ވަޒީރުންނަށް ނަޝީދު ނުފޫޒު ފޯރުވާކަމަށް ބުނެ އެކަން ހުއްޓުވަން ފިޔަވަޅު ކޮމެޓީގެ ނައިބު އެދިއްޖެ

ރައީސް މައުމޫނުގެ ދައުރުގައި އޭރުގެ އިދިކޮޅު ލީޑަރު އަދި ފަހުން ރައީސްކަން ކުރެއްވި ރައީސް ނަޝީދުގެ އަތްޕުޅުގައި ޝުއައިބު އަލީ ހިފަހައްޓަވައިގެން: ރައީސް ނަޝީދު އަށް ޝައައިބު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ----

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ފޯރުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއާ ޕާސަންގެ ހައިސިއްޔަތުން
ހަސަން ލަތީފް ކޮށްދެއްވުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިއު ޝުއައިބު އަލީ ސިޓީ ފޮނުއްވައިފި އެވެ.

ޝުއައިބު އެގޮތަށް ގޮވާލައި ސިޓީއެއް ފޮނުވާފައި މިވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ސޮއި ކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއަކާއި ގުޅިގެންނެވެ.

ރައީސް ނަޝީދު އިއްޔެ ފޮނުވި އެ ސިޓީއާ ގުޅިގެން އެމްޑީޕީ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ސޮއި ކުރައްވައި ހަސަން ލަތީފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ރޫހުގައި ޕާޓީގެ "ރޫޙާނީ ލީޑަރު"ގެ އުސޫލުތަކާއ ހަމަތަކާއި ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

އެކަން ޕާޓީގެ ފަރާތުން ހުއްޓުވަން ހުންނެވި ފަރާތަކީ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުގައި މިވަގުތު ހުންނެވި ހަސަން ލަތީފު ކަން ޝުއައިބުގެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހީމް މުޙައްމަދު ސޯލިޙު އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް އެދި ގޮވާލަމެވެ،" އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބް މުގައްރިރު ފޮނުއްވި ސިޓީގައިވެ އެވެ.

އެމްޑީޕީގެ އެންމެ އިސްލީޑަރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުކަން ފާހަގަކޮށް ޝުއައިބުގެ ސިޓީގައި ބުނެފައިވަނީ، ފަސް އަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރަން އޭނާ ނުރުހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތު ތެރެއިން ބޮޑުވަޒީރަކާއި ސަރުކާރު ހަވާލުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްކާތެރި ގޮތްކަމުގައި ނުދެކޭ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނު އަސީސީގެ 5 ވަނަ ބާބުގައި ވަޒީރަކު އަދާކުރަންޖެހޭ ވާޖިބުތަކާއި ވަޒީރުން ޖަވާބުދާރީ ކުރުވަންޖެހޭގޮތް ސާފު އިބާރާތުން ބަޔާކޮށްފައި އޮތުމާއި އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓް ގްރޫޕްގެ ހިންގާ ގަވާއިދާއި ޕާޓީގެ އެކި ގުނަންތަކުން އަމަލުކުރަންޖެހޭ ގޮތްވެސް ސާފު އިބާރާތުން ލިޔެ ބާޔާންކޮށްފައި އޮންނަ ކަން ޝުއައިބު ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ އުސޫލުތައް މަޖިލީހުގެ ގަވާއިދިގައި ލިޔެފައިވާއިރު ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާންކުރުމަކީ ގައްދާރުވުންކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް