ޔުނެސްކޯ ނެޓްވޯކް ޗެއާއެއް އެވިޑް ކޮލެޖުގައި ގާއިމުކޮށްފި

އދ ގެ ދެމެހެއްޓެނިވި ތަރައްގީ އެޖެންޑާ 2030 ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޔުނެސްކޯގެ ފަރާތުން ކުރާ މަސައްކަތްތަކުގެ ތެރެއިން މެމްބަރު ގައުމުތަކުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މެދުގައި ފަންނީ މައުލޫމާތާއި، ދިރާސާއާއި ތަޖުރިބާ ހިއްސާކޮށް، ގުޅުން ބަދަހިކޮށް އަދި ކުރިއެރުން ހާސިލުކޮށްދިނުމުގެ މަގުސަދުގައި އުފައްދާ ޔުނެސްކޯ ޗެއާގެ ނެޓްވޯކް ޗެއާއެއް އެވިޑް ކޮލެޖުގައި ގާއިމުކޮށްފިއެވެ.

މި ޗެއާ އަކީ ބެލްގޮރޮޑް ޔުނިވާސިޓީ އޮފް ކޯޕަރޭޝަން، އިކޮނޮމިކްސް އެންޑް ލޯ ގައި ގާއިމުކޮށްފައިވާ ޔުނެސްކޯ ޗެއާ އޮން "އެޑިޔުކޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އޮފް ކޯޕަރޭޓިވްސް" ގެ ނެޓްވޯކް ޗެއާ އެއް ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

އެ ޔުނިވާސިޓީއާއި އެވިޑް ކޮލެޖާއި ދެމެދުވަނީ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކުރެވި އެކަޑެމިކް ޕްރޮގްރާމްތައް އުފެއްދުމާއި ދިރާސާކުރުމުގެ މަސައްކަތްތައް ކުރަންފަށާފައެވެ.

އެވިޑް ކޮލެޖްގައި ގާއިމުކުރެވުނީ ޔުނެސްކޯ ނެޓްވޯކް ޗެއާ އޮން " އޮންޓްރޮޕްރެނުއަޝިޕް އެންޑް ލީޑަޝިޕް ޑިވެލޮޕްމަންޓް" ގެ ނަމުގައި ކަމަށް އެ ކޮލެޖުން ބުންޏެވެ.

އަދި އެއީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކޮށްދެއްވާފައިވާ ހިދުމަތާއި ވިޔަފާރީގެ ދާއިރާއިން ހާސިލުކުރައްވާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން އެފަރާތަށް ހާއްސަ ކުރެވުނު ނެޓްވޯކް ޗެއާއެއް ކަމަށް ވެސް ބުނެފައިވެއެވެ.

ޔުނެސްކޯ ޗެއާގެ ވިއުގާގައި މިހާތަނަށް 110 މެމްބަރު ގައުމުގައި 830 އަށްވުރެ ގިނަ ޗެއާ ގާއިމްކޮށްފައި ވެއެވެ. މިއީ ޔުނެސްކޯ ނެޓްވޯކް ޗެއާ އެއް ރާއްޖޭގައި ގާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.

އެވިޑް ކޮލެޖުން ބުނީ، މި ޗެއާގެ ވިއުގައި ހިމެނޭ އެހެން ގައުމުތަކުގެ ޔުނިވާސިޓީތަކާ ގުޅިގެން ރާއްޖޭގައި އިންޓަނޭޝަނަލް ކޮންފަރެންސް ބޭއްވުމާއި އެވިޑް ކޮލެޖުގެ ރިސާޗް ޖާނަލްއެއް ނެރުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އެވިޑް ކޮލެޖުން ކުރާ މަސައްކަތުގައި އެ ޔުނިވާސިޓީތަކުގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

އެވިޑް ކޮލެޖަކީ މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން ތަފާތު ކޯސްތަކުގައި މަތީ ތައުލީމު ހާސިލްކުރަމުންގެންދާ ރާއްޖޭގައި ހިންގާ އަމިއްލަ، އެންމެބޮޑު އެއް ކޮލެޖެވެ.

comment ކޮމެންޓް