގެން ނުދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ކުރިމަތިލުންތަކަށް ފަހު ޗައިނާ ވަނީ ސަރަހައްދީ ރޮނގައި މައްސަލަ އުފެދިފައިވާ ތަންތަނަށް ސިފައިން ޖަމާނުކޮށް މައިތިރިވެ އޮތުމަށް އިންޑިއާއަށް ގޮވާލައިފަ އެވެ. އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންގެ މެދުގައި އެ ކުރިމަތިލުންތައް ހިނގީ ގަޔަށް އަތްލައި ތަޅާފޮޅައިގެންނާއި އޮއްގަލާއި ލަޓިބުރިއާއި އެނޫން ވެސް ތަކެތި ބޭނުންކޮށްގެންނެވެ. ބަޑިފަދަ ހަތިޔާރު ބޭނުންކޮށްގެނެއްނޫނެވެ.

އެ ކުރިމަތިލުންތައް ހިނގީ އިންޑިއާ އިން ލަދަކް ސަރަހައްދަށް ސިފައިން ފޮނުވުމުގެ ނަތީޖާއެއްގެ ގޮތުންކަމަށްވާ އިރު އެއީ އެމެރިކާ އަޑީގައި އޮވެގެން ޗައިނާއާ ދެކޮޅަށް އިންޑިއާ ލައްވައި ކުރިވި ކަމެއްކަމަށް އެދުވަސްވަރުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ. އެއަށް ފަހު އަނެއްކާ މި ދިޔަ ހޯމަ ދުވަހު ޗައިނާ ވަނީ އިންޑިއާ އިން ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިން ޖަމާކޮށް އޭގެތެރެއިން އެއްބަޔަކު ސަރަހައްދީ ރޮނގު ބަލަހައްޓާ ޗައިނާ ސިފައިންނަށް އަމާޒުކޮށް، ބަޑީގެ އިންޒާރުތަކެއް ދިންކަމަށް ތުހުމަތު ކޮށްފަ އެވެ. މި ތުހުމަތުތަކާ އެކު ޗައިނާގެ ޚާރިޖިއްޔާ އިން ވަނީ މައްސަލަ ޖެހިފައިވާ އެސަރަހައްދުން އިންޑިއާ ސިފައިން ދުރަށް ނުޖައްސާނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ދީފަ އެވެ.

ސަރަހައްދީ ރޮނގުގައި މައްސަލަ އުފެދިފައިވާ ސަރަހައްދަށް މިފަހަރު ވެސް އިންޑިއާ އިން ސިފައިން ފޮނުވައި އިންޑިއާ އިން ޗައިނާ ސިފައިންނަށް ބިރު ދެއްކުމުގެ އަމަލު މިހިންގީ އެމެރިކާގެ ދަލުގައި ޖެހިގެންކަމަށާއި ޗައިނާއާ ދެކޮޅަށް އިންޑިއާ ހިންގާ ކަންތަކަށް ފަހަތުގައި ވަނީ ސީދާ އެމެރިކާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މޮސްކޯގައި ބޭއްވި ޝެންހާއި ކޯޕަރޭޝަންގެ އަރިމަތީގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވަނީ ޗައިނާއާ ދެކޮޅަށް އިންޑިއާ ލައްވައި އެމެރިކާ ކުރުވާ ކަންކަމުގެ ނުރައްކާތެރިކަމާއި އެއީ އިންޑިއާއަށް މަސްލަހަތު ހުރިކަންތައް ނޫންކަން އިންޑިއާގެ ޚާރިޖީ ވަޒީރަށް ވިސްނައި ދެއްވާފައި ކަމަށް މިމައްސަލައާ ބެޙޭ ގޮތުން "ރަޝިއާ ޓުޑޭ"ގައި ވާހަކަ ދެއްކެވި މުހައްލިލަކު ވިދާޅުވެފައިވެ އެވެ.

އިންޑިއިން ސިފައިން ފޮނުވުމާ ގުޅިގެން އެގައުމާއި ޗައިނާގެ ސަރަހައްދީ ރޮނގުގައި އުފެދިފައިވާ ހޫނުކަން ކުޑަކުރުމަށް ޓަކައި އިންޑިއާގެ ޚާރިޖީ ވަޒީރާ އެކު ޗައިނާ އިން އެއްބަސްވުމަކަށް އައިސް ސަރަހައްދީ ރޮނގުން އިންޑިއާ ސިފައިން ދުރައްޖެއްސުމަށް އިންޑިއާ ދެވަނަ ފަހަރަށް އެއްބަސްވި ނަމަވެސް މިކަން މިގޮތަށް ކުރިޔަށް ނުދާ ނަމަ އިންޑިއާގެ މިފަދަ އަމަލުތަކާ ދެކޮޅަށް މުސްތަގްބަލްގައި އަސްކަރީ ބާރުގެ ބޭނުން ކުރަންޖެހިދާނެކަމުގެ އިންޒާރު ޗައިނާގެ ޚާރިޖީ ވަޒީރު އިންޑިއާގެ ޚާރިޖީ ވަޒީރަށް ދެއްވި ކަމަށް "ރަޝިއާ ޓުޑޭ" ބުނެ އެވެ.

ޗައިނާގެ މީޑިއާ ތުހުމަތު ކުރާގޮތުގައި މިފަހަކަށް އައިސް ސަރަހައްދީ ރޮނގުގައި ޗައިނާއާ ދެކޮޅަށް ތަކުރާރުކޮށް އިންޑިއާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ފަހަތުގައިވަނީ ދެކަމެކެވެ. އެއްކަމަކީ ކޮވިޑް-19 ކޮންޓްރޯލްް ކުރުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރު ފެއިލް ވުމާއި އެކަމުގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްސަލައިގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމެވެ. ޗައިނާއާ ކުރިމަތިލުމަކަށް ދިޔުމަކީ އިންޑިއާގެ އާންމުންގެ ޖޯޝު ހިލިގަންނާނެ ކަމެވެ. އަނެއް ކަމަކީ އެމެރިކާގެ ނުބައި ވަސްވާސްތަކެވެ. ނަމަވެސް މި ކުރިމަތިލުންތަކުން މިހާތަނަށް އިންޑިއާއަށް ކުރިމަތިވެފައި ވަނީ ގެއްލުމެވެ.

(އާރުޓީ + ނޫސްއެޖެންސީތައް)

comment ކޮމެންޓް