ބީވީއައިއެސްއެމް އަށް ދިރާގުގެ ފޯނުު މީޓިން ހިދުމަތް މިއަހަރުވެސް ހިލޭ

ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުގެ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް، "ފޯންމީޓިން 130"، ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭން ނިންމައިފި އެވެ.

ދިރާގުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާ އަށް މި ހިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ހިދުމަތްތަކެވެ.

އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވާއިރު، ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާތީ ދިރާގުން މި ހިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް ދިރާގުން ބުންޏެވެ

މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ 200 ޖަމިއްޔާގެ މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާ ކަމަށްވެސް ދިރާގުން ބުންޏެވެ

ބީވީއައިއެސްއެމް އަކީ އަހަރުތެރޭގައި ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން މި ހިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދެއެވެ.

ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީވީއައިއެސްއެމް އިން މި ހިދުމަތް ބޭނުންކުރެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެ ޖަމްއިއްޔާ އިން ވަނީ މި ހިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި އަދި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮވިޑް19ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައިވެސް ބީވީއައިއެސްއެމް ވަނީ މި ދިރާގުން ދޭ މިދުމަތް މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިއެވެ. ހާއްސަކޮށް ކޮވިޑް 19 އާއި ގުޅިގެން ބީވީއައިއެސްއެމް އިން ވަނީ ސިއްހީ ހޭލުން ތެރިކަން އިތުރުކޮށް އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިއެވެ.

ދިރާގުން ބުނީ ބީވީއައިއެސްއެމް އަށް މި ހިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ދިރާގުގެ އަމާޒަކީ މުސްތަގުބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް