ދައިރާތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭތީ ދެ ވަޒީރަކާ ސުވާލު ކުރަން ހުށަހަޅައިފި

ސަރުކާރުގެ ޕްރޮޖެކްޓްތައް ސޮއި ކުރުމުގައި ދައިރާތަކާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ، ދެ ވަޒީރަކާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މެމްބަރު ސިރާޖު ހުށަހެޅުއްވީ، ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލު ކުރުމަށެވެ.

ސިރާޖުގެ ކަންބޮޑުވުމަކީ، އޭނާ ނިސްބަތްވާ ދާއިރާ، ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނިކޮށް، އެ މަޝްރޫއުގައި ސޮއި ނުކޮށް، ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގައި ސޮއި ކޮށްފައިވާތީއެވެ.

އޭނާ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި ދާއިރާތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލަންޖެހޭ ކަމަށެވެ.

ވަކި ވަކި ވަކިން ދެ މިނިސްޓަރުންނާ ޖުމްލަ ހަ ސުވާލެއް ކުރުމަށް ސިރާޖު ހުށަހަޅުއްވާފައިވެއެވެ.

ސިރާޖުގެ މައިގަނޑު ސުވާލަކީ، ފޮނުދޫ މަގު ހެދުމުގެ ދެވަނަ ފޭސްގެ މަޝްރޫއު ބަޖެޓުގައި ހިމެނިފައިވަނިކޮށް، އޭގައި ސޮއި ނުކޮށް، ދުވާފަރު މަޝްރޫއުގައި ސޮއި ކުރީ ކޮން އުސޫލަކުންތޯ އާއި ބިމުގެ ގޮތުން ބޮޑު ފޮނަދޫއަށް އިސްކަން ނުދީ، ބިމުގެ ގޮތުން މާ ކުޑަ ދުވާފަރުގެ މަގު ހެދުމަށް އިސްކަން ދޭން ޖެހުނީ ކީއްވެގެންތޯ ސާފު ކުރުމަށެވެ. އޭގެ އިތުރުން ބަޖެޓުގައި ހިމެނިފައި ނުވާ މަޝްރޫއުތަކަށް ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލަކީ ކޮބާއި ކަން އޭނާގެ ކުރާ ސުވާލުތަކުގެ ތެރޭ ހިމެނެއެވެ.

އަދި ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން ޕްރޮޖެކްޓްތައް ހިންގުން މަޑުޖައްސާލާފައި އޮއްވައި ބަޖެޓުގައި ނުހިމަނާ އޮތް މަޝްރޫއަކަށް 37 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމީ ކޮން އުސޫލަކުންތޯ ސުވާލު ކުރުމަށްވެސް ސިރާޖު ވަނީ ހުށަހަޅުއްވާފަ އެވެ.

"ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި އެހާބޮޑު އަދަދުން ހަރަދު ކުރަން ހުއްދަދެއްވީ ބަޖެޓްގައި ހިމެނިފައިވާ ހުރިހާ ޕްރޮޖެކްޓްތަށް ހިންގުމަށް ފައިސާ މިހާރު ލިބިފައިވަނީތޯ؟" މިނިސްޓަރު އަމީރާ ކުރައްވަން ހުށަހެޅި ސުވާލުތަކުގެ ތެރޭގައި ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ބެލެވޭގޮތުން މަޖިލީހުގެ ޗުއްޓީ ނިންމައި އަލުން ފެށުމުން އެ ވަޒީރުން ހާޒިރުކޮށް ސުވާލު ކުރާނެ އެވެ.

comment ކޮމެންޓް