ރެޖިސްޓްރީ އުވާލައި ބިލް ނުދައްކާތީ ވެމްކޯ އާމްދަނީ ދަށަށް

ވެމްކޯގެ މަސައްކަތާ ގުޅޭގޮތުުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ގޭބިސީތަކުން ވެމްކޯއަށް ވެފައިވާ ރެޖިސްޓްރީ އުވާލައި ބިލް ކެންސަލުކުރުމުން އެކުންފުންޏަށް ގޭބިސީތަކުން ލިބޭ އާމްދަނީ 50 ޕަސެންޓް ދަށްވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެންވެސް ހުއްޓުމެއް ނެތި ހިދުމަތް ފޯރުކޮށްދެމުން ދިޔަ ކުންފުންޏެއް ކަމަށްވާ ވެމްކޯ އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު ހިދުމަތް ފޯރުކޮށްދެމުންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ.

ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ހާލަތަށް ބަލައި ކޮންމެ ގޭބިސީއަކުން ކުނި ނެގުން ހުއްޓާލާފައިވާ ކަމަށެވެ. އެގޮތަށް ކަންތައް ކޮށްފައިވަނީ ރައްކާތެރި ކަމަށް ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ނިންމާފައި އޮތީ ކޮންމެ ގޭބިސީއަކުން ބޭރަށް ކުނި ނެރޭ ގޮތަށް. އެ ހިސާބުން ވެމްކޯއިން ކުރިއަށް ގެންދާގޮތަށް،" އާދަމް މުހައްމަދު ވިދާޅުވިއެވެ.

ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

ވައިރަސްއާ ގުޅިގެން ދިމާވި ދަތިތަކަށް ބަލައި ރެޖިސްޓާ ކޮށްފައި އަދި ނުކޮށް ހުރި ގޭބިސީތަކުންވެސް ކުނި ނަގާގޮތަށް ވަނީ ވެމްކޯއިން ލުއި ދީފައެވެ. އެއާ ގުޅިގެން ގިނަ ބަޔަކު ވަނީ ރެޖިސްޓްރީ އުވާލައި ނުވަތަ ބިލިން ކެންސަލުކޮށްލައި ބޭރަށް ކުނި ނެރެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ސަބަބުން ހައުސްހޯލްޑުން ލިބޭ އާމްދަނީ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ކުޑަވެފައި. އަޅުގަނޑުމެންގެ އެދުމަކީ އެގޮތަށް ކަންތައް ނުކުރެއްވުން،" އެމްޑީ ވިދާޅުވިއެވެ.

މަގުމައްޗަށް ކުނި ނެރޭއިރުގައިވެސް ބައެއް ކަންތައްތަކަށް ސަމާލުވުމަށް އާދަމް މުހައްމަދު އިލްތިމާސްކުރެއްވިއެވެ. އެގޮތުން މަގުމައްޗަށް ކުުނި ނެރޭއިރު އެކުންޏަކީ ކޮތަޅުން ލީކު ނުވާގޮތަށް ބެހެއްޓިފައިވާ ކުންޏަށް ހެދުމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ ވޭސްޓް ކަލެކްޝަން މޭނޭޖަރު މުހައްމަދު ޝާން ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ : ފަޔާޒު މޫސާ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ ވޭސްޓް ކަލެކްޝަން މޭނޭޖަރު މުހައްމަދު ޝާން ވިދާޅުވީ ވެމްކޯ އިން ދަނީ އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށެވެ.

އެހެންނަމަވެސް ކުނި ނަގަން ކަނޑައަޅާފައިވާ ވަގުތުތައް ނޫން ވަގުތު ތަކުގައި ބައެއް ފަރާތްތަކުން މަގުމައްޗަށް ކުނި ނެރޭ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ރޭގަނޑު އަދި ދަނވަރުގައި ކުނި ނެރޭ ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް ޝާން ވަނީ އިލްތިމާސްކުރައްވާފައެވެ.

comment ކޮމެންޓް