ގައުމީ އިނާމަށް ކުރިމަތިލައި 94 ފަރާތަކުން ފޯމު ހުށަހަޅައިފި

ފެބްރުއަރީ 5، 2020: ގައުމީ އިނާމު ކޮމެޓީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ގައުމީ އިނާމަށް ކުރިމަތިލައި 94 ފޯމު ހުށަހަޅާފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ބުނެފިއެވެ.

އެ ކޮމެޓީ އިން ބުނީ މިހާރު ކުރިއަށްދަނީ އިނާމަށް ހުށަހެޅި ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބަލައި ފޯމުތައް ދިރާސާ ކޮށް ޕޮއިންޓު ދިނުމުގެ މަސައްކަތް ކަމަށެވެ.

މައިގަނޑު 33 ދާއިރާއަކުން މިއަހަރުވެސް ގައުމީ އިނާމު ދޭނެއެވެ. ކޮމެޓީ ހާމަކޮށްފައިވާ ގޮތުގައި އިނާމަށް މިއަހަރު ހުށަހެޅި 94 ފޯމު ހުށަހަޅާފައިވަނީ މި 33 ދާއިރާގެ ތެރެއިން 26 ދާއިރާއަކަށެވެ.

ސަރުކާރުން ދެމުންދާ ގައުމީ އިނާމަކީ ދިވެހި ގައުމާއިމުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.

މި އިނާމު ފުރަތަމަ ދޭން ފަށާފައިވަނީ، އާންމު ހިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް، މި އިނާމު ގަވައިދުން ދެމުން ގޮސްފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން މި އިނާމު ދެމުން ގެންދަނީ، ގައުމީ އިނާމުގެ ނަމުގައެވެ.

ގައުމީ އިނާމުގެ ގޮތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެއެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ، ގައުމާއި މުޖުތަމައަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވިގޮތަކަށް ހިދުމަތް ކުރާ ބޭފުޅުންނަށާއި ފަރާތްތަކަށް ދޭ އިނާމެކެވެ.

މިދިޔަ އަހަރުން ފެށިގެން ގައުމީ އިނާމު ދެމުން ގެންދަނީ ގައުމީ ދުވަހުއެވެ.

comment ކޮމެންޓް